ދެ އަހަރު ބައިގެ ތުއްތު ކުއްޖަކު އެ ކުއްޖާގެ މަންމައާ ހަވާލުކުރުމަށް އެދި ފެމިލީ ކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރެއް ތަންފީޒު ކުރުމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ އޮފިޝަލުން އއ. ހިމަންދޫގައި ހަރަކާތްތެރިވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ އެ އަމުރު ތަންފީޒު ކުރުމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ބޭފުޅުންތަކެއް ހިމަންދޫގައި ހަރަކާތްތެރިވި ކަމަށާއި އެ ޓީމުން މިހާރު ވަނީ އެ ކުއްޖާ އާއި އެ ކުއްޖާގެ ބައްޕަ ގޮވައިގެން ހިމަންދޫ އިން ފައިބާފައި ކަމަށެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު "ސަން" އަށް ވިދާޅުވީ، އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނައީ ނޫން ކަމަށާއި ކުއްޖާގެ ބައްޕަ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ނުވާ ކަމަށެވެ. ނަމަވެސް، އެ ކުއްޖާ އެ ކުއްޖާގެ މަންމައާ ހަވާލުކުރުމަށް ޓަކައި ގެންދާ އިރު، ކުއްޖާގެ ބައްޕަ ވެސް މާލެ ގެންނަނީ އެ ކުއްޖާއަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރުމަށާއި ކަންކަން ހަމަނުޖެހުމަށް މަގުފަހި ވެދާނެތީ އެކަން އެގޮތަށް ވިއަ ނުދިއުމަށް ކަމަށެވެ.

އިސްމާއިލް ވިދާޅުވީ، ކޯޓު އަމުރު ތަންފީޒުކުރުމަށްޓަކައި ކުއްޖާ މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން، އެ ކުއްޖާ އޭނާގެ މަންމައާ ހަވާލު ކުރާނީ ފުލުހުންގެ ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓް މެދުވެރިކޮށް، މާލެއިން ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، އެ މައްސަލާގައި ޖެންޑާއިން ހަރަކާތްތެރިވީ، އެ މައްސަލައަކީ ކުޑަ ކުއްޖަކު ހިމެނޭ މައްސަކަލައަކަށްވާތީ، އެ ކުއްޖާއަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި އަމަލުކުރާ އާންމު އުސޫލުގެ ދަށުން ކަމަށެވެ.

ފެމިލީ ކޯޓުން އެ އަމުރު ނެރުނީ، އެ ތުއްތު ކުއްޖާ، އެ ކުއްޖާގެ މަންމައާ ހަވާލުކުރުމަށް އޭނާގެ ބައްޕަ ދެކޮޅު ހެދުމުގެ ސަބަބުންނެވެ. އެ މައްސަލާގައި، ދަރިފުޅު ގޮވައިގެން ބައްޕަ ހިމަންދޫގައި "ފިލި" ކަމަށް ޚަބަރު ފަތުރާފައިވާ އިރު، މީގެ ކުރިން ވެސް ފުލުހުން ވަނީ އެ މައްސަލައާ ގުޅިގެން ހިމަންދު އަށް ގޮސްފަ އެވެ.

ކުރިން ހިނގި މައްސަލައާ ގުޅިގެން ފުލުހުން ހިމަންދު އަށް ދިޔައީ، އޭޕްރިލް މަހުގެ ތެރޭގައި ފެމިލީ ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ. ނަމަވެސް އެ އަމުރު އެ ފަހަރު ވަނީ ތަންފީޒު ކުރެވޭ ގޮތް ނުވެފަ އެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި އަމުރު ތަންފީޒު ނުކުރެވި ދިގުލައިގެން ދިޔައީ، އެ މައްސަލާގައި ކުއްޖާގެ މަންމަގެ އާއިލާއިންނާއި ބައްޕަގެ އާއިލާއިން ވެސް ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކޮށްފައި ނުވުމުންނެވެ.