މަސްތުވާތަކެތި ބޭނުން ކުރާ އަންހެން ކުދިންނަށް އަމާޒުކޮށްގެން ސްވަޑާއި ޑީޑީޕީއާރުއެސް ގުޅިގެން ހަތް ދުވަހުގެ ޑިޓޮސިފިކޭޝަން ކޭމްޕެއް ބާއްވައިފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މަސްތުވާތަކެތި ބޭނުން ކުރާ އަންހެން ކުދިންނަށް އަމާޒުކޮށްގެން ބޭއްވި ޑިޓޮކްސިފިކޭޝަން ކޭމްޕާ ބެހޭ ގޮތުން ސްވަޑުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މި މަހުގެ 8 ން 14 އަށް ކ. ހުރާގެ ކޭމްޕްސައިޓްގައި ކުރިއަށް ދިޔަ ކޭމްޕްގައި ހަ ކުއްޖަކު ބައިވެރިވެފައިވާ ކަމަށެވެ.

ސްވަޑުން ބުނީ އެފަދަ ކޭމްޕެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ މުޖްތަމައުގައި އުޅޭ މަސްތުވާތަކެތި ބޭނުން ކުރާ އަންހެން ކުދިން އެކަމުން ސަލާމަތްވުމަށް އަދި މިހާތަނަށް ޑިޓޮކްސިފިކޭޝަން ސެންޓަރެއް ނެތުމުން އެކުދިންނަށް އެފަދަ ފުރުސަތެއް ހޯދައި ދިނުން ކަމަށެވެ.

މަސްތުވާތަކެތި ބޭނުން ކުރާ އަންހެން ކުދިންނަށް ޚާއްސަ ކޮށްގެން ހުރާގައި ބޭއްވި ކޭމްޕް ނިންމުމުގެ ރަސްމިއްޔާތުގައި ޑީޑީޕީއާރުއެސްގެ ޑިރެކްޓަރު ޖެނެރަލް އައިމިނަތު ޒީނިޔާ ދެއްކެވި ވާހަކައިގައި އެފަދަ ކޭމްޕެއް ކުރިއަށް ގެންދިއުމުގެ ސަބަބުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ކުދިންނަށް ހުޅުވިގެން ދިޔަ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ވިދާޅުވި ކަމަށް ސްވަޑުން ބުންޏެވެ. އަދި އަވަސް މުއްދަތެއްގެ ތެރޭގައި އަންހެން ކުދިންނަށް ޚާއްސަ ކޮށްގެން ޑިޓޮކްސިފިކޭޝަން ސެންޓަރެއް ގާއިމް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޒީނިޔާ ވިދާޅުވި ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.

އެ ހަފްލާގައި ޔޫއެންއޯޑީސީ އާއި ހުރާ ކައުންސިލްގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ސްވަޑްގެ ސްޓާފުން ބައިވެރިވި އެވެ.