08 Jun 2016, 13:56
މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު ހައްޔަރު ކުރިއިރު އެތާ ކައިރިން ފެނުނު މަސްތުވާތަކެތި ޕެކެޓުން އޭނާގެ ފިންގަ ޕްރިންޓް ފެނިފައި ނުވާ ކަމަށް ފުލުހުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.
ހައިކޯޓުން އިބްރާހިމް ރަޝީދު ދޫކޮށްލީ މިދިޔަ މަހު 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މުއްދަތުޖަހަން ހާޒިރު ކުރުމުންނެވެ. އެ މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުކަތުގެ ފަރާތުން ވަކީލާ ވިދާޅުވީ އިބްރާހިމް ރަޝީދު ހައްޔަރުކުރި ވަގުތު އޭނާ ރަބަރު ޕެކެޓެއް އެއްލާލިތަން ސީން އަށް ދިޔަ ބައެއް ފުލުހުންނަށް ފެނިފައިވާ ކަމަށެވެ.
އެހެންކަމުން އިބްރާހިމް ރަޝީދު ހައްޔަރުކޮށްފައި ވަނީ ފަނޑިޔާރުންގެ ގާނޫނުގައި ބުނެފައިވާ ގޮތަށް ކުށުގެ ވެށިން ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ. އަދި ވިދާޅުވީ "ކުށުގެ ވެށިން ފަނޑީޔާރަކު ހައްޔަރުކުރާ ނަމަ އަމުރެއް ބޭނުންވާނެ ކަމަށް ދައުލަތުން ނުދެކެން" ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެރޭ ކަންހިނިގި ގޮތް ކިޔާދެމުން ތިނަދޫ ކޮޓޫގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ވިދާޅުވީ އޭނާ މަގުމަތިން ހިނގާފައި ދަނިކޮށް ފުލުހުން ފިލާފައި ތިބެ ކުއްލިއަކަށް އޭނާގެ ބޯމައްޗަށް ފުންމާލީ "ބަނޑުހައިވެފައި އޮތް ސިންގާއެއް ކުޑަ ކުޑަ މީދާތަކަކާ ދިމާއަށް ދާގޮތަށް" ކަމަށެވެ. އަދި އެވަގުތު އޭނާ ބޮލުގައި އަތް އެޅުން ފިޔަވައި އިތުރު ހަރަކާތެއް ނުކުރާކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
ރަބަރު ޕެކެޓެއް އެއްލާލުކަމަށް ފުލުހުން ބުނި ނަމަވެސް އޭނާ އެއްވެސް ރަބަރު ޕެކެޓެއް ނުގެންގުޅޭ ކަމަށާއި އެއްލާވެސް ނުލާކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ. އަދި ފުލުހުން އެހެންބުނާ އިރު ފުލުހުން އޭނާ ހައްޔަރުކުރިތާ 11 މިނިޓް ފަހުން އޭނާއާ 11 ފޫޓު ދުރުން ރަބަރު ޕެކެޓެއް ހޯދި ކަމަށާއި އެއްލާލި ވަގުތު އެ ޕެކެޓް ނުހޯދީ ކީއްވެތޯ މެޖިސްޓްރޭޓް ވަނީ ސުވާލު އުފައްދާފަ އެވެ.
އެވަރުގެ ކުޑަ ސެލޯފިން ރަބަރުޕެކެޓެއް އެއްލާލުމުން އެހާދުރަށް ދާނެ ކަމަށް ބުއްދިއަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
އިބްރާހިމް ރަޝީދު ހައްޔަރުކޮށް ފުލުހުން ޗެކުކޮށްފައި ވަނީ މިފަހަރު އެކަނި ނޫންކަމަށާއި މީގެ ކުރިން ވެސް ދެފަހަރެއްގެ މަތިން މަސްތުވާތެކެތި ރާއްޖެ އެތެރެކުރަން އުޅޭ ކަމުގެ ތުހުމަތު ކުރެވިގެން ކަމަށް ބުނެ އެއްފަހަރު އެއާޕޯޓުން މާލެ އައިތަނުން ހައްޔަރުކޮށް ޗެކްކުރި ކަމަށާއި އަނެއް ފަހަރު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށް ޗެކްކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ އިބްރާހިމް ރަޝީދުގެ މައްޗަށް މަސްތުވާތަކެތީގެ ތުހުމަތު ކުރެވި އިންޓަލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށާއި ލިބުނު މައުލޫމާތާއި ގުޅިގެން އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް ޕީޖީ މެދުވެރިކޮށް އެދުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށެވެ. އަދި އަމުރަކަށް އެދިގެން އަމުރުލިބެންދެން މަޑުކޮށްފި ނަމަ ފުލުހުން ހިންގަން މަސައްކަތް ކުރި އޮޕަރޭޝަން ކާމިޔާބު ނުވެ މައްސަލާގެ ހެކި ގެއްލޭނެ ކަމަށް ގާބޫލުކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އިބްރާހިމް ރަޝީދުގެ ވަކީލު ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނުގައި ބުނެފައިވާ އަމުރު ހޯދުމަށް ފުލުހުން އެއްވެސް ވަރަކަށް މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އަދި ޕީޖީ އޮފީހާ ގުޅިގެން އެފަދަ މައްސަލަތައް ކުރިއަށް ގެންދިއުމަށް ފަނޑިޔާރުންގެ ގާނޫނުގައި ބުނެފައިވީ ނަމަވެސް އެ މައްސަލާގައި ހައިކޯޓަށް އިބްރާހިމް ރަޝީދު މުއްދަތު ޖަހަން ގެންދިއުމާ ހަމައަށްވެސް ޕީޖީ އޮފީހާ އެއްވެސް ވަރަކަށް މަޝްވަރާ ނުކުރާކަމަށް ފުލުހުން ހައިކޯޓުގައި ބުނެފައިވާ ކަމަށް ދިފާއި ވަކީލު ވިދާޅުވި އެވެ.
"ފުލުހުންގެ މަސައްކަތުން ދޭހަވަނީ އެބޭފުޅުން ފަނޑިޔާރުންގެ ގާނޫނުގެ ބާރުކަނޑުވާލަން މަސައްކަތްކޮށްފައިވާކަން،" ކަމަށް ދިފާއީ ވަކީލު ވަނީ ވިދާޅުވެފަ އެވެ. އަދި ހައިކޯޓުގެ ނިންމެވުމަށް ތާއީދުކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
ދައުލަތުގެ ފަރާތުން އެދިފައި ވަނީ ހައިކޯޓުން އިބްރާހިމް ރަޝީދު ދޫކޮށްލަން ނިންމި ނިންމުން ބާތިލުކޮށްދެއްވާ އޭނާ 15 ދުވަހަށް ބަނދުގައި ބެހެއްޓުމަށް އަމުރުކޮށްދެއްވުމަށެވެ.
އެ މައްސަލައާ ގުޅިގެން ޖޭއެސްސީ އިން ވަނީ އިބްރާހިމް ރަޝީދު ސަސްޕެންޑް ކޮށްފަ އެވެ. އެގޮތަށް ނިންމި ސަބަބެއް ކަމަށް ޖޭއެސްސީ އިން ބުނީ އިބްރާހީމް ރަޝީދު ސަސްޕެންޑު ކުރީ އޭނާއާ ގުޅޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރާތީ، އެ ކޮމިޝަންގެ ހިންގާ ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން ސަސްޕެންޑްކުރީ ކަމަށެވެ.