08 Jun 2016, 10:18
ސައިކަލް ޓެކްސީގެ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމަށް ހަތް ފަރާތަކުން ބައިވެރިވެއްޖެ އެވެ.
ސައިކަލު ޓެކްސީގެ ހިދުމަތް ދިނުމަށް ކުންފުނިތަކަށް ހުއްދަ ދިނުމަށް ނިންމާފައިވާ އިރު އެކަންކަމާ ގުޅޭ ގޮތުން އިއްޔެ އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި މައުލޫމާތު ދިނުމުގެ ބައްދަލުމުގައި ބައިވެރިވީ ހަތް ފަރާތަކުންނެވެ.
އިކޮނޮމިކް މިނިސްޓްރީންގެ ޑިރެކްޓަރު އަހުމަދު އައިމަން ޝަރީފް މިއަދު ސަން އަށް ވިދާޅުވީ އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި މައުލޫމާތު ދީފައި ވަނީ އެކަމަށް އެދި ޕުރޮޕޯސަލް ހުށައަޅާނެ ގޮތާ ގުޅޭ ގޮތުން ކަމަށެވެ.
އިއްޔެގެ އެ ބައްދަލުވުމަށް ނުދާ ފަރާތްތަކަށް ވެސް އެމިނިސްޓްރީގައި އެދުމުން އެ މައުލޫމާތު ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އައިމަން ވިދާޅުވި އެވެ.
ސައިކަލު ޓެކްސީގެ ހިދުމަތް ދޭން ބޭނުންވާ ފަރާތްތަކުން ޕުރޮޕޯސަލް ހުށައަޅަންޖެހެނީ މިމަހު 22 ވަނަ ދުވަހު އެވެ.
އައިމަން ވިދާޅުވީ އެކަމަށް ބޮޑުތަރުހީބެއް ލިބެމުންދާ އިރު ހުއްދަ ދޭނީ ކިތައް ފަރާތަށްތޯ މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ހުއްދަދޭނީ މާލޭގެ ޓުރެފިކަށް މައްސަލަ ނުޖެހޭ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހިދުމަތް މުޅި ރާއްޖޭގައި ވެސް ފެށުމަށް ނިންމާފައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި އެ ހިދުމަތްދޭ ފެންވަރުގައި ކަމަށާއި އެހެންކަމުން ރާއްޖޭގައި ސައިކަލް ޓެކްސީ ކުރާ ފަރާތްތަކުން ތިބޭނީ ވަކި ޖެކެޓެއްލައި އެއީ ޑްރައިވަރުންކަން އެނގޭނެ ގޮތަށް ކަމަށް ވެސް އައިމަން ވިދާޅުވި އެވެ.