16 May 2011, 14:18
ތިން މަސް ދުވަހުގެ ތެރޭ އަނބުރާ ދައްކަން ޖެހޭ ގޮތަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން )އެސްޓީއޯން( އިން ތިން މިލިއަން ޑޮލަރު ނުވަތަ 46.2 މިލިއަން ރުފިޔާގެ ލޯނެއް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ (އެމްޓީީޑީސީ)ގެ ދުވަހުން ދުވަހަށް ހިނގާ ހަރަދުތަކަށް ނަގައިފި އެވެ.
މިއީ ސަރުކާރު ހިއްސާވާ ކުންފުންޏަކުން، އެފަދަ އެހެން ކުންފުންޏެއްގެ ފަރާތުން ކޮމާޝަލް ޕޭޕަރެއް ނުވަތަ ކުރު މުއްދަތެއްގެ ތެރޭ އަނބުރާ ދައްކާ ގޮތަށް ލުއި ލޯނެއް ނެގި ފުރަތަމަ ފަހަރެވެ.
މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން 46.2 މިލިއަން ރުފިޔާ، ރިސޯޓްތައް ތަރައްގީކޮށް، އޮޕަރޭޓްކުރާ އެމްޓީޑީސީ އަށް ދޫކޮށްފައިވާ ކަމަށް އެސްޓީއޯ އިން ވަނީ މިއަދު ކަށަވަރުކޮށްދީފަ އެވެ.
އެކުންފުނީގެ މެނޭޖިން ޑައިރެކްޓާ ޝާހިދު އަލީ މިއަދު ވިދާޅުވީ، އެމްޓީޑީސީއާ އެކު ހަދައިފައިވާ އެގްރިމެންޓުގެ ދަށުން އެ ފައިސާ އަނބުރާ އެސްޓީއޯ އަށް ތިން މަސް ދުވަހުގެ ތެރޭ ދައްކަން ޖެހޭނީ 15.42ރ.ގެ ރޭޓުން ޑޮލަރުން ކަމަށެވެ. އަދި އެ އެގްރިމެންޓަށް އެއްބަސްވީ، ބޭންކުތަކުން ބޭނުންވާ ވަރަށް ޑޮލަރު ލިބުމުގައި އަދިވެސް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ާޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި، އެ ލޯނު ދޫކުރީ 5.39 ޕަސަންޓުގެ އިންޓްރެސް ރޭޓަކާ އެކު އެވެ.
ރައްޔިތުންނާއި ސަރުކާރު ބައިވެރިވާ ވިޔަފާރި ކުންފުނި، އެމްޓީޑީސީގެ މެނޭޖިން ޑައިރެކްޓާ އަދި ސީއީއޯ މުހައްމަދު މިހާދު މިއަދު ވިދާޅުވީ، އެ ލޯނު އެސްޓީއޯ އިން ނެގީ ބޭންކުގެ ކޮމާޝަލް ލެންޑިން ރޭޓަށް ވުރެ 2.5 ޕަސަންޓް ދަށްކޮށް ކަމަށެވެ.
އަދި އެ ލޯނު ނެގީ ކުންފުންޏަށް ފައިސާގެ ދަތިތަކެއް ދިމާވެގެންނެއް ނޫން ކަމަށް ވެސް އޭނާ ވިދަޅުވި އެވެ. އަދި އެ ފައިސާ ހަރަދުކުރާނީ ކުންފުނީގެ މަސައްކަތްތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ކެޕިޓަލް ނުވަތަ ވޯކިން ކެޕިޓަލް ހޯދުމަށް ކަމަށް ވެސް މިހާދު ވިދާޅުވި އެވެ.
އެމްޓީޑީސީން ހަރަދު ކުޑަކުރުމުގެ ގޮތުން އެހެން ސަރުކާރު ކުންފުންޏެއްގެ ފަރާތުން ލޯނު ނަގައިފައިވާ އިރު، އިއްޔެ ނެރުނު އެކުންފުނީގެ 2010 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ، ދުނިޔެ އަށް ކުރިމަތިވި މާލީ ހީނަރުކަމުގެ ސަބަބުން ރިސޯޓްތައް ތަރައްގީ ކުރުމަށް ލޯނު ލިބުން ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށާއި އަދިވެސް "ކްރެޑިޓް ލިބުމުގެ ދަތިކަމަށް އެދެވޭ ހައްލެއް" އައިސްފައި ނުވާ ކަމަށެވެ. އެހެންކަމުން، ބައެއް ރިސޯޓްތައް ތަރައްގީ ކުރުމުގެ ޕްލޭންތައް އިސްލާހު ކުރަން ޖެހުނު ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ކުންފުނީގެ އަހަރީ ހިސާބުތަކުން ދައްކާ ގޮތުގައި، 2009 ވަނަ އަހަރު 248 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާ ކުންފުންޏަށް މިދިޔަ އަހަރު ލިބިފައި ވަނީ 220.3 މިލިއަން ރުފިޔާ އެވެ. އެއީ 27.7 މިލިއަން ރުފިޔާގެ ނުވަތަ 34.8 ޕަސަންޓުގެ ދަށްވުމެކެވެ.