08 Jun 2016, 11:30
ލަގްޒެމްބާގް (ޖޫން 8): ޔޫރަޕިއަން ޔޫނިއަންގެ ޝެންގެން ޒޯންގައި ހިމެނޭ 26 ގައުމަށް ގަވައިދާ ހިލާފަށް ހިޖުރަ ކުރާ އެހެން ގައުމުތަކުގެ މީހުންނަށް ޖަލު ހުކުމް ނުކުރެވޭނެ ކަމަށް ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސް އިން އިއްޔެ ނިންމައިފި އެވެ.
ކޯޓުން ބުނި ގޮތުގައި އެފަދަ ފަރާތްތަކަށް ޖަލު ހުކުމް ކުރުމަކީ އީޔޫގެ ގަވާއިދުތަކުގެ ދަށުން ހުއްދަ ކަމެއް ނޫނެވެ. އަދި ޝެންގެން ޒޯނުގައި ހިމެނޭ ގައުމުތަކަށް ގަވާއިދާ ހިލާފަށް ހިޖުރާ ކުރާ ފަރާތްތައް ކުށެއް ނުކުރާ ނަމަ ޖެހޭނީ އަނބުރާ ގައުމަށް ފޮނުވާލާށެވެ.
ނަމަވެސް، ގަވާއިދާ ހިލާފަށް ހިޖުރަ ކުރާ ފަރާތެއް "އަނބުރާ ގައުމަށް ފޮނުވާލުމަށް ބުރޫ އަރާނެ ފަދަ ނުރައްކަލެއް ވާ ނަމަ" އެމީހަކު އެންމެ ގިނަވެގެން 18 މަސް ވަންދެން ހައްޔަރު ކުރެވޭނެ ކަމަށް ކޯޓުން ބުނެފައިވެ އެވެ.
މީގެ އިތުރުން، ގަވާއިދާ ހިލާފަށް ޔޫރަޕަށް ހިޖުރަ ކުރުމުން ޑީޕޯޓު ކޮށްފައިވާ ފަރާތެއް ގައުމު ދޫކޮށް ދާން ދެކޮޅު ހަދައިފި ނަމަވެސް އެމީހަކު ހައްޔަރު ކުރެވޭނެ އެވެ. އަދި މީގެ ކުރިން ޑީޕޯޓު ކޮށްފައި ވަނިކޮށް އަނެއްކާ ޔޫރަޕަށް ގަވާއިދާ ހިލާފަށް ވަންނަން މަސައްކަތް ކުރާ ފަރާތްތައްވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
އިނގިރޭސިވިލާތާއި އަޔަލެންޑަކީ ޝެންގެން ޒޯންގައި ހިމެނޭ ގައުމުތައް ނޫން ކަމުން އެދެގައުމުން އެހުކުމަށް އަމަލު ކުރާކަށް ނުޖެހޭނެ އެވެ. (ވީއޯއޭ)