08 Jun 2016, 13:03
ޖޯޖިއާ އަތުން ސްޕެއިން ރޭ ކުޅުނު އެކުވެރި ކަމުގެ މެޗުގައި 1-0ގެ ނަތީޖާ އަކުން ބަލިވި ނަމަވެސް އެ ނަތިޖާގެ ސަބަބުން އަންނަ ހޮނިހިރު ދުވަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އަސަރެއް ނުކުރާނެ ކަމަށް ސްޕެއިންގެ ކޯޗު ވިސެންޓޭ ޑެލް ބޮސްކޭ ބުނެފި އެވެ.
ފީފާ ރޭންކިންގެ 147 ވަނާގައި އޮތް ޖޯޖިއާ އަތުން ޔޫރޯގެ އެންމެ ފަހުގެ ދެ މުބާރާތް ވެސް ކާމިޔާބު ކޮށްފައިވާ ވަރުގަދަ ސްޕެއިން ބަލިވި އިރު ގިނަ ބައެއްގެ ފާޑުކިއުން ސްޕެއިން ޓީމަށް ލިބެމުން އަނަންއިރު ޑެލް ބޮސްކޭ ބުނީ ދެ ދުވަސް ފަހުން ޔޫރޯ ފަށާއިރު އެކުވެރި ކަމުގެ މެޗުތަކުގައި ކުޅުންތެރިންގެ އެންމެ ވަރުގަދަ ކުޅުން ނެފެންނާނެ ކަމަށާއި އެއީ ވާމްއަޕް މެޗެއް ކަމަށެވެ.

ޔޫރޯ އަަށް ތައްޔާރުވުމުގެ ގޮތުން ސްޕެއިން އިން ޖޯޖިއާ ދެކޮޅަށް ކުޅުނު މެޗުގައި ސްޕެއިންގެ ޒުވާން ފޯވާށް ވަޒްކޭޒް ބޯޅަ ހިފައިގެން ދަނީ --- ފޮޓޯ: އޭޕީ
"ޓީމެއްގެ ގޮތުގައި ވަރަށް ރަނގަޅަށް ކުޅުނު. ކުޅުންތެރިންގެ ފަރާތުން ވެސް ފެނުނުނީ ހިތް ހަމަޖެހޭ ވަރުގެ ކުޅުމެއް. އަހަރެމެން މި ތައްޔާރު ވަނީ ކުރިއަށް އޮތް ޔޫރޯ މުބާރާތަށް،" ޑެލް ބޮސްކޭ ބުންޏެވެ.
ރޭ ސްޕެއިންއާ ދެކޮޅަށް ޖޯޖިއާ ޑިފެންސިވް ކުޅުމެއް ކުޅުނު އިރު އެ ޓީމުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ 41 ވަނަ މިނިޓްގައި ޓޯނިކޭ އޮކްރިއަޝްވިލީ އެވެ. އެއީ އެމެޗުގައި ޖިއޯޖިއާ އިން އުފެއްދި ހަމައެކަނި އެޓޭކް ކަން ވެސް ފާހަގަކޮށްލެވެ އެވެ.

ޔޫރޯ އަަށް ތައްޔާރުވުމުގެ ގޮތުން ސްޕެއިން އިން ޖޯޖިއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ޖޯޖިއާ އިން މެޗުގެ ލީޑް ނެގުމާ އެކު ސްޕެއިން އިން ގޯލެއް ކާމިޔާބު ކުރުމަށް ގިނަ މަސަތްކަތްތަކެއް ކުރި ނަމަވެސް ސްޕެއިން އަށް ވަނީ ޖީޖިއާގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް ނުވެފަ އެވެ. ރޭގެ މެޗުގައި ޑެލް ބޮސްކޭ ވަނީ ސްޕެއިންގެ ސްކޮޑްގައި ހިމެނޭ ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފަ އެވެ.
ޔޫރޯގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޯމަދުވަހުގެ ރޭ ޗެކް ރިޕަބްލިކާ ދެކޮޅަށް ނިކުންނައިރު އެ ގްރޫޕްގައި ދެން ހިމެނެނީ ކުރޮއޭޝިއާ އާއި ތުރުކީ އެވެ.