ފާއިތުވި ދެ އަހަރުވެސް ރާއްޖެ އިން ވަނީ ސާކު ފިލްމު ފެސްޓިވަލުގައި ރަނގަޅު ކާމިޔާބީ ތަކެއް ހޯދައިފަ އެވެ. ސާކް ކަލްޗަރަލް ސެންޓަރުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ސާކް ފިލްމު ފެސްޓިވަލުގައި މިދިޔަ އަހަރު ސީޒަނަލް މޫވީސްގެ އުފެއްދުމެއް ކަމުގައިވާ "އިންސާނާ" އަށް ވަނީ ބްރޮންޒް މެޑެއްޔެއް ލިބިފަ އެވެ. އަދި އޭގެ ކުރީ އަހަރު މަޝްހޫރު ނެށުންތެރިޔާ، ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ރަވީ ފާރޫގުގެ "އިނގިއްޔަށް" ވެސް ވަނީ ބްރޮންޒް މެޑަލް ލިބިފަ އެވެ.

އޭގެ އިތުރުން އެ ފިލްމުން އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އަށް ވަނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ވެސް ލިބިފަ އެވެ.

ޖެހިޖެހިގެން ދެ އަހަރު ލިބުނު ކާމިޔާބާ އެކު މި އަހަރުވެސް ރާއްޖެ އިން އެ ފެސްޓިވަލަށް ކުރިމަތިލީ ބޮޑު އުންމީދަކާ އެކު އެވެ. އެގޮތުން މި އަހަރުގެ ފެސްޓިލުގައި ދިވެހި ތިން ފިލްމު ބައިވެރި ކުރި އިރު، އެއީ ބެލުންތެރިންނަށް ކަމުދިޔަ ކާމިޔާބު ފިލްމު ތަކެކެވެ.

1. މިކޮއެ ބައްޕަ ބައޭ ބައޭ

ރަވީ ޑައިރެކްޓުކޮށްފައިވާ ޑާކް ރެއިން އެންޓަޓައިންމަންޓުގެ އެ ފިލްމުން ފެނިގެން ދާނީ ހަނދާން ނެތޭ ބަލިޖެހޭ ބައްޕައެއްގެ ކިބައިން މަންމައަކު އޭނާގެ ދަރިފުޅު ސަލާމަތްކުރުމަށް ކުރާ މަސައްކަތެވެ.

މަހުދީ އަހުމަދުގެ ވާހަކައަކަށް މުހައްމަދު އަލީ (މޮގަރ) ޕްރޮޑިއުސް ކުރި އެ ފިލްމުގެ ލީޑު ރޯލުން ފެނިގެން ދަނީ އައިޝަތު ރިޝްމީ އާއި މުހައްމަދު މަނިކު އެވެ.

މިކޮއެ ބައްޕަ ބައޭ ބައޭ ގެ ޕޯސްޓަރެއް ---

މޮޅު ފިލްމެއްގެ ގޮތުގައި ދިވެހިން ބަލައިގެން އެ ފިލްމު ސާކް ފިލްމު ފެސްޓިވަލުގައި އެ ފިލްމު ބައިވެރިކޮށްފައި ވަނީ ފީޗާ ފިލްމުގެ ބައިންނެވެ.

2. އަހްޝަމް

މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ސީޒަންގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، "އެސް ޕްރޮޑަކްޝަން"ގެ "އަހްޝަމް" ވެސް ބައިވެރިކުރީ ފީޗާ ފިލްމުގެ ބައިންނެވެ.

"އަހްޝަމް" އަކީ ތަފާތު އެކި ރަހަތަކަކާ އެކު ގެނެސްދީފައިވާ އެކްޝަން ފިލްމެކެވެ. މަހުދީ އަހުމަދު އަދި އަހުމަދު ޒަރީރުގެ ސްކްރީންޕްލޭ އަކަށް އުފެއްދި އެ ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެން ދަނީ ސީޒަން، އަހުމަދު ސައީދު، އައިމިނަތު ރިޝްފާ، ޒީނަތު އައްބާސް، އާރިފާ އިބްރާހިމް އަދި ރޯނު ހަސަން މަނިކު އެވެ. 1.5 މިލިއަން ރުފިޔާގެ ބަޖެޓަކުން އުފެއްދި އެ ފިލްމަކީ މިހާތަނަށް ރާއްޖޭގައި އުފެއްދި އެންމެ އަގުބޮޑު ފިލްމެވެ.

3. އެއްފަސް

ފެސްޓިވަލުގައި ކުރު ފިލްމުގެ ބައިން ބައިވެރި ކުރި، "އެއްފަސް" ޑްރާމާ އަކީ މިދިޔަ އަހަރު ބޭއްވި އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތަށް ހައުސިން މިނިސްޓްރީ އިން ތައްޔާރުކުރި ޑްރާމާ އެކެވެ.

ހައުސިންގެ ޑްރާމާ އެއްފަސްގެ މަންޒަރެއް. ސާކް ފިލްމު ފެސްޓިވަލުގައި އެ ޑްރާމާ ބައިވެރިކޮށްފައި ވަނީ ކުރު ފިލްމުގެ ބައިން ---

ރަވީ ޕްރޮޑިއުސްކޮށް ހައުސިންގް މިނިސްޓްރީގެ ފަރާތުން ތައްޔާރުކޮށްފައިވާ އެ ޑްރާމާގައި ދައްކުވައި ދެނީ ރާއްޖެތެރޭގައި ދިރިއުޅެމުން ދިޔަ އާއިލާތަކަށް ދިރިއުޅުމުގައި ދިމާވާ މައްސަލަތަކެެކެވެ.

އެ މުބާރާތުގެ އެންމެ މޮޅު ޑްރާމާއަކަށް ހޮވިފައި ވަނީ ވެސް "އެއްފަސް" އެވެ.

މޮޅު ފިލްމުތަކެއް ނަމަވެސް ވަނައެއް ލިބޭ ގޮތެއް ނުވި!

މި އަހަރުގެ ފިލްމު ފެސްޓިވަލާ މެދު ބޮޑު އުންމީދެއް ކުރެވުނު ނަމަވެސް، އެ ފެސްޓިވަލުގައި ރާއްޖެއަށް އެއްވެސް ވަނަ އެއް ލިބިފަ އެެއް ނުވެ އެވެ.

ނަމަވެސް މި އަހަރަކީ ދިވެހި ސިނަމާތަކުން ރަނގަޅު ފިލްމުތަކެއް ފެންނަ އަހަރަކަށް ވުމުން، އަންނަ އަހަރުގެ ފެސްޓިވަލުގައި ރާއްޖެއަށް އެވޯޑެއް ލިބުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މި އަހަރުގެ ފިލްމު ފެސްޓިވަލުގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ހޯދާފައި ވަނީ ހިންދީ ފިލްމު "މަސާން" އެވެ. މަސާން އަކީ ގިނަ އެވޯޑުތަކެއް ހޯދާފައިވާ ހިޓު ފިލްމެކެވެ. އެންމެ މޮޅު ފިލްމުގެ އިތުރުން، އެންމެ މޮޅު ޑައިރެކްޓަރަކަށް ވެސް ހޮވުނީ އެ ފިލްމުގެ ޑައިރެކްޓަރު ނީރަޖް އެވެ.

ކުރު ފިލްމުގެ ބައިން ރަން މެޑަލް ހޯދީ ލަންކާގެ ފިލްމު "އެޕަލް" އެވެ. އޯޕަން ކެޓަގަރީ އިން އެންމެ މޮޅު ފިލްމަކަށް ހޮވުނީ އަފްޣާނިސްތާނުން ފެސްޓިވަލުގައި ބައިވެރި ކުރި ފިލްމު "އޭން އެޕަލް ފްރޮމް ޕެރެޑައިސް" އެވެ.

އެންމެ މޮޅު އެކްޓްރެސް އަކަށް ހޮވުނީ ލަންކާގެ "ބޯރަ ދިޔާ ޕޮކޫނާ" ގެ ތަރި ކޯޝަލިޔާ ފާނެންޑޯ އެވެ. އެންމެ މޮޅު އެކްޓަރަކަށް ހޮވުނީ އަފްޣާނިސްތާނުގެ ރަޖަބު ގުރުސައިނޯވް އެވެ.