ނައިޖީރިއާގެ ކުރީގެ ޑިފެންޑަރު އަދި ކޯޗު ސްޓެފަން ކެޝީ، އުމުރުން 54 އަހަރުގައި މަރުވެއްޖެ އެވެ.

ކެޝީގެ އާއިލާގެ ފަރާތުން އެމެނުއެލް އަޑޯ ކަށަވަރު ކޮށްދީފައިވާ ގޮތުގައި، ކެޝީ މަރުވީ ހިތަށް ކުރިމަތިވި މައްސަލައަކާ ގުޅިގެން މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

ކެޝީ މަރުވި އިރު، އޭނާގެ މަންމަ އާއި ހަތަރު ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. ކެޝީގެ އަންހެނުން ކޭޓް މަރުވީ ކެންސަރު ޖެހިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ކެޝީގެ އަންހެނުން މަރުވީ ކައިވެނިކޮށްގެން އުޅޭތާ 35 އަހަރު ވެފައި ވަނިކޮށެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ރިޓަޔާ ވުމަށް ފަހު، ކެޝީގެ ކޯޗިން ކެރިޔަރު ފެށީ 2004 ވަނަ އަހަރު އެވެ. ކެޝީ ކޯޗު ކޮށްދީފައި ވަނީ ޓޯގޯ ގައުމީ ޓީމާއި މާލީ ގައުމީ ޓީމު އަދި ނައިޖީރިއާ ގައުމީ ޓީމަށެވެ.

ކޯޗިން ކެރިޔަރުގައި ކެޝީ ހޯދި އެންމެ ބޮޑު ކާމިޔާބަކީ 2013 ވަނަ އަހަރު އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ނައިޖީރިއާ އަށް ހޯދައި ދިނުމެވެ. ހަމަ އެ އަހަރުގެ އެފްރިކާގެ އެންމެ މޮޅު ކޯޗުގެ މަގާމު ވެސް އޭނާ ހޯދި އެވެ. ވޯލްޑް ކަޕް 2014ގައި ވެސް ނައިޖީރިއާ ޓީމަށް ކެޝީ އިރުޝާދު ދިނެވެ.