16 May 2011, 14:13
އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާޤީ އަމަލު ހިންގުމުގެ ތުހުމަތުގައި ހދ. ކުޅުދުއްފުށީގައި އެ ރަށު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމު މިއަދު ވިދާޅުވީ 15 އަހަރުގެ ކުއްޖެއްގެ ގަޔަށް ގަދަކަމުން އަތްލާ ހަދަމުންދާ ކަމަށް ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން ކުޅުދުއްފުށީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސްފައިވާ މީހަކާ ސުވާލު ކުރަމުންދާ ކަމަށެވެ.
ނަމަވެސް އޭނާގެ ވަނަވަރާއި އޭނާ އާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.
ނަން ނުޖެހުމަށް އެދި ކުޅުދުއްފުށީ މީހަކު ސަން އަށް ކިޔައިދިން ގޮތުގައި ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގައި ކިޔަވަމުން އަންނަ އެ ކުޑަކުއްޖާ އާއެކު ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގާފައި ވަނީ ހެނދުނު ދިހައެއް ޖަހާކަންހާއިރު އެ ކުއްޖާ އުޅޭ ގެއަށް މީހަކު ގޮވައިގެން ދިޔަ ޓެކްސީ ޑްރައިވަރެއް ކަމަށެވެ.
"އެ މީހާ އެ ގެއަށް އައީ މީހަކު ގޮވައިގެން. އޭރު އެ ކުއްޖާ އިނީ ކޮމްޕިއުޓަރު ކައިރީގައި. އޭރު އެ ކުއްޖާ އިން ތަނުގައި މީހުންނެއް ވެސްނެތް. އަދި އެމީހަކީ އެ ކުއްޖާއާ އާއިލީ ގޮތުން ގާތް މީހެއްވީމާ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ހީނުކުރެވުނީ،" ކުޅުދުއްފުށިން ވާހަކަ ދެއްކި މީހާ ކިޔައި ދިނެވެ.
އެމީހާ އަދި ބުނީ އެ މައްސަލައާ ގުޅިގެން ކުޑަ ކުއްޖާ އަށް ޖިންސީ ގޮތުންނާއި ނަފްސާނީ ގޮތުން ގެއްލުން ވެފައިވާ ކަމަށެވެ.