08 Jun 2016, 15:14
ނ. ހޮޅުދޫ ވީރޯޒީބޭންކް އުމުރުން 73 އަހަރުގެ އިސްމާއިލް އަބްދުއްރަހުމާނު (އިސްމާއީލްބެ) ގަސްތުގައި މަރާލި ކަމަށް ތުހުމަތުކޮށް ދައުލަތުން ދައުވާ އުފުލާފައިވާ އެރަށު، އާޒާދު، ހާރޫން އަބްދުއްލަތީފު އެދައުވާއަށް އިންކާރުކޮށްފި އެވެ.
ދައުލަތުން ހާރޫނުގެ މައްޗަށް އެދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ރޭ ހޮޅުދޫ މަސްޖިދުލް އިހުލާސް މިސްކިތުން އިޝާ ނަމާދަށްފަހު މިސްކިތުން ފައިބައިގެން ދަނިކޮށް ހާރޫނު ހަނި ގޯޅިއެއްގައި ހުރެ ގޮވައި ގެންގޮސް ދިގުމިނުގައި 10 އިންޗި ހުންނަވަރުގެ ތިލައެއް އިން ވަޅިއަކުން އިސްމާއިލްބެ މެޔަށް ހެރުމުގެ ސަބަބުން 18 ނޮވެމްބަރުގައި އިސްމާއިލްބެ މަރުވެފައިވާތީ ކަމަށް ދައުލަތުން ބުންޏެވެ.
ހާރޫނުގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.
ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުން
- 17/2010 -5) (ހ) ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ހައްގަކައިނުލައި މީހަކު މަރައިފިނަމަ ގަސްތުގައި މީހަކުމެރުމުގެ ކުށުން އެމީހަކު ކުއްވެރިވާނެ އެވެ.
- (ނ) - މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ މަރުގެ އަދަބެވެ.
އެމައްސަލާގައި ދައުލަތުގެ ހަރަދުގައި ވަކީލަކު އައްޔަން ކުރުމަށް ހާރޫނަށް ވަނީ 15 ދުވަހުގެ މުއްދަތެއްދީފަ އެވެ.