ޗައިނާގެ ސަރުކާރުން، އެ ގައުމުގެ މުސްލިމު މައިނޯރިޓީ ރައްޔިތުން ރޯދަ ހިފުމަށް މި އަހަރު ވެސް ހުރަސް އަޅަމުން ދާތީ އިންޑިއާގެ މުސްލިމުން އެކަމާ ރުޅިގަދަވެ، ޗައިނާއާ ދެކޮޅަށް މުޒާހަރާ ކޮށްފި އެވެ.

ޗައިނާގެ ހުޅަނގު އުތުރުގެ ޝިންޖަންގް ޕްރޮވިންސްގައި 10 މިލިޔަން މުސްލިމުން އުޅޭ އިރު، ޗައިނާ ސަރުކާރުން ވަނީ އެ ޕްރޮވިންސްގައި ސަރުކާރުގެ ވަޒީފާ އަދާކުރާ މުސްލިމުންނާއި މުސްލިމު ކިޔަވާ ކުދިން ރޯދަ ހިފުން މަނާކޮށްފަ އެވެ.

"ކޮމިއުނިސްޓް ޕާޓީ މެމްބަރުން، ސިވިލް ސާވަންޓުން، ކިޔަވާ ކުދިން އަދި ކުޑަކުދިން ރަމަޟާން މަހު ރޯދަ ހިފައި، ދީނީ ކަންކަމުގައި ބައިވެރިވެގެން ނުވާނެ، އަދި ރޯދަ މަހަށް ވީތީ، ކާބޯތަކެތި ވިއްކާ ތަންތަން ބަންދުކޮށްގެން ނުވާނެ،" ޝިންޖަންގް ޕްރޮވިންސްގެ ކޮރްލާ ސިޓީގައި، އެ ޕްރޮޗިންސްގެ ސެންޓްރަލް ގަވަމެންޓުން އާންމުކުރި އިއުލާނެއްގައިވެ އެވެ.

ނަމަވެސް ޗައިނާގެ މައި ސަރުކާރުން ބުނަމުން ދަނީ، މުސްލިމުންގެ ދީނީ ކަންކަމަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށެވެ.

ޗައިނާ ސަރުކާރުގެ މި އަމަލާ ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ މުސްލިމުން ވަނީ ރުޅިގަދަވެފަ އެވެ.

އެގޮތުން، އިންޑިއާގެ ލަކަނޫގައި މުސްލިމުން ވަނީ ޗައިނާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށް، ޗައިނާގެ ރައީސް ޝީ ޖިން ޕިންގްގެ މޫނު ޖެހި ބުދުތަކެއް ހަދައި އެތަކެތީގައި ހުޅު ޖަހައި އަންދައިފަ އެވެ.

އެމީހުން ބުނަމުން ދިޔައީ ޗައިނާގެ މުސްލިމުން ރޯދަ ހިފުމުން މަހުރޫމުކުރުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅޭ މުސްލިމުންނަށް ބޮޑު ބޭއިންސާފެއް ކަމަށެވެ.

ރޯދަ މަހަކީ ޗައިނާގެ 20 މިލިޔަނަށް ވުރެ ގިނަ މުސްލިމުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ މައްސަރެކެވެ. ރޯދަ މަހު މުސްލިމުންނާ ދެކޮޅަށް އެކި ކަހަލަ ހަމަލާތަކެއް ދެވި، ޖަރީމާތަކެއް ހިންގައި ގިނަ އަދަދެއްގެ މުސްލިމުން މަރާފައިވާ އިރު، ޗައިނާ ސަރުކާރުން ބުނަނީ އެކަމުގެ ޒިންމާ އުފުލަން ޖެހެނީ ހަރުކަށި ޚިޔާލުގެ މުސްލިމުން ކަމަށެވެ.