08 Jun 2016, 14:04
ސިންގަޕޫރު (ޖޫން 8): މިއަންނަ އަހަރުގެ މޭ މަހުން ފެށިގެން ސިންގަޕޫރުގެ ސިވިލް ސާވެންޓުންނަށް އެމީހުންގެ އޮފީސް ކޮމްޕިއުޓަރުން އިންޓަނެޓް ބޭނުން ނުކުރެވޭ ގޮތަށް ހަދަން ސިންގަޕޫރުގެ ސަރުކާރުން ނިންމައިފި އެވެ.
ސިންގަޕޫރުގެ ސްޓްރެއިޓްސް ޓައިމްސްގައިވާ ގޮތުން އެގައުމުގެ ސިވިލް ސާވެންޓުން މިހާރު ބޭނުން ކުރަމުންދާ 100،000 އަށް ވުރެ ގިނަ ކޮމްޕިއުޓަރުން އިންޓަނެޓު ބޭނުން ނުކުރެވޭ ގޮތަށް ހަދަން އެގައުމުގެ ސަރުކާރުން ނިންމާފައި ވަނީ ރަސްމީ އީމެއިލްތައް ލީކުވުން ފަދަ ސަލާމަތީ ނުރައްކާތައް ކުޑަ ކުރުމުގެ ގޮތުންނެވެ.
އަދި އެކަމާ ބެހޭ މެމޯއެއް ސަރުކާރުގެ ހުރިހާ އޭޖެންސީތަކަށާއި މިނިސްޓްރީތަކަށާއި ސްޓެޓޫޗުއަރީ ބޯޑުތަކަށް ފޮނުވަމުންދާ ކަމަށް ނޫހުގައިވެ އެވެ.
އިންޓަނެޓް ބްލޮކް ކުރުމާ ހަވާލުވެފައިވާ އޭޖެންސީ، އިންފޯކޮމް ޑެވެލޮޕްމެންޓް އޮތޯރިޓީ (އައިޑީއޭ) އިން ބުނި ގޮތުގައި އާބަދަލުގެ ސަބަބުން ސައިބާ އެޓޭކުތަކުން ރައްކާތެރިވެ، މަސައްކަތް ކުރާ މާހައުލުގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ވެގެން ދާނެ އެވެ.
"އަޅުގަނޑުމެންގެ އައިޓީ ވިއުގައިގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރަން ސިންގަޕޫރު ސަރުކާރުން އަބަދުވެސް މަސައްކަތް ކުރޭ،" އައިޑީއޭގެ ތަރުޖަމާނަކު ވިދާޅުވި އެވެ.
ސިވިލް ސާވެންޓުންގެ އޮފީސް ކޮމްޕިއުޓަރުން އިންޓަނެޓު ބޭނުން ނުކުރެވޭ ގޮތް ހެދުމުން އެމުވައްޒަފުންނަށް އިންޓަނެޓު ބޭނުން ކުރެވޭނީ އެމީހުންގެ އަމިއްލަ ފޯނާއި ޓެބްލެޓު ފަދަ އާލާތްތަކުންނެވެ. އަދި އެއީ އިންޓަނެޓު ބޭނުން ކުރަން ޖެހޭ މަސައްކަތެއް ނަމަ އެފަދަ އޮފީސްތަކަށް ވަކިން އިންޓަނެޓް ޓާމިނަލެއް ހަދާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ސިންގަޕޫރު ސަރުކާރުގެ އެނިންމުމާ ގުޅިގެން އެ ގައުމުގެ ގިނަ ރައްޔިތުން ވަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑު ކިޔައިފަ އެވެ. (ސްޓްރެއިޓްސްޓައިމްސް)