08 Jun 2016, 13:43
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެކަނި ކުރާ މަސައްކަތުން ޔޫރޯ 2016ގައި ކާމިޔާބެއް ނުހޯދޭނެ ކަމަށް އެ ޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފި އެވެ.
އުމުރުން 61 އަހަރުގެ ކޯޗު ސަންޓޯސް ގަބޫލުކުރާ ގޮތުގައި ރޮނާލްޑޯ އާ އެކު ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތުން ޕޯޗުގަލް އަށް ކާމިޔާބީއަކާ ހަމައަށް ދެވިދާނެ އެވެ.
"ރޮނާލްޑޯ އަކީ ރެއާލް މެޑްރިޑަށް މުހިންމު ކުޅުންތެރިއެއް. ހަމައެގޮތަށް އޭނާ އަކީ ޕޯޗުގަލް އަށް ވެސް މުހިންމު ކުޅުންތެރިއެއް. ކޮންމެ ސީޒަނެއްގައި 50 ނުވަތަ 60 ލަނޑު ޖަހައި ކުޅުންތެރިއެއް ނަަމަ، އެއީ ވަރަށް މުހިންމު ކުޅުންތެރިޔަކަށް ވާނެ. އެކަމަކު ރޮނާލްޑޯ އެކަނިމާ އެކަނި ހުރިހާ ކަމެއް ނުވާނެ. އެއްވެސް ކުޅުންތެރިޔަކު އަމިއްލަ މަސައްކަތުން މެޗަކުން މޮޅެއް ނުވާނެ. އަބަދުވެސް ޓީމުގެ އެހެން ކުޅުންތެރިންތެރިންގެ އެހީތެރިކަން ބޭނުންވާނެ،" ސަންޓޯސް ބުންޏެވެ.
ވޯލްޑް ކަޕް 2014ގައި ފިޓްނަސް މައްސަލައަކާ ގުޅިގެން ރޮނާލްޑޯ އަށް އެންމެ ރަނގަޅު ހިސާބަށް ޕޯޗުގަލް ގެންދެވިފައެއް ނުވެ އެވެ. ނަމަވެސް ސަންޓޯސް ބުނާ ގޮތުގައި، ފްރާންސްގައި ފާހަގަކޮށްލެވޭ ކުޅުން ދައްކާލެވޭ ވަރަށް އޭނާ ހުންނާނީ ފިޓްކޮށެވެ.
"އަހަރެމެން އަބަދުވެސް މި ދައްކަނީ ކުޅުންތެރިން 100 ޕަސެންޓް ފިޓްވާން ޖެހޭނެ ވާހަކަ. އެކަމަކު އެއީ އަސްލު ހަގީގަތެއް ނޫން. ރޮނާލްޑޯ 80 ޕަސެންޓް ވިޔަސް، އޭނާ ބޭކާރު ކޮށްލެވޭކަށް ނޯންނާނެ. އަހަރެމެން މި ދަނީ އޭނާގެ ފިޓްނަސްގެ ކަންތައް ވަރަށް ގާތުން ބަލަމުން. ރޮނާލްޑޯ އަށް ބޮޑު އަނިޔާއެއް ވެއްޖެއްޔާ އަހަރެމެންނަށް ވަރަށް އުނދަގޫވާނެ. ރޮނާލްޑޯ އަށް އެއްވެސް ވަރަކަށް ނުކުޅެވޭނެ ކަމުގައި އަހަރެމެން ބަލާ ނަމަ، އޭނާއެއް ޓީމަކު ނުހިމަނާނަން،" އޭނާ ބުންޏެވެ.
އަންނަ ހުކުރު ދުވަހު ފްރާންސްގައި ފަށާ ޔޫރޯގައި ޕޯޗުގަލް ލައްވާލީ އައިސްލެންޑާއި އޮސްޓްރިއާ އަދި ހަންގޭރީ އެވެ. ޔޫރޯގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހު ނުކުންނަން ޖެހޭނީ އައިސްލެންޑާ ދެކޮޅަށެވެ.