ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގައިގައި އަތްލުމުގެ ދައުވާއާ ގުޅިގެން ވަކީލަކު އައްޔަން ކުރުމަށް އޭނާއަށް ފަސް ދުވަސް ދީފި އެވެ.

މިއަދު އެ މައްސަލާގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ މުލިއާގެ ކައިރިން ފެނުނު އައިޑީ ނައްތާލަން ފުލުހުން މައްސައްކަތް ކުރަމުން ދަނިކޮށް ފުލުހެއްގެ މޭ މަތީގައި ޖަހައި ފުލުހުންނަށް ފިޔާޒު ހުރަސް އަޅާފައިވާ ކަމަށެވެ.

ފިޔާޒުގެ މައްޗަށް ގައިގައި އަތްލުމުގެ ދައުވާ އުފުލާފައިވަނީ އާ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރުގެ ދަށުންނެވެ. އަދި ދަރަޖަކޮށްފައިވަނީ އާގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ށ)ގެ ތިން ވަނަ ނަމްބަރުގެ ދަށުންނެވެ.

އާގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރު

(ހ) - މީހެއްގެ ރުހުމަކާ ނުލައި އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ހިންގާ މީހާ އެކުރަނީ ކުށެކެވެ.

1. އޭނާގެ ގައިގައި އަތްލުން ނުވަތަ އޭނާ އަށް އަނިޔާއެއް ދިނުން

ގައިގައި އަތްލުމުގެ ދައުވާ ފިޔާޒުގެ މައްޗަށް ސާބިތިވެއްޖެ ނަމަ އާގާނޫނުލްއުގޫބާތުގެ ދަށުން ދެވޭނެ އެންމެބޮޑު އަދަބަކީ ތިން މަހަށް ޖަލަށްލުމެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ މުލީއާގެ ކައިރިން ފެނުނު އައިއީޑީ ނުގޮވާގޮތަށް ހެދުމަށް ސްޓޭޑިއަމް ސަަރަހައްދުގައި ސިފައިން ހަރަކާތްތެރިވަމުން ދިޔަވަގުތު އެ ސަރަހައްދުން ފުލުހުން ވަނީ ފިޔާޒާއި ރާއްޖެ ޓީވީގެ އިތުރު ދެ ނޫސްވެރިޔަކު ހައްޔަރުކޮށްފަ އެވެ.

އެރޭ ހައްޔަރުކުރި ރާއްޖެ ޓީވީގެ ޖާނަލިސްޓު މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ މައްޗަށް ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ އުފުލާފަ އެވެ.