މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިންތިޒާމުކޮށްގެން މާފުށީ ޖަލުގައި ބާއްވާ "ރަމަޟާން ފުޓްސަލް ކަޕް 2016" ފަށައިފި އެވެ.

ރޭ ފެށި އެ މުބާރާތް އިފްތިތާހު ކޮށްދެއްވީ މާފުށީ ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ސަލްމާން ރަޝީދު އެވެ.

އޮފިސަރުންނަށް ހާއްސަކޮށްގެން ކުރިއަށްދާ އެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ ބައްދަލުކުރީ އޮފެންޑާ ސްޕޯޓްސް އާއި މެނޭޖްމަންޓް ޖޫނިއާސް އެވެ. އެ މެޗު 3-4 ލަނޑުން ކާމިޔާބުކުރީ އޮފެންޑާ ސްޕޯޓްސް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އޮފެންޑާ ސްޕޯޓްސްގެ މުހައްމަދު މުސްލިހު އެވެ.

މާފުށީ ޖަލުގައި ފެށި ރަމަޟާން ފުޓްސަލް ކަޕްގެ ތެރެއިން --- ފޮޓޯ: މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

އެ މުބާރާތުގައި މިރޭ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔުނިޓް މެނޭޖްމަންޓާއި ލޮޖިސްޓިކްސް އެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ އައިވަރީ އާއި އައިކޯސްޓް އެވެ.

މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގައި ޖުމްލަ 11 ޓީމު ބައިވެރިވެފައިވެ އެވެ.