މިއީ އަޅުކަމުގެ މައްސަރެވެ. ސަދަގާތްކޮށް ދީލަތިކަން އިސްކޮށް އިސްރާފް ނުކުރަންވީ މައްސަރެވެ. ނަމަވެސް ގިނަ ދިވެހިންގެ ތެރޭގައި މިކަން އޮތީ ދިމާއިދިކޮޅަށެވެ. މިއީ ގިނަ ދިވެހިންނަށް ކެއުމުގެ މަހެކެވެ. ހަރަދުކުރުން އިންތިހާއަށް ބޮޑު މަހެކެވެ. ނަތީޖާއަކީ އިންތިހާއަށް އިސްރާފް ބޮޑު މަހަކަށް މިމަސްވުމެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ހަތް ވަނަ އަހަރު ތިލަފުށި އުފެދުނީންސުރެ މާލެއިން އުކާލާ ކުނީގެ ކަންކަން ބަލަހައްޓަން މަސައްކަތް ކުރަމުންދާ މުހައްމަދު ނާސިރު މޫސާ (ތިލަފުށީ ނާސިރު) ބުނާ ގޮތުގައި ކޮންމެ ރޯދަ މަހަކާ ގުޅިގެންހެން ކޮންމެ ދުވަހަކު ވެސް އުކާލާ ކުނި އިންތިހާއަށް އިތުރުވެ އެވެ. އިސްރާފް ކުރުމުގެ ދާއިރާއިން ދިވެހިންނަށް އޭނާ ދެނީ އެއްވަނައެވެ.

ނާސިރު ސަން އަށް އިންޓަވިއޫދެނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ

"ރަމަަޟާން ރޯދަ މަހަކީ ދިވެހި ރާއްޖޭގައި ވަކި ހިސާބެއް ނޫން، އާންމުކޮށް މާލޭގައި އިސްރާފް ބޮޑު، އަޅުގަނޑަށް ދެންނެވޭނީ އިސްރާފް ކުރުމުގައި ދިވެހި ރާއްޖެ އޮންނާނީ އެއްވަނާގައި. އަދި ހާއްސަކޮށް ރަމަޟާން މަހު،" ނާސިރު ބުންޏެވެ.

ކުނި ބާޖުގައި ކުނި އުފުއްލި ޒަމާނުގައި ރޯދަމަހާއި ދިމާކޮށް 315 ލޮރީގެ ކުނި ކޮންމެ ދުވަހަކު ދިޔައީ އުކާލަމުންނެވެ. އެ އަދަދު މިހާރު މިވަނީ މާ އިތުރުވެފަ އެވެ. ކުނި އުފުއްލުމަށް 95 ފޫޓުގެ ބޮޑެތި ދޯނި ފަހަރު ގެންގުޅޭ އިރު އެ ދޯނިތައް ފުރާ ކޮންމެ ދަތުރެއްގައި ކުނި އުފުލަ އެވެ. ދުވާލު ކައިގެން ތިބޭ އާންމު ދުވަސް ދުވަހު އެބޯޓު ތިން ދަތުރުކުރާ އިރު ރޯދަ މަހެއްގެ ކޮންމެ ދުވަހަކު ހަތް ދަތުރު ކުރަންޖެހެ އެވެ. އުކާލާ ކުނީގެ ބޮޑުބަޔަކީ ކާބޯތަކެއްޗެވެ.

ކުނި އުކާލުމުގެ ދާއިރާގައި 19 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ނާސިރު ވަނީ ކުނި ގިނަވާ ސަބަބު ވެސް ދިރާސާކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ރަމަޟާން މަހު ގޭގޭގައި އެތައް ވައްތަރެއްގެ ކެއުންތައް ތައްޔާރު ކުރާއިރު ވެސް ހޮޓާ އަދި ރެސްޓޯރެންޓުތަކުގައި ބައިމަދުނުވާ ކަމަށެވެ. އިރުއޮއްސިގެން ފެށިގެން ގޮސް މެންދަމުގެ ހޮޓާ ރެސްޓޯރެންޓުތައް ބަންދު ކުރުމާ ހަމައަށް ވެސް އެތަންތަނުން ޖާގަ ނުލިބޭ ކަމަށް އޭނާ ބުންޏެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ގޭގައި ކައްކާތަކެއްޗަށް ޖާގަ ލިބެނީ ތިލަފުށިންނެވެ.

"އޭ އަހަރެމެންގޭ ކުޑަސޮރު ނޫނީ އެމަންޖެ ބުންޏޭ މިއަދު ރެސްޓޯރެންޓަކުންނޭ ރޯދަ ވިއްލާނީ، ދެންދާންވީ ކެފޭ އަކަށް، އޭރު ގޭގައި މިހިރީ ފުރެންދެން ކެކިފައި، އެހުރިހާ އެއްޗެއް ޖެހޭނީ އުކާލަން،" ނާސިރު ބުންޏެވެ.

ކުނި އުކާލުމަކީ ކޮންމެ ދުވަހުހެން އޭނާގެ މަސައްކަތަތް ކަމަށްވާއިރު ދިވެހިންގެ އިސްރާފް މިހާ ބޮޑުވުމަކީ އޭނާގެ ބޮޑު ކަންބޮޑުވުމެކެވެ. އޭނާ ދޭންބޭނުންވާ ނަސޭހަތަކީ ލާރި ހެޔޮގޮތުގައި ބޭނުން ކުރުމެވެ.

"އަޅުގަނޑު ދޭނެ ނަސޭހަތަކީ ލާރި މިކަހަލަ ބޭކާރު ކަންތަކުގައި ހޭދަނުކޮށް ތަންކޮޅެއް ބެލެހެއްޓުންތެރިގޮތަކަށް މަސައްކަތް ކުރައްވާށޭ،" ނާސިރު ބުންޏެވެ.

އެއްދުވަހުން އަނެއް ދުވަހަށް ކުނީގެ ނިސްބަތް އިތުރުވާއިރު އޭގެ ސަބަބުން ދިމާވެދާނެ އިޖުތިމާއި މައްސަލަތަކާއި އަދި އިގްތިސާދީ މައްސަލަތަކަކީ ވެސް އޭނާގެ ކަންބޮޑުވުމެކެވެ. ނާސިރު ބުނި ގޮތުގައި ކުނީގެ ސަބަބުން ބަލިމަޑުކަމެއް ފެތުރުމަކީ ވެސް ދުރުގައިއޮތްކަމެއް ނޫނެވެ. އެކަން ކަމާއި މީހުން ފިކުރު ނުކުރުމަކީ ނާސިރުގެ ކަންބޮޑުވުމެވެ.

"އެއްވެސް ބޭފުޅަކު ހިތަށް އަރާވަޑައެއް ނުގަންނަވާ ކުންޏަކީ ކޯއްޗެއްކަން، މިއިގެން އުފެދިދާނެ ކޮންކަހަލަ ނުރައްކާތެރި ބައްޔެއްކަން، ކޮންކަހަލަ ނުރައްކާތެރި ހާދިސާއެއްކަން ވެސް،" ނާސިރު ބުންޏެވެ.

އިސްލާމް ދީން ވެސް އަންގަވަނީ އިސްރާފާއި ދުރުވަން!

ސަވާބާއި ދަރުމައިގެ މަސްކަމަށްވާ ރަމަޟާން މަހު ދިވެހިންގެ ކަށީގައި ހިފާފައި މިނުބައި އާދަޔަކީ މާތްވެގެންވާ އިސްލާމްދީން ވެސް ނުކުރުމަށް އަންގާފައިވާ ކަންކަމެވެ.

އައްޝެއިހް އިބްރާހިމް ފަހުމީ ދީދީ ވިދާޅުވި ގޮތުގައި ރޯދަމަސްވެފައި ވަނީ ރާއްޖެ އާއި އެހެނިހެން ގައުމުތަކުގައި ވެސް ވަރަށް އިސްރާފު ބޮޑު މަހަކަށް ކަމަށާއި ނަމަވެސް ރޯދަމަހަކީ އިސްރާފު އިތުރުވެގެން ވާންޖެހޭނެ މަހެއް ނޫން ކަމަށެވެ. އިސްރާފު ކުރުމަކީ އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް މަނާ ކުރައްވާފައިވާ ކަމެއްކަމަށް ޝެއިހް ފަހުމީ ވިދާޅުވި އެވެ.

"ކީރިތި ގުރުއާނުގެ ބައެއް އާޔަތްތަކުގައި އެބަހުރި އަމުރު އައިސްފައި ތިޔަބައި މީހުން އިސްރާފް ނުކުރާށޭ، މިކަމަކީ އަޅުގަނޑުމެން މާ ބޮޑަށް ދުނިޔެވީ ކަންކަމަށް ދިއުމުގެ ސަބަބުން ވެފައި ހުރި އާދައެއް. މިކަމުގައި ވިސްނާލަންވީ އެއް ކަމަކީ ދީނީ ގޮތުން ބަލާއިރު އިސްރާފް ކުރުމަކީ ހުއްދަކަމެއް ނޫން ކަން،" ޝެއިހް ފަހުމީ ވިދާޅުވި އެވެ.

އިސްރާފު ކުރުމަކީ އެހާ ގޯސް ކަމަކަށްވާ އިރު މިކަން ހުއްޓަންޖެހެ އެވެ. ފުދޭވަރަށް ވުރެ ގިނައިން ކާބޯތަކެތި ނުހެދުމާއި ގޭގައި ކައްކާފައި ހުއްޓާ ގެއިން ބޭރުން ކެއުން މަދު ކުރުމެވެ. ހަމައެއާ އެކު އިތުރަށް ކާބޯތަކެތި ހެދިއްޖެ ނަމަ ރޯދަވިއްލަން މިސްކިތްތަކަށް ފޮނުވުމާއި އަވައްޓެރިންނަށާއި ނިކަމެތިންނަށް ހަދިޔާ ކުރުމަކީ ވެސް މިމާތް މައްސަރުގައި ސަވާބާއި ދަރުމަ ހޯދޭނެ ކަންކަމެވެ. މިއީ މާތްވެގެންވާ އިސްލާމު ދީނުގައި ބާރު އަޅާ ކަމެކެވެ.

"އިސްރާފް ކުރުމުގެ ބަދަލުގައި ފަގީރަކަށް ނިކަމެއްޗަކަށް އިސްރާފް މިކުރެވޭ ބައި ދެވިއްޖެކަމަށްވާ ނަމަ އެ ވަރަށް ބޮޑު ފައިދާއެއް. އެކަމުން ވަރަށް ބޮޑު ސަވާބާއި ދަރުމަ ލިބޭ. ގޭގައި ތައްޔާރު ކުރާތަކެތީގެ ތެރެއިން އެއްބައި ތަކެއްޗަކީ މިސްކިތްތަކަށް ރޯދަ ވިއްލަންދާ މީހުންނަށް ގެންގޮސްދޭ ތަކެތި ކަމަށް ވެއްޖެއްޔާ ވަރަށް ބޮޑު ހައްލެއްއެއީ. ރޯދަ މަހު ވަރަށް ގިނަ ގުނަ ސަވާބު ލިބޭނެ ކަމެއް އެއީ،" ޝެއިހް ފަހުމީ ވިދާޅުވި އެވެ.

އިސްރާފް ކުރުމަކީ މިހާ ގޯސްކަމަކަށްވާ އިރު އަހަރަކުން އަހަރަކު މިދަނީ އިސްރާފް އިންތިހާއަށް އިތުރުވަމުންނެވެ. މިއީ ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމެކެވެ. މިމާތްމަހު ކުރެވޭ ހެޔޮ އަމަލުތައް ގިނަކޮށް އިސްރާފް ކުރުން ފަދަ ކަންކަމުން ދުރުވާންޖެހެ އެވެ.