08 Jun 2016, 11:20
ރޯދަމަހަކީ ކާބޯތަކެތީގެ ޑިމާންޑް ބޮޑު މަހަކަށްވާ އިރު މީގެ ކުރިން އެންމެ ބާރުބޮޑުކޮށް ފާހަގަކުރެވެނީ ދަތުރުވެރިންގެ މާރުކޭޓު ސަރަހައްދާއި މާރުކޭޓުގެ އެކި ސަރަހައްދުތަކެވެ. ނަމަވެސް މިފަހަރު ރޯދަޔާ އެކު އެ މަންޒަރު ފެންނަނީ މުޅިން ތަފާތު ގޮތަކަށެވެ. ބާޒާރުގެ ކިޔޫތައް ކުޑަވެ މިފަހަރު ރޯދައާ ގުޅިގެން އެންމެ ކިޔޫ ދިގުކޮށް މިފެންނަނީ ޕެޓް ރޯލްޝެޑްތައް ކައިރިންނެވެ.
ޕެޓްރޯލް ވިއްކާ ހަ އެއްކަ ޝެޑް މާލޭގައި ހުންނައިރު ރޯދަ ފެށުނީއްސުރެ ކޮންމެ ދުވަހަކު ވެސް އެ ސަރަހައްދުތައް ފާހަގަކުރެވެނީ ވަރަށް ބާރުބޮޑުކޮށެވެ. ހާއްސަކޮށް ހަވީރާއި ރޭގަނޑު ވަގުތުތަކުގައި ބާރުބޮޑެވެ.
ބޮޑުތަކުރުފާނު މަގު، ސްޓެލްކޯ ކައިރީގައި ހުންނަ ޕެޓްރޯލް ޝެޑު ކައިރީގައި ގިނަ އަދަދެއްގެ ވެހިކަލްތަކެއް ކިއު ހަދާފައި -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން
ގިނައިން ކިޔޫގައި ޖެހެނީ ސައިކަލްތަކެވެ. ހެނދުނު 9:00 އަކުން ފެށިގެން ރޭގަނޑު 10:00 ޖަހަންދެން ގިނަ ޕެޓްރޯލް ޝެޑްތައް ހުޅުވާފައިހުރެ އެވެ. ޕެޓްރޯލް ވިއްކުމުގައި ލިމިޓެއްވެސް ނުގެންގުޅެ އެވެ. ނަމަވެސް ބާރުހަމަބޮޑީ އެވެ. މިހެން މިވަނީ ކީއްވެހެއްޔެވެ؟
ބާރުބޮޑުވާ އެއް ސަބަބެއް ކަމަށް ބެލެވެނީ ފިނި ބުރުޖެހުމަށް ނުކުންނަ ފަރާތްތައް ގިނަވުމެވެ. ހަމައެއާ އެކު ރޯދަމަހު ނަމާދު ވަގުތުތަކަށް ގިނައިރަށް ޕެޓްރޯލް ޝެޑްތައް ބަންދުކުރާތީ ވެސް އެއީ ބާރުބޮޑުވާ އެއް ސަބަބު ކަމަށް ބެލެވެ އެވެ.
ހަކަތަ ޕެޓްރޯލް ޝެޑުގައި މަސައްކަތް ކުރާ ފަރާތަކުން ބުނީ ރޯދަމަސް ފެށުމާ އެކު ވަރަށް ބާރުބޮޑު ކަމަށެވެ. މިއީ ޕެޓްރޯލް ޝެޑްތަކުގެ ވިޔަފާރި ރަނގަޅުކޮށްލާ ކަމެކެވެ.

"ކުރިއަށް ވުރެ ސޭލްސް ވަރަށް އިތުރު މިހާރު،" އޭނާ ބުންޏެވެ.
ޕެޓްރޯލް ކިޔޫގައި އިންތިހާ އަށް ބާރުބޮޑުއިރު ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކޮށް ވިއްކާ އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ ބާރުބޮޑުވާން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި އެކަން ބަލަމުން އަންނަމުންދާ ކަމަށެވެ.
މީގެ ކުރިން ވެސް ޕެޓްރޯލް ޝެޑުތަކުގައި ބާރުބޮޑުވުމަކީ ދޭތެރޭ ދޭތެރެއިން ހިނގާ ކަމެކެވެ. ނަމަވެސް މިއީ އާންމުކަމެއްނޫނެވެ. މީގެ ކުރިން ޕެޓްރޯލް ޝެޑްތަކުގައި ބާރުބޮވުން އެޝެޑްތަކުން ވަނީ އިތުރު މުވައްޒަފުން ނެރެ ހިދުމަތް ދިނުމާއި ޕެޓްރޯލް ވިއްކާ ވަގުތު އިތުރުކޮށްފަ އެވެ. އެހެންކަމުން މިދުވަސްވަރު ވެސް އެފަދަ ބަދަލެއް ގެނައުން މުހިންމު ކަމަށްފެނެ އެވެ.