صفيّة - أمّ المؤمنين

ޞަޙާބީންގެ ބައެއް ބޭކަލުން އަނެއްކާވެސް ވަޑައިގެން އެކަމަނާއާ ބެހޭގޮތުން ވާހަކަ ދެއްކެވިއެވެ. އެބޭކަލުން ވިދާޅުވިއެވެ. އޭ މާތްاللّـهގެ ރަސޫލާއެވެ!دحية الكلبىއެނެންގެވީ ޢާއްމު ޢަރަބި އަންހެނެއްނޫނެވެ. އެއީ ނަޟީރުވަންހައާއި ޤުރައިޡަތުވަންހައިގެ އަމީރާއެކެވެ. ޤުރައިޡަތުވަންހައިގެ ރައީސެއްގެ އަނބިކަނބަލުންނެވެ. އެކަމަނާ އެކަށީގެންވަނީ ކަލޭގެފާނަށެވެ.

ކައުސާހިބާصلّى اللّـه عليه وسلّمގެ އާދަފުޅަކީ، ހަނގުރާމައިގެ އަސީރުންގެ ތެރޭގައި ތިބޭ މާތް އަންހެނުންނަށް ހެޔޮފުޅުކޮށް ހިއްތެވުމެވެ. ޠައްޔުވަންހައިގެ އަމީރާسفّانة بنت حاتمހައްޔަރުކުރެވިގެން އެކަލޭގެފާނުގެ އަރިހަށް ގެނެވުމުން އެކަމަނާވެސް މިނިވަންކުރައްވައި ދޫކޮށްލެއްވިއެވެ. އިތުރު ސާހިބާގެ އަރިހަށް އެކަމަނާ ގެނެވުނުއިރު ބުރުގާކޮޅެއްވެސް ނެތެވެ. ކައުސާހިބާصلّى اللّـه عليه وسلّمގެ ރިދާކޮޅުން އެކަމަނާގެ އިސްތަށިފުޅު ނިވާކޮށްދެއްވިއެވެ. އެކަމަނާ ހައްޔަރުވެވަޑައިގަތީ ޠައްޔުވަންހައިގެ މީހުން އަޅުކަންކުރާ ފަލަސެވެ ކިޔުނު ބޮޑު ބުދު މުގުރާލެއްވުމަށްعلى بن أبى طالب رضى اللّـه عنهފޮނުއްވި ސަރިއްޔާގައެވެ. ކައުސާހިބާ އެކަމަނާ މިނިވަންކުރައްވައި އެކަމަނާ ދަތުރުކުރައްވާނެ ސަވާރީވެސް ދެއްވިއެވެ. އެކަމަނާ ވަޑައިގެން އެކަމަނާގެ ބޭބޭފުޅުعدىّ بن حاتمގެ އަރިހުގައި އެވާހަކަ ދެންނެވުމުން އެކަމަށް ޝުކުރު އަދާކުރެއްވުމަށްޓަކައިعدىّމަދީނާއަށް ވަޑައިގެންނެވިއެވެ. އިތުރު ސާހިބާގެ ދަޢުވަތަށް އިސްލާމްދީން ޤަބޫލުކުރެއްވިއެވެ.

ޔަހޫދީންގެ ޢަދާވަތްތެރިކަމުގެ ބޮޑުކަމާއި، ޚިޔާނަތްތެރިކަމާއި، ނަބީބޭކަލުންނާމެދު އެބައިމީހުން މުޢާމަލާކޮށްފައިވާ ނުބައިނުލަފާގޮތް އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވަނީ ކައުސާހިބާصلّى اللّـه عليه وسلّمއެވެ. ނަމަވެސް އިތުރު ސާހިބާصلّى اللّـه عليه وسلّمޤަޞްދުކުރެއްވީ ޞަހާބީންގެ މަޝްވަރާ ޤަބޫލުކުރައްވައި އަނެއްކާވެސް ޔަހޫދީންނަށް ހެޔޮކަމެއް ކޮށްދެއްވުމަށެވެ. އެބައިމީހުންގެ އަމީރާ މިނިވަންކޮށްދެއްވުމަށެވެ.دحية الكلبى رضى اللّـه عنهއަށް ބަދަލުދެއްވުމަށްފަހު (دحية الكلبى رضى اللّـه عنهއަށް ހަތް ކަނީޒުން ދެއްވުމަށްފަހު)السّيّدة صفيّةއެކަލޭގެފާނުގެ އަތްޕުޅުން އަތުލައްވައި އެކަމަނާ މިނިވަންކުރެއްވިއެވެ. އެކަމަނާ ބޭނުންފުޅުނަމަ ގެއަށް ވަޑައިގަތުމުގެ އިޚްތިޔާރު ދެއްވިއެވެ. ބޭނުންފުޅުނަމަ އިސްލާމްވެވަޑައިގެން އިތުރު ސާހިބާصلّى اللّـه عليه وسلّمގެ އަނބިކަނބަލަކަށް ވެވަޑައިގަތުމުގެ ފުރުޞަތު އޮތްކަމުގައިވެސް ވިދާޅުވިއެވެ.

އިތުބާރުހުރި ވަރަށްގިނަ ރިވާޔަތްތަކުގައިވާގޮތުން، ކައުސާހިބާصلّى اللّـه عليه وسلّم،السّيّدة صفيّةމިނިވަންކުރެއްވުމުން އިތުރު ސާހިބާصلّى اللّـه عليه وسلّمއަށް އެކަމަނާގެ ނަފްސު ހުށަހުޅެއްވީ ޚުދުالسّيّدة صفيّةއަމިއްލަފުޅަށެވެ. އެކަމަނާ ވިދާޅުވިއެވެ. "އޭ މާތްاللّـهގެ ރަސޫލާއެވެ! އަޅުގަނޑު އިސްލާމްވުމުގެ ކުރީންވެސް އަޅުގަނޑު ކަލޭގެފާނަށް އެދެމެވެ. އެހެންކަމުން، އަޅުގަނޑުގެ ބޭނުން ފުއްދަވައިދެއްވުން އެދެމެވެ."

އެހެން ރިވާޔަތެއްގައިވާގޮތުންالسّيّدة صفيّةވިދާޅުވީ މިދަންނަވާގޮތަށެވެ.

"އޭ މާތްاللّـهގެ ރަސޫލާއެވެ. އަޅުގަނޑު އިސްލާމްދީން ޤަބޫލުކޮށްފީމެވެ. ކަލޭގެފާނު ދަޢުވަތު ދެއްވުމުގެ ކުރީން ކަލޭގެފާނަށް އީމާންވެއްޖައީމެވެ. މިހާރު ޔަހޫދީންގެ ތެރެއަކު އަޅުގަނޑުގެ ބައްޕަޔަކުވެސް ބޭބެޔަކުވެސް ދަރިޔަކުވެސް ނެތެވެ. ކަލޭގެފާނު އަޅުގަނޑުގާތު ވިދާޅުވީ ކާފިރުކަމާއި އިސްލާމްކަމާ ދެކަމުގެ ތެރެއިން އެއްކަމެއް ޚިޔާރުކުރުމަށެވެ. އަޅުގަނޑު މިނިވަންކަމާއި ޤައުމުގެ ތެރެއަށް އެނބުރި ދިޔުމަށްވުރެ ބޮޑަށް ލޯބިކުރަނީ މާތްاللّـهއާއި އެކަލާނގެ ރަސޫލާއަށެވެ."

السّيّدة صفيّة رضى اللّـهعنــهاކައުސާހިބާصلّى اللّـه عليه وسلّمގެ އަނބިކަނބަލެއްގެ މަޤާމަށް ވަޑައިގަންނަވަން އެދިވަޑައިގަތުމުން އެކަމަނާގެ އެދިވަޑައިގެންނެވިފަދައިން އިތުރު ސާހިބާ އެކަމަނާއާ ކާވެނިބައްލަވައިގެންނެވިއެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ ސަތާރަ އަހަރުފުޅެވެ.السّيّدة صفيّة رضى اللّـهعنــها، أمّ المؤمنينގެ މަޤާމަށް ވަޑައިގަތުމަށްފަހު، ޔަހޫދީންގެ ގިނަމީހުންތިބީ ވަކިފަރާތަކަށްނުޖެހޭ ބައެއްގެ ގޮތުގައެވެ. ޔަހޫދީންގެ ޙަސަދަވެރިކަމާއި ޢަދާވަތްތެރިކަމާއެކުވެސް، މުޝްރިކުން މުސްލިމުންނާ ކުރާ ހަނގުރާމަތަކުގައި ފާޅުގައި ބައިވެރިޔެއް ނުވެއެވެ.

ކާވެނިފުޅުގެ ވަލީމާ

ކައުސާހިބާصلّى اللّـه عليه وسلّمއާއި،أمّ المؤمنينالسّيّدة صفيّة بنت حُيَيُّ رضى اللّـهعنــهاގެ ކާވެނިފުޅުގެ ވަލީމާއަކީ ވަރަށް އާދަޔާ ޚިލާފު ވަލީމާއެކެވެ. އޭގެކުރިން އެފަދަ ވަލީމާއެއް ފެނިފައިނުވާފަދަ ވަލީމާއެކެވެ. ކައުސާހިބާصلّى اللّـه عليه وسلّمމަދީނާއަށް އެނބުރިވަޑައިގެންނެވި ދަތުރުފުޅުމަތީގައި ޞަހްބާގައި ކާވެނިފުޅުގެ ރަސްމިއްޔާތު ބޭއްވެވިއެވެ. ހަމުން ހަދައިފައިއޮތް ވަރަށްބޮޑު ސުފުރާއެއް ފެތުރުއްވުމަށްފަހު އެބޭކަލެއްގެ އަތްޕުޅުގައިހުރި ފަރިއްކުޅުއްވާ އެއްޗެއް ހިއްޕަވައިގެން ސުފުރާދޮށަށް ވަޑައިގެންނެވުމަށް ގޮވައިލެވުނެވެ. ބައެއް ބޭކަލުން ކަދުރު، އަނެއްބައިބޭކަލުން ޗީޒް އަނެއްބައިބޭކަލުން ގިތެޔޮ ހިއްޕަވައިގެން ވަޑައިގެންނެވިއެވެ. ހުރިހާ ބޭކަލުން ޖަމާވެވަޑައިގަތުމުން ކައުސާހިބާصلّى اللّـه عليه وسلّمވެސް އެ ސުފުރާގައި އިށީނދެވަޑައިގެން އެންމެ ބޭކަލުން އެކުގައި ފަރީއްކުޅުއްވިއެވެ. މި ވަލީމާއަކު މަހެއް، ރޮށްޓެއްނެތެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمތިންދުވަސްވަންދެން ޞަހްބާގައި މަޑުކުރެއްވިއެވެ. ބުނެވޭގޮތުގައި އެތިންދުވަހުވެސް އެ ވަލީމާ މިގޮތަށް އޮތެވެ.

ޞަހްބާގައި ތިއްބެވި ތިއްބެވުމުގެ ތެރޭގައިالسّيّدة أمّ سُلَيم رضى اللّـه عنها،އިތުރު ސާހިބާصلّى اللّـه عليه وسلّمއަށްޓަކައިالسّيّدة صفيّة رضى اللّـهعنــهاޒީނަތްތެރިކުރައްވައި ތައްޔާރުކޮށްދެއްވިއެވެ.

ބަރަކާތްތެރި ހުވަފެންފުޅު

ކައުސާހިބާصلّى اللّـه عليه وسلّمއަށްأمّ المؤمنينالسّيّدة صفيّة رضى اللّـهعنــهاގެ ލޯފުޅުގެ ކައިރީގައި ނޫފައިގެންފައިހުރި ތަނަކާއި އެކަމަނާގެ މޫނުފުޅުމަތީގައިހުރި އިނގިލީގެ ނިޝާންތަކެއް ފެނިވަޑައިގަތުމުން އިތުރު ސާހިބާصلّى اللّـه عليه وسلّمސުވާލުކުރެއްވުމުން އެކަމަނާ ޖަވާބުދެއްވިއެވެ. އެކަމަނާގެ ގޭގައި އިންނެވިއިރު އެއްރެޔަކު އެކަމަނާގެ އުނގުފުޅަށް ހަނދު ވެއްޓުނީތީ ހުވަފެންފުޅުގައި ފެނިވަޑައިގެންނެވިއެވެ. އެވާހަކަ އެކަމަނާގެ ބައްޕަގެގާތުގައި ވިދާޅުވުމުން އޭނާ އެކަމަނާގެ މޫނުފުޅުމަތީގައި ވަރަށްބާރަށް ތަފާލެއް ޖަހައިފައި ބުންޏެވެ. "ޢަރަބީންގެ ރަސްގެފާނުގެ އަނބިކަނބަލަކަށްވުމުގެ ހުވަފެން ދެކެނީހެއްޔެވެ؟" އެތަފާލުގެ ސަބަބުން އެކަމަނާގެ މޫނުފުޅުގައިحُيَيُّގެ އިނގިލީގެ ނިޝާން އުފެދުނީއެވެ. ހަމައެފަދައިން އެކަމަނާكنانةއާ ކާވެނިބައްލަވައިގެންނެވިފަހުން އޭނާގެ އުނގުގައި އިސްތަށިފުޅު އަޅުއްވައިގެން އަވަހާރަފުޅަށް އޮންނަވަނިކޮށްވެސް އެކަމަނާއަށް އެހުވަފެންފުޅު ފެނިވަޑައިގެންނެވިއެވެ. އެކަމަނާكنانةގެ ގާތުގައި އެވާހަކަ ވިދާޅުވުމުން އޭނާވެސް އެކަމަނާގެ މޫނުފުޅުމަތީގައި ތަފާލެއް ޖެހިއެވެ. އޭނާ ބުންޏެވެ. "މަދީނާގެ ރަސްގެފާނުގެ އަނބިކަނބަލަކަށްވާން އެދެނީހެއްޔެވެ؟" އެކަމަނާގެ ލޯފުޅުގެ ކައިރި ނޫފައިގަތީكنانةޖެހި އެތިފަހަރެއްގެ ސަބަބުންނެވެ. އެ ނިޝާންތައް ފިލީ އެތައްދުވަހެއްގެ ފަހުންނެވެ.

ކާވެނިފުޅުގެ ރަސްމިއްޔާތުނިމި، ވަލީމާގެ ކަންތައް ނިމުނުއިރުވެސްالسّيّدة صفيّة رضى اللّـهعنــهاއަކީأمّ المؤمنينއެއްތޯ ނުވަތަ ހަމައެކަނި ޖާރިޔާއެއްތޯ މި ސުވާލު ޞަހާބީންގެ ހިތްޕުޅުގައި އޮތެވެ. އެކަމުގައި ނިޔާއެއް ކަނޑައެޅޭކަމެއްކަމުގައި އެބޭކަލުން ބެއްލެވީ އެކަމަނާ ފަރުދާ ބޭނުންކުރެއްވުމެވެ. ޞަހްބާގައި އިންނެވިއިރުأمّ المؤمنينފަރުދާ ބޭނުންކުރެއްވިއެވެ. ފަރުދާގެ ޙުކުމަކީ މިނިވަނުންނަށް ޚާއްޞަކަމަކަށްވާތީއެވެ.

ޞަހްބާއިން ފުރައިވަޑައިގަންނަވާންވުމުން ކައުސާހިބާصلّى اللّـه عليه وسلّمއަމިއްލަފުޅަށް އެކަމަނާ ޖަމަލަށް ސަވާރުކޮށްދެއްވިއެވެ. އިތުރު ސާހިބާ އެ ޖަމަލުގެ ކައިރީގައި ބިންމަތީގައި ކަކޫފުޅު ޖައްސަވައިލެއްވުމުންأمّ المؤمنينއިތުރު ސާހިބާ ފައިންޕުޅުމަތީގައި ފައިންޕުޅު އަޅުއްވައިފައި ޖަމަލަށް ސަވާރުވެވަޑައިގެންނެވިއެވެ. އިތުރު ސާހިބާ އެކަލޭގެފާނުގެ އަބާކޮޅުން އެކަމަނާ ފަރުދާކުރެއްވިއެވެ. އާދެ، މިއީالسّيّدة صفيّة رضى اللّـهعنــهاއަކީأمّولدއެއް ނޫންކަމަށާއިأمّ المؤمنينއެއްކަން އަންގަވާން ނަބަވީ ދަރުބާރުން ޢާއްމުކުރެއްވި އިޢުލާނެއްކަމުގައި ބެލެވުނެވެ.

أبو أيّوب الأنصارى رضى اللّـه عنهގެ ލޯބިފުޅު

އިސްލާމްދީނުގެ ނަބިއްޔާصلّى اللّـه عليه وسلّمގެ މިތުރު ޞަޙާބީންނަކީ ތާރީޚުން ދެވަނަ މިސާލެއް ފެންނާންނެތްފަދަ ބޭބޭކައުކަނބަލުންތަކެކެވެ. ކައުސާހިބާދެކެ އެބޭބޭކައުކަނބަލުން ވެވަޑައިގެންނެވި ލޯބިފުޅަށް ނަޒަރު ހިންގިކަމުގައިވިޔަސް، އެބޭބޭކައުކަނބަލުން އެކަލޭގެފާނަށްޓަކައި ވެވަޑައިގެންނެވި ޤުރްބާނީއާމެދު ވިސްނައިލިކަމުގައިވިޔަސްމެއެވެ. އެއްވެސް ނަބީބޭކަލެއްގެ ޙަވާރީންގެ ތެރެއަކުން އެފަދަ ނަމޫނާއެއް ދެއްކޭކަށެއްނެތެވެ.

أبو أيّوب الأنصارى رضى اللّـه عنهއަކީވެސް ޞަޙާބީންގެ ތެރެއިން މިރޮނގުން ފާހަގަކޮށްލެވޭ ބޭކަލެކެވެ. އިތުރު ސާހިބާ މަދީނާއަށް ހިޖުރަޔަށް ވަޑައިގެން އެންމެފުރަތަމަ ހުންނެވީ އެކަލޭގެފާނުގެ ގެކޮޅުގައެވެ.

ޚައިބަރު ހަނގުރާމައިން އެނބުރިވަޑައިގެންނެވި މަގުމަތީގައި އިސްލާމީ ލަޝްކަރު ރޭނގަނޑަށް މަންޒިލުކުރުމުން އިތުރު ސާހިބާصلّى اللّـه عليه وسلّمރޭކުރައްވަނީأمّ المؤمنين السّيّدة صفيّة رضى اللّـه عنــهاގެ ފޭލިގެކޮޅުގައެވެ.أبو أيّوب الأنصارى رضى اللّـه عنهކަނޑިކޮޅު ހިއްޕަވައިގެން އެފޭލިގެކޮޅުގެ ބޭރުގައި ރޭގަނޑު ހަތަރުދަމު ފާރަޔަށް ހުންނަވައެވެ.

އެއްރެޔަކުأبو أيّوب رضى اللّـه عنهކަނޑިކޮޅު ހިއްޕަވައިގެން އެފޭލިގެކޮޅުގެ ބޭރުގައި ހުންނަވަނިކޮށް ކައުސާހިބާصلّى اللّـه عليه وسلّمއަށް ފެނިވަޑައިގެން ސުވާލުކުރެއްވިއެވެ. "ކީއްވީތޯއެވެ؟ ކަމެއް މާގޯސްވީތޯއެވެ؟"أبو أيّوب رضى اللّـه عنهޖަވާބު އެރުއްވިއެވެ.

(ނުނިމޭ)