16 May 2011, 15:11
ރ. އިންނަމާދޫގައި އިންޑިއާގެ ނުވަ މަހުގެ ތުއްތު ކުއްޖެއްގެ ގަޔަށް 10 ކުދިންގެ މީސިލްސް ވެކްސިން ދިން މައްސަލައެއް ހޫނުވެ، ހިއުމަން ރައިޓްސް ކޮމިޝަނުންނާއި ސެންޓާ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްޓްރޯލުން ބަލަން ފަށައިފި އެވެ.
ސެންޓާ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްޓްރޯލް [ސީސީއެޗްޑީސީ]ގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަހުމަދު ހަލީލް މިއަދު ވިދާޅުވީ އިންނަމާދޫގައި ހިނގި އެފަދަ މައްސަލައެއް އެކޮމިޝަނަށް ރިޕޯޓްކުރުމާ ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އެޗްއާރުސީއެމް އިން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
އިންނަމާދޫ އެސިސްޓެންޓް ކޮމިއުނިޓީ ހެލްތު އޮފިސަރު ހަސަން ޝަރީފް މިއަދު ވިދާޅުވީ ނުވަ މަހުގެ އެ އަންހެން ކުއްޖާގެ ގަޔަށް މިދިޔަ ހުކުރު ދުވަހު އޯވަޑޯޒްވާ ވަރަށް ވެކްސިންދީފައި ވަނީ އިންނަމާދޫ ސިއްހީ މަރުކަޒުގައި އުޅޭ އިންޑިޔާގެ ނަރުހެއް ކަމަށެވެ. އަދި އެކަން އެނގުނީ އާދީއްތަ ދުވަހު ވެކްސިންދޭން ބެލިއިރު މީސިލްސް ވެކްސިން ހުސްވެފައިވާތީ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީސިލްސް ވެކްސިންއަކީ ކުޑިކޮށް ފުޅިއެއްގައި ހުންނަ އެއްޗަކަށްވާ އިރު އެވެކްސިން ދިނުމުގެ ކުރިން އެ ކުޑިތަކާ އެއްކުރަން ޖެހޭ މީސްސްލް ޑައިލުއޭޓް ފެނުގެ ބަދަލުގައި އެ ނަރުސްކުއްޖާ ބޭނުންކޮށްފައި ވަނީ ވެސް ނުބައި ފެނެއް ކަމަށެވެ.
އެއް ފުޅިން 10 ކުދިންނަށް ވެކްސިން ދެވޭނެ ކަމަށާއި އެއްކުރުމަށް ފަހު ވެސް ހަ ގަޑިއިރު ބެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ނަރުސް ކުއްޖާ އެކަންތައް ކުރީ ހެލްތު ކޯޕަރޭޝަނުގެ ބޭފުޅަކު އަންގައިގެން. ވެކްސިންދޭން އޮންނަނީ ކޮންމެ މަހެއްގެ ވެސް 15 ގައި. ނަރުސް ކުއްޖާ މީސްލްސް ޕައުޑަރަށް އަޅާފައި ވަނީ އަޅަން ޖެހޭ ފެން ނޫން ފެނެއް. ވެކްސިންދީ އޯވަޑޯޒް ވުމުގެ ސަބަބުން އެ ކުއްޖާ އެއް ދުވަސް އެއްކޮށް ނިދި ކަމަށް ވެސް އޭނާގެ އާއިލާ އިން ބުނޭ،" ޝަރީފް ވިދާޅުވި އެވެ.
އެ ކުއްޖާ މިއަދުގެ ވަގުތެއްގައި ވަނީ އުނގޫފާރު ހޮސްޕިޓަލަށް ވެސް ދައްކާފައި ކަމަށާއި ހަފްތާއެއް ވަންދެން އެ ކުއްޖާ އޮބްޒާވްކުރުމަށް އެހޮސްޕިޓަލުން އަންގާފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
ނޯދަން ހެލްތު ސާވިސް ކޯޕަރޭޝަންގެ އުނގޫފާރު ހޮސްޕިޓަލަށް ކަނޑައަޅާފައި ހުންނަވާ އެސިސްޓެންޓް މެނޭޖަރު ހުސެއިން ޝިހާމް މިއަދު ވިދާޅުވީ ވެކްސިންދިނުމަކީ ޕަބްލިކް ހެލްތު ޔުނިޓުން ކުރަން ޖެހޭ ކަމެއް ކަމަށާއި ނަމަވެސް 10 ކުދިންގެ ވެކްސިން އެކުއްޖާގެ ގަޔަށް ޖެހި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން އެކުއްޖާގެ ގަޔަށް އޯވަޑޯޒްވާ ވަރަށް ވެކްސިން ދިން މައްސަލާގައި ކޮމިއުނިޓީ ހެލްތު ވޯކަރު ނުވަތަ އެ ޔުނިޓުގެ ފަރާތުން އިހުމާލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އުނގޫފާރު ހޮސްޕިޓަލަށް އެ ކުއްޖާ ދައްކާފައިވާކަން އެނގިވަޑައިގެންފައިނުވާ ކަމަށް ވެސް ޝިހާމް ވިދާޅުވި އެވެ.
"ހެލްތު ވޯކަރަށް ގުޅުމުން ރިފިއުޒްކުރި [ދެކޮޅުހެދީ] އިންޖެކްޝަން ޖަހައިދޭން، ދެން ސިއްހީ މަރުކަޒުން ވެކްސިންދިނީ އަސާސީ ހިދުމަތަކަށް ވާތީ،" ޝިހާމް ވިދާޅުވި އެވެ.
ނަމަވެސް ކޮމިއުނިޓީ ހެލްތު ވޯކަރު ވިދާޅުވީ އެ މައްސަލާގައި އޭނާ އަށް ވެކްސިންދިނުމުގެ ކުރިން ގުޅާފައިނުވާ ކަމަށާއި ވެކްސިން ޖަހަންޖެހޭނީ ކޯޕަރޭޝަނުން ކަމުގައި ހެލްްތް މިނިސްޓްރީއާ ނޯދަން ހެލްތް ސާވިސަސް ކޯޕަރޭޝަނާ ދެމެދު ވެފައި އޮންނަ ސާވިސް ކޮންޓްރެކްޓް ( އެމްއޯއޭ ) ގައި ބުނެފައިވާ ކަމަށެވެ. އަދި އެކަމުގައި ހެލްތް ވޯކަރު ޒިންމާވާންނުޖެހޭނެ ކަމަށާއި ވެކްސިންދޭން ނޭނގޭ ނަމަ ދީގެން ވެސް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެތުއްތު ކުއްޖާއަކީ އެ ރަށުގައި މަސައްކަތްކުރާ އިންޑިއާ ފިރިހެން ޓީޗަރަކާ ރަސްމާދޫގައި އުޅޭ އިންޑިޔާގެ އަންހެނަކަށް ލިބިފައިވާ ކުއްޖެކެވެ.