08 Jun 2016, 21:19
ބެއިޖިން(ޖޫން 8): ދެކުނު ޗައިނާ ކަނޑުގައިވާ ޗައިނާގެ ސަރަހައްދީ ރޮނގާ ކައިރީގެ ހިސާބުތަކުގައި އެމެރިކާއިން ވައިގެ މަގުން ކުރިޔަށްގެންދާ ރިކޮނައިސެންސް ހަރަކާތްތައް (ވައިގެ މަގުން ޖާސޫސު ކުރުން) ހުއްޓާލުމަށް ޗައިނާއިން އެމެރިކާއަށް ގޮވާލައިފިއެވެ.
ޗައިނާގެ ދިފާއީ ވުޒާރާގެ ތަރްޖަމާން ވިދާޅުވީ އެމެރިކާ ކުރިޔަށްގެންދާ ވައިގެ މަގުން ޖާސޫސު ކުރުމުގެ ހަރަކާތްތައް ޗައިނާގެ ކަނޑުގެ ސަރަހައްދީ ރޮނގާ ކައިރީ ހިސާބުތަކުގައި ކުރިޔަށްގެންދިޔުމަކީ ޖެއްސުންކުރުމުގެ އަމަލެއްކަމަށް ބެލެވިދާނެ ކަމަށާއި މިކަންހުއްޓާލުމަށް އެމެރިކާއަށް ގޮވާލާކަމުގައެވެ. މިހަރަކާތްތައް ހުއްޓާލުމަށް އެމެރިކާ ދެކޮޅު ހަދާނަމަ ރައްދުގައި އަޅަންވާ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުވެސް ޗައިނާގެ މަސްއޫލުވެރިޔާ ދެއްވިއެވެ.

ދެކުނު ޗައިނާ ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ މަނަވަރުތައް
ޗައިނާގެ ދިފާއީ ވުޒާރާއިން މިމޭރުމުން ވާހަކަ ދައްކާފައިމިވަނީ ދެކުނު ޗައިނާ ކަނޑުގެ މަތިން އުދުހުނު އެމެރިކާގެ ޖާސޫސީ މަތިންދާބޯޓަކަށް ޗައިނާގެ ފައިޓަރ ޖެޓަކުން ހުރަސްއެޅިކަން ބަޔާންކޮށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން ބަޔާނެއް ނެރެފައިވަނިކޮށެވެ. ޕެންޓަގަންގެ ބަޔާނުގައި ދެކުނު ޗައިނާ ކަނޑުގެ ބައިނަލްއަގްވާމީ ސަރަހައްދުގެ މަތިން އުދުހުނު އެމެރިކާގެ އާރުސީ -135 މަރުކާގެ ރިކޮނައިސެންސް ބޯޓަކަށް ޗައިނާގެ ޖޭ -10 ގެ ފައިޓަރ ޖެޓަކުން ހުރަސްއެޅީ ވައިގެ ދަތުރުފަތުރަށް ނުރައްކާކުރާ ގޮތަކަށްކަމަށްވެސް ބުނެފައިވެއެވެ.
މިދިޔަ މަހުވެސް އެމެރިކާގެ ރިކޮނައިސެންސް ބޯޓަކަށް ޗައިނާގެ ފައިޓަރ ޖެޓަކުން ހުރަސްއެޅިކަމަށްބުނެ ޕެންޓަގަންއިން ޝަކުވާކޮށްފައިވެއެވެ. އަދި ޗައިނާގެ އަސްކަރީ ޕައިލެޓުންގެ މިފަދަ ހަރަކާތްތަކަކީ ވައިގެ އެކްސިޑެންޓެއް ހިނގައިފާނެ ފަދަ ނުރައްކާތެރި އަމަލެއްކަމަށްވެސް ޕެންޓަގަންއިން ސިފަކޮށްފައިވެއެވެ. ޗައިނާއާ އެތަށް ހާސް މޭލެއްގެ ދުރުގައިވާ އެމެރިކާ ޗައިނާގެ ސަރަހައްދީ ރޮނގުގެ ކައިރިއަށް އައިއިސް ދެކުނު ޗައިނާ ކަނޑުގެ މަތިން އުދުހެމުންދާ ސަބަބުތަކާބެހޭގޮތުން ޗައިނާގެ މީޑިޔާއިންވެސް ގެންދަނީ ސުވާލު ކުރަމުންނެވެ. ޗައިނާއަކީ އެމެރިކާގެ ސަރަހައްދުގެ ކައިރިއަށް ޖާސޫސީ އުޅަނދުތަކާއި އަސްކަރީ އުޅަނދުތައް ފޮނުވާ ގައުމެއްނޫނެވެ. ޗައިނާ ގެންދަނީ ދެކުނު ޗައިނާ ކަނޑުގައިވާ ފަޅެއް ހިއްކައި އެތަނުގައި އުމްރާނީ ހަރަކާތްތަކެއް ހިންގަމުންނެވެ.

ދެކުނު ޗައިނާ ކަނޑުގައި ޗައިނާ ހިއްކާ ފަޅު
މިއީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އިޢުލާންކޮށްފައިވާ އެގައުމުގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ފަޅެކެވެ. މިފަޅުގެ ބޭނުން ޗައިނާ ކުރަމުން ގެންދާތީއާއި ދެކުނު ޗައިނާ ކަނޑުގެ ބޮޑުބައެއްގެ މިލްކުވެރިކަމަށް ޗައިނާ ދައުވާ ކުރަމުން ގެންދާތީ އެމެރިކާ ގެންދަނީ ކަންބޮޑުވާކަން ހާމަކުރަމުންނެވެ. އަދި ދެކުނު ޗައިނާ ކަނޑަށް އަސްކަރީ މަނަވަރުތަކާއި އަސްކަރީ މަތިންދާބޯޓުތައް ފޮނުވައި ބައިނަލްއަގްވާމީ ދަތުރުފަތުރުގެ ހައްގު ކޮންމެ ގައުމަކަށްވެސް އޮންނާނެ ކަމަށްބުނެ އެމެރިކާ ގެންދަނީ އަޑުއުފުލަމުންނެވެ.
މީގެއިތުރުން މިމައްސަލާގައި އެމެރިކާ ގެންދަނީ ޗައިނާއާ ދެކޮޅަށް ތެދުވުމަށް ޗައިނާގެ އަވަށްޓެރި ގައުމުތަކަށް ހިއްވަރު ދީ ދޭތެރެޖެއްސުމުގެ އަމަލުތަކެއްވެސް ހިންގަމުންނެވެ. (ނޫސްއެޖެންސީތައް)