08 Jun 2016, 14:12
ވޮޝިންޓަން (ޖޫން 8) : ގަތަރަށް 668 މިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ނިންމިކަން އެމެރިކާ ހާމަކޮށްފިއެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން ބުނީ ގަތަރަށް ވިއްކަން ހަމަޖެހިފައިވާ ހަތިޔާރު ވިއްކުމުގެ ހުއްދަ ކޮންގްރެސްއިން ލިބިފައިވާ ކަމަށާ މިކަމަށް އިޢްލާންކުރުމުން ކުރިމަތިލި ކުންފުނިތަކުގެ ތެރެއިން ބިޑް ކާމިޔާބުކޮށްގެން ހޮވިފައި ވަނީ ބޮއިންގް ކުންފުނި ކަމުގަ އެވެ. އެމެރިކާގައި މަތިންދާބޯޓު އުފައްދާ އެންމެ ބޮޑު ކުންފުނިކަމަށްވާ ބޮއިންގް އަކީ ހަތިޔާރުވެސް އުފައްދާ ކުންފުންޏެކެވެ.
އެކުންފުނިން އުފައްދާ ހަތިޔާރުގެ ބާވަތްތަކުގެ ތެރޭގައި ފައިޓާ ޖެޓާއި އަސްކަރީ ކާގޯ ބޯޓުތަކާ އެކިބާވަތުގެ ހެލިކޮޕްޓަރުތަކުގެ އިތުރުން ރާޑަރާއި ހަނގުރާމައިގާ ކޮމިއުނިކޭޓް ކުރުމަށް ބޭނުންކުރާ އާލާތްތައް ހިމެނެ އެވެ. ގަތަރަށް ވިއްކުމަށް ހަމަޖެހިފައި ވަނީ އަޕާޗޭ އޭ އެޗް 64 މަރުކާގެ ހެލިކޮޕްޓަރު ކަމަށް ޕެންޓަގަން އިންބުނެއެވެ. މިއީ ހަނގުރާމައިގާ ބޭނުންކުރުމަށް އެމެރިކާގައި އުފައްދާ އެންމެ ހައިޓެކް ހެލިކޮޕްޓަރެވެ.
ގަޑީއަކު ގާތްގަނޑަކަށް 300 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރުމުގެ ގާބިލްކަން މިބަވަތުގެ ހެލިކޮޕްޓަރަށް ލިބިފައިވެ އެވެ. ގަތަރުން ގަތުމަށް ބޭނުންވާ ހަތިޔާރުގެ ޝިޕްމަންޓްގެ ތެރޭގައި އަޕާޗޭ އޭ އެޗް 64 މަރުކާގެ 24 ހެލިކޮޕްޓަރާއި ރާޑަރާއި ހަނގުރާމައިގާ ކޮމިއުނިކޭޓް ކުރުމަށް ބޭނުންކުރާ އާލާތްތައްވެސް ހިމެނޭކަމަށްވެއެވެ. މީގެއިތުރުން މިހެލިކޮޕްޓަރުތައް ދުއްވާނެ ޕައިލެޓުންނާއި އެތަކެތި މަރާމާތުކޮށް ބަލަހައްޓާނެ ފަންނީ މީހުން ތަމްރީންކޮށްދިނުން ވެސް ހަތިޔާރުގެ މިޝިޕްމަންޓްގައި ހިމެނޭކަން ޕެންޓަގަންއިން ބުނެ އެވެ.
ގަތަރަކީ ގަލްފުގެ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުއްސަނދި ގައުމެވެ. ގަތަރުގެ އާބާދީ ކުޑަވެފައި ތެލުގެ އިތުރުން ގުދްރަތީ ގޭސްވެސް އެގައުމުން ބޭރުކުރާތީ ތެލުގެ އަގުދަށްވުމުގެ ސަބަބުން ސައޫދީ އަރަބިޔާއަށް ކުރިމަތިވެފައިވާ ފަދަ މާލީ މައްސަލަތައް ގަތަރަށް އަދި ކުރިމަތިވެފައެއް ނުވެ އެވެ. ގަތަރަށް މިހަތިޔާރުތައް ވިއްކާއިރު އެގައުމަކީ ޔަމަންގެ ހަނގުރާމައިގާ ސީދާ ގޮތެއްގައި ބައިވެރިވާ ގައުމެކެވެ. އަދި ސޫރިޔާ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ އެގައުމުގެ އިދިކޮޅު ޖަމާއަތްތަކަށް ވެސް މާލީ އެހީއާއި ބައެއް ބާވަތުގެ ހަތިޔާރު ގަތަރުން ފޯރުކޮށްދެ އެވެ. މިއާއެކު ގާތްގަނޑަކަށް ހަތަރު ލައްކަ އެއްހާ މީހުންގެ އާބާދީއެއް އޮންނަ ގަތަރަކީ އެމެރިކާއިން އެންމެ ގިނައިން ހަތިޔާރު ގަންނަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި ހިމެނޭ ގައުމެކެވެ. (ރޮއިޓާސް)