އޭއެފްސީ އޭޝިއަން ކަޕް 2019 ކޮލިފިކޭޝަންގެ ޕްލޭ އޮފް ބުރުގެ ދެވަނަ ލެގްގައި ލާއޯސްގެ މައްޗަށް 6-1ގެ ނަތީޖާ އަކުން ކުރި ހޯދައިގެން އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖަށް އިންޑިއާ ދަތުރުކޮށްފި އެވެ.

ރޭގެ މެޗު އިންޑިއާ އިން ކާމިޔާބު ކުރި އިރު ފުރަތަމަ ލެގްގެ މެޗު އިންޑިއާ އިން ކާމިޔާބް ކުރީ 1-0ގެ ނަތީޖާ އަކުންނެވެ. އިންޑިއާ އަށް ގްރޫޕް ސްޓޭޖުން ޖާގަ ލިބެނީ 7-1ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

އިންޑިއާގެ އިންދިރާ ގާންދީ އެތްލެޓިކް ސްޓޭޑިއަމްގައި ކުޅުނު އެ މެޗު ފެށިގެން 16 ވަނަ މިނެޓްގައި ލާއޯސް އިން ވަނީ ގޯލެއް ކާމިޔާބުކޮށް އިންޑިއާ ސިއްސުވާލާފަ އެވެ. އެ ގޯލު ލާއޯސް އަށް ކާމިޔާބުކޮށްދިނީ ސިހަވޮންގް އެވެ.

އިންޑިއާ އާއި ލާއޯސް ރޭ ކުޅުނު މެޗުގައި މެޗުގެ ފުރަތަމަ ގޯލު ލާއޯސްގެ ސިހަވޮންގް ކާމިޔާބް ކުރުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: އޭޕީ

އެ ގޯލަށް ފަހު އިންޑިއާ އިން ވަނީ މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ ކުޅުން ރަނގަޅު ކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން އިންޑިއާ އިން ވަނީ ދެ ގޯލު ކާމިޔާބުކޮށް މެޗުގެ ލީޑް ނަގައިފަ އެވެ. ފުރަތަމަ ގޯލު ޖޭޖޭ ލާލަ ޕަކްލުއާ ކާމިޔާބުކޮށްދިން އިރު ދެ ވަނަ ގޯލު ކާމިޔާބް ކޮށްދިނީ ސްމިތް ޕަސްސީއެވެ.

ފުރަތަމަ ހާފް އިންޑިއާ އިން ލީޑްގަ އޮވެ ނިމުނު އިރު ދެވަނަ ހާފް ފެށިގެން ތިން ވަނަ މިނެޓުގައި އިންޑާއާގެ ތިން ވަނަ ގޯލު ކާމިޔާބް ކޮށްދިނީ ސަންޑޭޝް ޖިންގަން އެވެ.

އިންޑިއާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ދިޔަ އެ މެޗެގެ 74 ވަނަ މިނެޓްގައި ޖޭޖޭ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްދީ އިންޑިއާގެ ލީޑް ފުޅާކޮށްފަ އެވެ. ގިނަ ގޯލުތަކެއް ފެނިގެން ދިޔަ އެ މެޗުގައި އިންޑިއާގެ ފަސް ވަނަ ގޯލު 83 ވަނަ މިނެޓްގައި މުހައްމަދު ރަފީގް ކާމިޔާބުކޮށްދިން އިރު ފަހު ގޯލު 87 ވަނަ މިނެޓްގައި ކާމިޔާބް ކުރީ ފުލްގެންސޯ ކާޑޮޒޯ އެވެ.

އިންޑިއާ އާއި ލާއޯސް ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ލާއޯސްގެ މައްޗަށް ތަފާތު ބޮޑު ނަތީޖާ އަކުން ކުރި ހޯދައިގެން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން އިންޑިއާ ދަތުރުކުރި އިރު މިއީ މި ފަހުގެ ތާރީހެއްގައި އިންޑިއާ އަށް އެހާ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވި ފުރަތަމަ މެޗެވެ. މީގެ ކުރިން 2007 ވަނަ އަހަރަ އިންޑިއާ ވަނީ 6-0ގެ ނަތީޖާ އަކުން ކެމްބޯޑިއާގެ މައްޗަށް ކުރި ހޯދައިފަ އެވެ.

އިންޑިއާ އަތުން ބަލިވި ލާއޯސް އަށް އަދިވެސް ތިންވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. ޕްލޭ އޮފްގެ ރައުންޑް ދޭއްގައި ރާއްޖެއާ ދެކޮޅަށް ކުޅޭ ދެ ލެގުގައި އެގްރިގޭޓުން ކުރި ހޯދާ ޓީމަކަށް ކޮލިފިކޭޝަންގެ ތިން ވަނަ ބުރުން ޖާގަ ލިބޭނެ އެވެ.

ޕްލޭ އޮފްގެ ރައުންޑް ދޭއްގައި ލާއޯސްއާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގު މެޗު ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އެވެ. ފުރަތަމަ ލެގު މެޗު ރާއްޖޭގައި ކުޅޭ އިރު، ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ލާއޯސް ގައެވެ.