08 Jun 2016, 12:06
ޕޯޓް މޮރެސްބީ (ޖޫން 8): ޕަޕުއާ ނިއު ގިނީގެ ބޮޑު ވަޒީރު ޕީޓާ އޯނީލްއާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ ޔުނިވާސިޓީ ދަރިވަރުންތަކެއްގެ ގަޔަށް ފުލުހުން ބަޑި ޖަހައި ހަތަރު ކުދިން މަރާލާފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފި އެވެ.
،މުޒާހަރާ ކުރަމުން ދިޔަ ދަރިވަރުންގެ ގަޔަށް ބަޑި ޖެހީ ޔުނިވާސިޓީ ކެމްޕަސް ދޫކޮށް ގާނޫނު ހަދާ މަޖިލިސް ކައިރިއަށް ދާން މަސައްކަތް ކުރުމުންނެވެ.
ދަރިވަރުންގެ ގަޔަށް ބަޑި ޖެހުމުން ބައެއް ކުދިންނަށް އަނިޔާވެ، ހަތަރު ކުއްޖަކު މަރުވެފައިވާ ކަމަށް ސަރުކާރާ އިދިކޮޅު ޕާޓީއެއްގެ މަޖިލިސް މެމްބަރުން ވިދާޅުވެފައިވާ އިރު އެހެން ރިޕޯޓުތަކުގައިވާ ގޮތުން މަރުވެފައި ވަނީ އެއް ކުއްޖެކެވެ. އަނިޔާވެފައިވާ 10 ދަރިވަރަކަށް ޕޯޓް މޮރެސްބީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށް ރޮއީޓާސްގައިވެ އެވެ.
މުޒާހަރާ ކުރަމުން ދިޔަ ދަރިވަރުން ގޮވާލަމުން ދިޔައީ ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވުމަށާއި އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކަށް ޖަވާބުދާރީ ވުމަށެވެ.
ބޮޑުވަޒީރު އޯނީލްގެ މައްޗަށް ނެޝަނަލް އެންޓި ކޮރަޕްޝަން ވޮޗްޑޯގުން ހިޔާނާތުގެ ތުހުމަތުކޮށް، އޭނާ ހައްޔަރު ކުރުމަށް އަމުރު ކޮށްފައި ވަނީ 2014 ވަނަ އަހަރު އެވެ. ނަމަވެސް، އެ މައްސަލާގައި އޯނީލް ހައްޔަރުކޮށްފައެއް ނުވެ އެވެ. އަދި އޭނާ ވަނީ ކޮރަޕްޝަނުގެ ތުހުމަތުތަކަކީ ދޮގު ތުހުމަތުތައް ކަމަށް ވިދާޅުވެ، މަގާމުން އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވައިފަ އެވެ. (ބީބީސީ)