08 Jun 2016, 12:00
އަހަންނަކީ މާމޮޅު ލިޔުންތެރިއެއް ނޫނެވެ. ނަމަވެސް ކުރުވާހަކަ ލިޔުމަކީ އަހަރެންގެ "ހޮބީ" އެވެ. ސްކޫލް ދައުރުން ފެށިގެން އަހަރެންގެ ފެންވަރުން އަހަރެން އައީ ވާހަކަ ލިޔަމުންނެވެ. ޙަޤީޤީ ވާހަކަތަކާއި، ޚިޔާލީ ވާހަކަތަކެވެ. އޭރު އަހަރެން ލިޔާ ވާހަކަތައް ކިޔަނީ މުދައްރިސުންނާއި، ރައްޓެހިންނެވެ. ނަމަވެސް އަތޮޅުތެރެއަށް އިންޓަރނެޓްގެ ޚިދުމަތް ލިބެން ފެށުމުން އޮންލައިންކޮން އަހަރެންގެ ވާހަކަތައް އާންމުންނާ ހިއްސާކުރުމުގެ ފުރުޞަތު ލިބިގެންދިޔައެވެ. ނުދަންނަ މީހުންނާއި، އަހަންނަށްވުރެ މޮޅެތި ލިޔުންތެރިންގެ ފާޑުކިޔުމާއި، ތަޢުރީފު ލިބެން ފެށުމުން ލިޔުންތެރިކަމަށް އަހަރެންގެ ހިތުގައި އުފެދިފައިވާ ޝައުޤުވެރިކަން އިތުރުވެގެން ދިޔައެވެ.
"އަޒޫގެ ކުރުވާހަކަތައް" އެއީ އަހަރެންގެ ވާހަކަތައް ޕްރޮމޯޓް ކުރުމަށް ހެދި ފޭސްބުކް ޕޭޖެކެވެ. ކޮންމެ ވާހަކައަކަށް ތަކުރާރުކޮށް ލައިކް ކޮށް، ކޮމެންޓް ކުރާ ކިތަންމެ ބަޔަކު ތިބި ނަމަވެސް އަހަންނަށް މުޙައްމަދު އިމްދާދްގެ ނަން ފާހަގަކުރެވުނެވެ. އެ ނަން ރީތިވިއެވެ. އެހެންކަމުން ވާހަކައެއްގައި އެ ނަން ބޭނުން ކުރީމެވެ. އެ ވާހަކަ ޝާއިއު ކުރި ދުވަހު ފޭސްބުކް މެދުވެރިކޮށް އަހަންނަށް އިމްދާދްގެ މެސެޖެއް ލިބުނެވެ. ރީތި ވާހަކައެއްގައި އޭނާގެ ނަން ބޭނުން ކުރީތީ ޝުކުރު އަދާކޮށްފައި އަހަރެންގެ ވާހަކަތަކަށް ތަޢުރީފު ކުރިއެވެ. އެ ދުވަހުން ފެށިގެން އަހަންނާއި އިމްދާދުގެ ގުޅުން އައީ ބަދަހިވަމުންނެވެ. ދެކެވޭ ވާހަކަ އިތުރުވެ، އެކުވެރިއެއްކަމުގައި ދެކެން ފެށީމެވެ. އޭނާ ވެސް ބައެއް ފަހަރު ވާހަކަ ލިޔުމަށް ޚިޔާލު ދީ، ބިނާކުރުވަނިވި ފާޑުކިޔުންތައް އަހަންނާ ހިއްސާކުރަން ފެށިއެވެ. ކުރިން ކޮމެންޓްގައި ބުނެލާ "ވަރަށް ހިތްގައިމު"ގެ ބަދަލުގައި އިސްލާހުކުރަންވީ ކުދިކުދި ކަންކަން މުދައްރިސެއް ފަދައިން އަހަންނަށް ބުނެދޭން ފެށިއެވެ.
"ތީ ދިވެހި މުދައްރިސެއްތަ؟" ހިނިތުންވެފައިވާ މޫނަކާއެކު އަހަރެން ލިޔުނީމެވެ.
"ނޫން. ސްކޫލެއްގެ ޕްރިންސިޕަލް އެއް"
އިމްދާދުގެ ޖަވާބު ފެނުމުން އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ދެ މަސްދުވަސް ވަންދެން ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން ވާހަކަ މިދެއްކުނީ އެފަދަ ޤަދަރުވެރި މަޤާމެއްގައި ހުންނެވި، އިސް ބޭފުޅަކާ ހެއްޔެވެ؟ އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ފުރަތަމަ ފަހަރަށް އަހަރެން އޭނާގެ ޕްރޮފައިލް ބެލީމެވެ. އެއީ ތެދެކެވެ. އަލްބަމް ތަކުގައި މުޅިން ވެސް ހުރީ އެކިއެކި ސްކޫލްތަކުގައި އޭނާ މަސައްކަތް ކޮށްފައިވާކަން ދައްކުވައިދޭ ފޮޓޯތަކާއި، ސްކޫލްތަކުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާތަކުގައި ބައިވެރިވެފައިވާ ފޮޓޯތަކެވެ.
އިތުރަށް އެންމެ ސިކުންތެއް ވެސް ބޭކާރުކޮށްނުލާ އަހަރެން ހަމަ އެ ވަގުތު މަޢާފަށް އެދުނީމެވެ. މިހުރިހާ ދުވަހު އެގޮތަށް ވާހަކަ ދެއްކުނީ އެއީ ކޮން ފެންވަރެއްގެ، ކާކު ކަން ނޭނގޭތީ ކަމުގައި ބުނީމެވެ. އިމްދާދު ކައިރިއަށް އައީ ހިންޏެވެ. ކީއްވެ ކަމެއް އަހަންނަކަށް ނޭނގެއެވެ. އެދުވަހުގެ ފަހުން އަހަރެން އިމްދާދާ ވާހަކަ ދެއްކުން ވަރަށް ބޮޑަށް މަދުކުރީމެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗެއް ވެސް ބުނަނީ އެއީ ސްކޫލެއްގެ ޕްރިންސިޕަލްއެއް ކަން ވިސްނައިގެންނެވެ. ނަމަވެސް ދޭތެރެއަކުން އަހަންނަށް އިމްދާދްގެ މެސެޖް ލިބެއެވެ. "އައްސަލާމްޢަލައިކުމް" ބުނެލުމަށްފަހު އަހަރެން ޖަވާބެއް ނުދީފިނަމަ ދެން އިތުރު ވާހަކައެއް ނުދައްކައެވެ.
"އަޒޫ ކޮން ރަށެއް؟" އިމްދާދްގެ ޚަބަރެއް ނުވާތާ ދުވަސްތަކެއް ފަހުން އޭނާގެ މެސެޖެއް ލިބުނެވެ.
ގިނަ ކިޔުންތެރިންނަށް އަހަންނަކީ ކޮން ރަށެއްގެ، ކާކުކަން ނޭނގުނަސް އިމްދާދް ކައިރީގައި މީގެކުރިން ވެސް އަހަރެންގެ އަތޮޅާއި، ރަށް ބުނެދިނީމެވެ. އެކަން އޭނާ ހަނދާންނެތުނީ ކަމަށް ހީކޮށް ދެވަނަ ފަހަރަށް އެ ސުވާލަށް ޖަވާބު ދިނީމެވެ.
"އަހަރެން މިއުޅެނީ ތިރަށަށް ދެވޭތޯ" އެއް ލޯ މަރާލަމުން އިމްދާދް ބުންޏެވެ.
ހީނަރުވަމުން ދިޔަ އަހަރެމެންގެ ގުޅުމަށް އާރޯކަން ލިބި، ކުރި ފަޅަންފެށީ އެހިސާބުންނެވެ. އިމްދާދް އަހަރެންގެ ރަށަށް އަންނަންވީ ކީއްކުރަން ހެއްޔެވެ؟ ކޮން ބޭނުމެއްގައި ހެއްޔެވެ؟ އޭނާގެ ރައްޓެއްސަކު ހުރީ ހެއްޔެވެ؟ ހިތުގައި އުފެދުނު ހުރިހާ ސުވާލެއް އެއްފަހަރާ ކޮށްލީމެވެ.
"އަދި އުތުރުގެ އެއްވެސް ސްކޫލެއްގަ މަސައްކަތް ކުރުމުގެ ފުރުސަތެއް ނުލިބެ. އެހެންވެ..." އިމްދާދް ދިނީ ފިނި ޖަވާބެކެވެ. ނަމަވެސް އަހަންނަށް އެކަން ގަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ. އަހަރެންގެ ރަށު ސްކޫލަކީ ފަސްސަތޭކައެއްހާ ދަރިވަރުން ތަޢުލީމް ހާސިލްކުރާ ސްކޫލެކެވެ. ނަމަވެސް މިހާރު އިމްދާދް އެހުރީ މާލެއިން ދެކުނުގެ އެންމެ މީހުން ގިނަ އެއް ރަށުގެ ސްކޫލެއް ހިންގުމާ ހަވާލުވެގެންނެވެ.
”އަހަރެމެން މަސައްކަތް ކުރަން ޖެހޭނީ މިނިސްޓްރީއިން އަންގާ ސްކޫލެއްގައި." އިމްދާދް މަސައްކަތްކުރީ ކަން އޮތްގޮތް އަހަންނަށް އޮޅުންފިލުވައިދޭށެވެ. "އެކަމަކު ބައެއް ފަހަރު ބޭނުންވާ ތަނެއް އިޚުތިޔާރު ކުރުމުގެ ފުރުޞަތު ވެސް ލިބޭ!"
"ކީއްވެ މިރަށް؟" ކިތަންމެ ކުރު ނަމަވެސް އެންމެ މުހިއްމު ސުވާލު ލިޔެލީމެވެ.
"އަޒޫ ހުރީމަ" އިމްދާދް ހިނިތުންވިއެވެ. "ތިހާ ރީތި ވާހަކަ ލިޔާ ކުއްޖަކު ކޮންމެ މީހަކު ވެސް ދެކޭހިތްވާނެ."
އިތުރަށް ބުނާނެ އެއްޗެއް، ކުރާނެ ސުވާލެއް އަހަންނަކަށް ނޭނގުނެވެ. އޭގެ ފަހުން އިމްދާދްގެ ނަން އަހަރެންގެ ހިތުގައި ފެވުނެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އިމްދާދް މަތިން ހަނދާންވާ ކޮންމެ ފަހަރަކު ހިތުގެވިންދު އަވަސްވެ، ހިތް ނުތަނަވަސްވެ އެވެ. އިމްދާދް އަހަރެންގެ ރަށަށް އަތުވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާއާ ބައްދަލުވުމުން ވާނީ ކިހިނެއް ހެއްޔެވެ؟ ނޭނގެއެވެ. އެސުވާލުތައް ހިތަށް އެރިޔަސް މުޅި ހަށިގަނޑު ފިނިވެ، ތުރުތުރުއަޅައެވެ.
އޮފީހުގައި އިންނައިރު ވެސް އަހަންނަށް ފޭސްބުކްގައި ހުރި އިމްދާދްގެ ފޮޓޯތަކަށް ބެލެންފެށުނެވެ. ބޭއިޚުތިޔާރުގައެވެ. އިމްދާދް ރީއްޗެވެ. ފިރިހެންވަންތައެވެ. ހަމުގެ ކުލަ އަލިވެފައި، އިސްކޮޅުން ދިގެވެ. އިމްދާދްގެ ފިކުރުތައް ރޭގަނޑުގެ އަރާމު ނިދިން އަހަރެން މަހުރޫމުކުރުވަމުން ދިޔައެވެ. ހުސްވަގުތެއް ލިބޭއިރަށް ބޭނުން ވަނީ އިމްދާދާ ވާހަކަދައްކަން އޮންނާށެވެ. އެކަމަކު ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟
މާބޮޑަށް އިމްދާދް މަތިން ހަނދާންވަމުންދިޔަ ރެއެކެވެ. ހިތަށް ފިނިކަމެއް ލިބޭތޯ އިމްދާދަށް މެސެޖެއް ކުރަން ލެޕްޓޮޕް ހުޅުވާލީމެވެ. އޭރު ދަންވަރު ބާރަ ޖަހަން ކައިރިވަނީއެވެ. އިމްދާދް އިނީ އޮންލައިންގައެވެ. ލިބުނު އުފަލާއެކު އަވަސް އަވަހަށް މެސެޖެއް ލިޔެލީމެވެ.
"އިމްދާދް" ސަލާމް ގޮވާލަން ހަނދާންވީ މެސެޖް ފޮނުވާލެވުން ފަހުންނެވެ. އޭނާ ހިތަށް އަރާނީ ކީކޭބާއެވެ. ފެންނައިރަށް ނަމުން ގޮވާލަން އަހަންނަކީ އޭނާއާ އަޅާބަލާއިރު ކާކު ހެއްޔެވެ؟ އެއީ އުޑުގައި ފިޔަޖަހާ ތަރިއެއް ކަމުގައިވާނަމަ އަހަންނަކީ ބިމުގައިވާ ހިލަކޮޅެކެވެ.
"އަލްޙަމްދުލިއްލާޙި. އަޒޫ އޮންލައިންވޭތޯ ދެތިންފަހަރަކު ބަލާލައިފިން" ހެއްދެވިފަރާތަށް ޝުކުރު ކުރަމުން އިމްދާދް ބުންޏެވެ.
"ކީއްކުރަން؟" އިމްދާދް އިނީ އަހަރެންގެ އިންތިޒާރުގައިކަން އެނގުމުން ކިތަންމެ އުފާވި ނަމަވެސް އަހަރެން އެކަން ހާމައެއް ނުކުރަމެވެ.
"ވަރަށް ބޮޑު ކަމަކު އެދެންވެގެން. . އަޒޫގެ މޮބައިލް ނަމްބަރު ދެވިދާނެތަ؟" ވާހަކަދައްކަން ފެށިފަހުން އެއްއަހަރު ވީއިރު ވެސް އިމްދާދް އެއްވެސް ކަމަކަށް ނޭދެއެވެ. އެންމެ ކުޑަމިނުން އަހަރެންގެ ފޮޓޯ ފޭސްބުކަށް ނުލަނީ ކީއްވެތޯ ނުވަތަ އަހަރެންގެ ފޮޓޯއެއް ދެކޭހިތްވެއޭ ވެސް ނުބުނެއެވެ. އެހެން ފިރިހެނެއްނަމަ ވާހަކަދައްކަން ފަށާ ފުރަތަމަ ދުވަހުވެސް އެދޭނީ ފޮޓޯއެއް ފޮނުވައި ދިނުމަށެވެ. އެކަމަކު އިމްދާދް ތަފާތެވެ. އަހަންނަށް ގަބޫލުކުރެވުނީ އެއީ އޭނާގެ ކިބައިގައިވާ ރިވެތި އަހުލާޤު ކަމުގައެވެ. ހިތާހިތުން އޭނާ އަށް ޘަނާކިޔަމުން އުފަލާއެކު ނަމްބަރު ދިނީމެވެ.
މިނެޓެއްހާއިރު ފަހުން އިމްދާދް ގުޅިއެވެ. އުފާވެރިކަމާއި، ނުތަނަވަސްކަން އެކުވެގެން ގޮސް ވާހަކަދެއްކުމަށް ވެސް އަހަންނަށް އުނދަގޫވިއެވެ. ނަމަވެސް އިމްދާދްގެ ވާހަކަ ދެއްކުމުގައި ހުރި މަޑުމައިތިރިކަމާއި، ގާތްކަން އިހުސާސް ކުރެވުމުން މަޑުމަޑުން އަހަރެން ހަމައަކަށް އެޅެމުންދިޔައެވެ.
"އަހަންނަށް އަޒޫގެ ވިސްނުމާއި، ފިކުރު ވަރަށް ކަމުދެ. ހަމަ ޔަގީން އަޒޫ އަކީ ވަރަށް ހަރުދަނާ، ވިސްނުންތޫނު ކުއްޖެއްކަން" އިމްދާދް އަހަންނާ ދޭތެރޭގައި ދެކޭގޮތް ހާމަކުރަމުން ގެންދިޔައީ އަހަރެން ލިޔެފައިވާ ވާހަކަތަކުގެ މައްޗަށް ބުރަވެހުރެއެވެ. ދުވަހަކު ލޮލަށް ނުފެންނަ، ކާކުކަން ނޭނގޭ މީހަކާ މެދުގައި ނިޔާ ކަނޑައެޅޭނީ އެފަދަ ގޮތަކަށެވެ.
އެރޭގެ ފަހުން އަހަރެމެންގެ ފޯނުކޯލްތައް ދިގުވެ، ދެކެވޭ ވާހަކަތައް ޒާތީވަމުން ދިޔައެވެ. އެއްވެސްކަމެއް ފޮރުވުމެއްނެތި އަހަންނަކީ ކާކު ކަން އޭނާ އަށް ކިޔައިދިނީމެވެ. އަހަރެންގެ ދެތިން ފޮޓޯ ވެސް ފޮނުވީމެވެ. އޭނާ ވެސް އަމިއްލަ ވާހަކަތައް ހިއްސާކުރިއެވެ. ކިޔެވުމުގައި ގިނަ އަހަރުތަކެއް ހޭދަކުރެވުމާއި، އަލަތު ލޯބިވެރިޔާ ބޭވަފާތެރިވުމުން އަދި ޒަވާޖީ ހަޔާތެއް ފެށިފައި ނުވަނީކަމަށް ބުނުމުން އަހަރެންގެ ހިތުގައި އުފާވެރިކަމުގެ ވިންދު ޖަހަން ފެށިއެވެ. އެހެނަސް ހަމަ އެހިނދު އަހަރެން ހިތުގެ މައްޗަށް ބާރުފޯރުވީމެވެ. އަހަންނަކީ އިމްދާދާ އަރާއަރަފޯދިގެންވާ މީހެއް ނޫނެވެ. ނިކަމެތި މައެއްގެ ނިކަމެތި ދަރިއެކެވެ. މަތީތަޢުލީމް ހާސިލްކުރުމަށް މާލީޙާލަތު ތަންނުދިނުމުން އޮފީހެއްގެ އެޑްމިން އޮފިސަރެއްގެ ވަޒީފާ އަދާކުރަމުންދާ ޒުވާނެކެވެ. އިމްދާދް އަހަންނާ ގާތްވުމަށް މަސައްކަތް ކުރަމުންދާކަން އިހުސާސް ކުރެވޭ ކޮންމެ ފަހަރަކު އެހުރިހާ ވާހަކައެއް ތަކުރާރުކޮށް ކިޔައިދީގެން ވެސް އަހަރެން ބޭނުންވީ ރަހުމަތްތެރިކަމަށް ވުރެ ގާތް ގުޅުމެއް ނުބާއްވާށެވެ. ނަމަވެސް އިމްދާދް އަހަރެންގެ ރަށަށް އައީ ކުއްލިއަކަށެވެ.
"ބޭރަށް ނުކުމެބަލަ!" އެއީ އޮފީހުގެ ރަސްމީ ގަޑީގައި އިމްދާދް އަހަންނަށް ގުޅި ފުރަތަމަ ފަހަރެވެ.
އޭނާ މުހިއްމު ވާހަކައެއް ދައްކަން ބޭނުން ވަނީ ކަމަށް ހީކޮށް އަވަސްއަވަހަށް އަހަރެން މަގުމައްޗަށް ނުކުތީމެވެ. އެވަގުތު އަހަރެންގެ ހިތުގެ ވިންދު ހިނދުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ. އުފަލުން ދެ ލޯ ފެންކަޅިވިއެވެ. ރީތި ހިނިތުންވުމަކާއެކު އިމްދާދް އަހަރެންގެ ކުރިމަތީގައި ހުއްޓިގެން ހުރީ ހުވަފެނީގޮތަކަށެވެ. ގަބޫލުކުރަން ކިތަންމެ ދަތިވިޔަސް އަހަރެންގެ ދޫ އަބަދު އެ ނަން ކިޔާ، ހިތް އަބަދު އެ މޫނު ދުށުމަށް އެދޭ ރީތި ޒުވާނާ ހުރީ އަހަންނާ މާދުރަކު ނޫނެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އަހަންނަށް އަހަރެންގެ ފެންވަރު އޮޅުނެވެ. އިމްދާދާ ކައިރިއަށް ހިނގައިގަނެވުނެވެ.
އަހަންނަށް ހޭވަރިކަންވީ އިމްދާދްގެ މީރުވަސް އިހްސާސްކުރެވޭހާ ކައިރިއަށް ދެވުނުފަހުންނެވެ. އަހަންނަށް ތެޅިގަނެވުނެވެ. އަވަސް އަވަހަށް ދެތިން ފިޔަވަޅު ފަހަތަށް އެޅީމެވެ.
"ކިހިނެއްވީ؟" އަހަންނަށް ލިބުނު ހާސްކަން ފެނިފައި އިމްދާދް އެހިއެވެ. "އަހަރެން ފެނުމުން އުފަލެއް ނުވޭތަ؟"
"ކޮންއިރަކު، ކީއްކުރަން. . އައީ . . . މިހާ ދުރަށް. . ." އަހަރެންގެ ދުލުން ބޭރުވީ ލަފުޒުތަކެކެވެ. ރަނގަޅަށް ސުވާލެއް ކުރަން ވެސް ނޭނގުނެވެ.
"ނޭނގޭތަ؟ މިރަށު ސްކޫލަށް އަންނަން ބޭނުންވާ ވާހަކަ ކުރިން ވެސް ބުނީމެއްނު؟"
މާތްކަލާކޯ އެވެ. މާސިންގާ ކަނޑެއް ހުރަސްކުރުމަށްފަހު އިމްދާދް އެ އައީ ހަމައެކަނި އާ ސްކޫލެއްގައި މަސައްކަތް ކުރުމުގެ މަޤުޞަދުގައި ހެއްޔެވެ؟ ނޫނެކެވެ. އަހަރެންގެ ހިތް ބުނަނީ މުޅިން އެހެން ވާހަކައެކެވެ. އެކަމަކު އެކަން ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ.
އިމްދާދް އައުމުން އަހަންނަށް ތަޙައްމުލުކުރަން ޖެހުނީ ނުވަތަނަވަސްކަމެވެ. އެހެނަސް އޭނާ ހުންނަނީ ނުހަނު ހަމަޖެހިފައެވެ. އުފާވެފައެވެ. ވަޒީފާ އަށް ވެސް ނުކުންނަން ފެށިއެވެ. ދޭތެރެއަކުން އަހަރެން ދެކޭހިތްވާ ވާހަކަ އާއި ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނެއެވެ. އެކަމަކު ކޮންމެ ފަހަރަކު ވެސް އަހަރެން ކުރަނީ އިންކާރެވެ. ހިތާދެކޮޅަށެވެ.
އެއްދުވަހަކު އޮފީސް ނިމުނު ގަޑީގައި އޭނާ ހުރީ އަހަރެންގެ އިންތިޒާރުގައެވެ.
"އިމްދާދް މިރަށުގަ އުޅޭތީ އަހަންނަށް ވަރަށް އުނދަގޫވޭ. ." އިމްދާދް ފެނުމުން އަހަންނަށް ރުޅި އާދެވުނީ ކީއްވެކަމެއް ޚުދު އަހަންނަކަށް ވެސް ނޭނގެއެވެ.
"އަޒޫ އަށް ތިވާގޮތް އަހަންނަށް އެނގޭ. . އަމިއްލަ ނަފުސަށް އޮޅުވާލުން ހުއްޓާލާފަ ޙަޤީޤަތާ ކުރިމަތިލުމަށް އަޒޫ އަށް ހިތްވަރު ލިބޭނެ ވާހަކައެއް އަހަރެން ބުނެފާނަން!" ލޯބިވެތި ގޮތަކަށް އަހަރެންގެ މޫނަށް ބަލައިލަމުން އިމްދާދް ބުންޏެވެ. "އަހަރެން އަޒޫ ދެކެ ވަރަށް ލޯބިވޭ. އިތުރަށް ހެކި ނުދެއްކިޔަސް އަޒޫ އަށް މިކަން އެނގޭނެ. އަހަންނާ އިންނާނަންތަ؟"
އަހަރެން ފުސްމޫނު ހަދައިގެން ހުރި ވަގުތެއްގައި އޭނާ އަށް އެހެން އަހަން ކެރުނީތީ އަހަރެން ހައިރާންވިއެވެ. ދުލުން ބަޔާން ނުކުރިޔަސް މިހިތުގެ އެންމެ ހިމަނާރުތަކުގައި ވަނީ ކީކޭކަން އޭނާ އަށް އިހުސާސް ކުރެވިއްޖެއެވެ. ޙަޤީޤީ ލޯބި ސިއްރެއް ނުކުރެވޭނެ އެވެ. ހަމައެހެންމެ ޙަޤީޤަތް ބަދަލެއް ވެސް ނުކުރެވޭނެ އެވެ. އަހަންނަކީ އިމްދާދްގެ ހަޔާތުގެ ބައިވެރިއަކަށް ވުމަށް އެއްވެސް ހައިސިއްޔަތަކުން ކުފޫހަމަވާ މީހެއްނޫނެވެ.
"އިމްދާދް. . . ކީއްވެތަ؟ އެނގެއެއްނު އަހަންނަކީ. . . " އަހަރެން ބުނަން އުޅުނީ ކޮން ވާހަކައެއްކަން އެނގިގެން އިމްދާދް އަހަރެން ހުއްޓުވިއެވެ.
"ތިހާ އުމުރުން ހަގު ކުއްޖަކު އެހާ ބޯހަރީ ކީއްވެތަ؟" ތުއްތުކުއްޖަކު ކައިރީގައި އަހާފަދަ ގޮތަކަށް އިމްދާދް އެހިއެވެ. "މުއްސަނދިކަމާއި ފަޤީރުކަން، ޙަސަބާއި ނަސަބުގެ ވާހަކަ އަޑުއަހާއަހާ އަހަރެން މިހާރު ވަރުބަލިވެއްޖެ! އަހަރެންގެ ހިތުގަ އަޒޫގެ މައްޗަށް ލޯބި އުފެދުނީ ތީ އިނގިރޭސިވިލާތުގެ ޝާހީ ހާންދާނުގެ ބޭފުޅެކޭ ހީވެގެންނެއް ނޫން!"
އިމްދާދް ބުނެލި އެންމެ ޖުމުލައަކުން އަހަންނަށް ހިނިތުންވެވުނެވެ. ހިތުގައި ފުނިޖެހިފައި ހުރި ހުރިހާ ޝަކުވާއެއް ހަނދާންނެތުނެވެ. އެއީ އިމްދާދްގެ ކުޅަދާނަކަމެވެ. އޭނާ އަހަރެން ދެކެވާ ތެދުވެރި ލޯބީގެ މަތިވެރިކަމެވެ. އަހަރެން ކައިވެންޏާ ރުހިގަބޫލުވީމެވެ. ރަށު ރައްޔިތުން އަހަރެންގެ ނަސީބު ރަނގަޅު ކަމުގެ ވާހަކަ ދެއްކިއެވެ. ޚުދު އަހަރެން ވެސް އެކަން ގަބޫލުކޮށް ހެއްދެވިފަރާތަށް ޙަމްދުކުރީމެވެ.
ދެން އައީ އެދުވަހަކަށްޓަކާ އެންމެ ފޮނި އިންތިޒާރު ކުރެވުނު ދުވަހެވެ. ކައިވެނީގެ ކަންކަން އިންތިޒާމު ކުރެވިފައި ވަނީ އަހަންނަށް ޚިޔާލުކުރެވިފައި ވެސް ނުވާހާ ފުރިހަމައަށެވެ. ދަތުރަށް އައި ބަދަލެއްގެ ސަބަބުން އިމްދާދްގެ މައިންބަފައިންނަށް އާދެވުނީ އަހަރެން އިމްދާދްގެ އަނތްބަކަށް ވުމުގެ ވަގުތު ކުޑަތަންވެފައި ވަނިކޮންނެވެ. ކުރި ހުރިހާ އުއްމީދުތަކާއި، ދެކެމުންއައި ހުރިހާ ހުވަފެންތަކެއް ވިއްސިވިހާލިވީ ހިނދުކޮޅެއްގެ ތެރޭގައެވެ. އަހަރެންގެ މަންމަ އަނބުރައިގަތެވެ. އިމްދާދްގެ ބައްޕަގެ މޫނުމަތީގެ ކުލަ ފަނޑުވެ، ދެ ލޯ ފެންކަޅިވިއެވެ. ޙަޤީޤަތަކީ އަހަންނަކީ ނަހަލާލު ދަރިއެއްކަމެވެ. އެކާވީސް އަހަރު ފާއިތުވެގެން ދިޔައިރު އަހަރެންގެ ބައްޕައަކީ ކާކުކަން މުޅި ދުނިޔެއަށް ވަނީ ވަންހަނާ ވެފައެވެ. އެކަން އެނގެނީ އެ ފާފަ ކުރި ދެމީހުންނަށް އެކަންޏެވެ. އަހަރެމެންނަށް ޖެހުނީ ލަދުވެތިކަމުގެ އިސްޖަހާށެވެ. ލޮލަށް ނުވެސްފެނި މިހިތުގައި ލޯބީގެ ވިންދުޖެހި ހަމައެކަނި ފަރާތަކީ އެއްބަފާ ބޭބެ ކަމަށް ގަބޫލުކުރާނީ ކޮންހިތަކުން ހެއްޔެވެ؟ އެއީ މި ހިތުގެވެރިޔާ އެވެ. ނަމަވެސް ލޯބިވެރިންނަށް ވުމުގެ އިޚުތިޔާރެއް އަހަރެމެންނަކަށް ނެތެވެ.
(ނިމުނީ)