އއ. ތޮއްޑޫގެ ގޭބިސީތަކުގައި ބޭނުންކުރާ ކަރަންޓުގެ ބިލުން 50 ޕަސެންޓް ދައްކައިދިނުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް ހަސަން އިބްރާހިމް "ސަން" އަށް ވިދާޅުވީ، އެގޮތަށް ނިންމީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައި މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

ހަސަން އިބްރާހިމް ވިދާޅުވީ، ގާތްގަނޑަކަށް 2000 މީހުންގެ އާބާދީއެއް އޮންނަ ތޮއްޑޫގައި ރަމަޟާން މަހަކީ އެހެނިހެން މަސްތަކާ އަޅައިބަލާއިރު ކަރަންޓު ގިނައިން ބޭނުންކުރާ މަހަކަށް ވާތީ، ބިލުގެ 50 ޕަސެންޓް ދައްކައިދޭން ކައުންސިލުން ނިންމީ ކަމަށެވެ.

"އެހެނިހެން މަސްމަހާ އަޅައިބަލާއިރު ރަމަޟާން މަހަކީ ކަރަންޓު ހަރަދު ބޮޑު އަދި އެހެނިހެން ހަރަދުތައް ވެސް ބޮޑުމަހެއް. އެހެންވީމަ ރައްޔިތުންނަށް ފަސޭހަ ލުއިގޮތެއް ހޯދައިދިނުމުގެ ގޮތުން ކައުންސިލުން ނިންމީ ރަމަޟާން މަހުގެ ކަރަންޓް ބިލުގެ 50 ޕަސެންޓް ދައްކައިދޭން،" ހަސަން އިބްރާހިމް ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ހަސަން އިބްރާހިމް ވިދާޅުވީ، ކަރަންޓު ބިލު ދައްކައިދިނުމުގައި ބަލާނީ ހަމައެކަނި އެރަށަށް ނިސްބަތްވާ މީހުން އުޅޭ ގެތަކަށް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ، އެރަށުގައި އެކި ވަޒީފާތަކުގައި ވެސް ދިރިއުޅޭ ބިދޭސީންގެ ގެތަކުގެ ކަރަންޓު ބިލުގެ ވެސް 50 ޕަސެންޓް ކައުންސިލުން ދައްކައިދޭނެ ކަމަށެވެ.

ދަނޑުވެރިކަމުގައި ފާހަގަކޮށްލެވޭ ތޮއްޑޫ އަށް ކަރަންޓް ދެމުން އަންނަނީ ސްޓެލްކޯ އިންނެވެ.