ޝާހިދު ކަޕޫރު، އާލިއާ ބަޓް އަދި ކަރީނާ ކަޕޫރު މުހިންމު ރޯލުތަކުން ފެނިގެންދާ ފިލްމު "އުޅްތާ ޕަންޖާބު" އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ސެންސަރު ބޯޑް އޮފް ފިލްމު ސަޓިފިކޭޝަން (ސީބީއެފްސީ) އިން އަންގައިފި އެވެ.

ހަބަރުތައް ބުނާގޮތުން ސެންސަރު ބޯޑުން ވަނީ، އެ ފިލްމުގައި އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ގޮތަށް ހުރި ހުރިހާ ކަމެއް ބަދަލުކުރުމަށް އަންގައިފަ އެވެ.

މި މަހުގެ 17 ވަނަ ދުވަހު ރިލީޒް ކުރުމަށް ތައްޔާރު ވަމުން އަންނަ "އުޅްތާ ޕަންޖާބު"ގެ ކަންކަން ސެންސަރު ބޯޑުން އެންމެ ފުރަތަމަ ހުއްޓުވީ އެ ފިލްމުގައި ބޭނުންކޮށްފައި ހުރި ބަސް މަގާއި އަދި ވެސް އެހެނިހެން ބައެއް މައްސަލަތަކާ ގުޅިގެންނެވެ.

ނަމަވެސް ފަހުން ބެލި އިރު، އެ ފިލްމުގައި ޕަންޖާބުގެ ނަން ބަދުނާމުވާ ފަދަ ގޮތަކަށް، އެ ސްޓޭޓުގެ ގިނަ ޒުވާނުންނަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ބައެއްގެ ގޮތުގައި ސިފަވާ ގޮތަށް ގެނެސްދިފައިވާ ކަން ފާހަގަވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

އެހެންކަމުން ޕަންޖާބަށް ނިސްބަތްކޮށްފައިވާ ބައިތައް އެ ފިލްމުން ކަނޑަން މިހާރު ވަނީ އަންގައިފަ އެވެ. އެގޮތުން ފިލްމުގެ ނަން ވެސް ބަދަލު ކުރަން އަންގާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ހަބަރުތައް ބުނާ ގޮތުން އެ ފިލްމަށް ދެން ކިޔަނީ "އުޅްތާ ޓޮމީ" އެވެ. ޓޮމީ އަކީ އެ ފިލްމުގައި ޝާހިދުގެ ކެރެކްޓާ އެވެ.

އޭގެ އިތުރުން ވެސް ފިލްމުގެ 90 މަންޒަރެއް ކަނޑާލުމަށް ވެސް ސެންސަރު ބޯޑުން ައަންގާފައިވާ ކަމަށްވެ އެވެ.

ސެންސަރު ބޯޑުގެ އެންގުމާ ގުޅިގެން، ފިލްމުގެ ޕްރޮޑިއުސަރު، އަނޫރާގް ކަޝްޔަޕް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އެގޮތުން އޭނާ ވަނީ އުތުރު ކޮރެއާގައި އުޅުމަކީ ކޮން ކަހަލަ ކަމެއްތޯ އަބަދުވެސް ބަލާލަން ބޭނުންވި ކަމަށާއި ނަމަވެސް މިހާރު އުތުރު ކޮރެއާ އަށް ނުދިޔަ ނަމަވެސް އެ އިހުސާސް ކުރެވޭ ކަމަށް ބުނެފަ އެވެ.