07 Jun 2016, 21:43
ސިވިލް ސާވިސް ކޮމިޝަނުން އައްޔަން ކުރާ ގޮތަށް ސިވިލް ސާވިސް ގާނޫނުގައި ބުނެފައިވާ ޕާމަނަންޓު ސެކެޓްރީ (ޕީއެސް)ގެ މަގާމަށް މީހުން އައްޔަން ކުރާއިރު އެ މިނިސްޓްރީއެއް ހިންގުމާއި ހަވާލުވެ ހުންނަވާ މިނިސްޓަރެއްގެ ލަފާ ހޯއްދަވާ ގޮތަށް ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
އެ ގާނޫނުގައި މިހާރު ބުނެފައި ވަނީ ޕާމަނަންޓު ސެކެޓްރީގެ މަގާމަށް މީހުން އައްޔަން ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފު މުހައްމަދު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ޕާމަނަންޓު ސެކެޓްރީގެ ޒިންމާއަކީ އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރުގެ ދަށުން މިނިސްޓަރުގެ ލަފައާ އިރުޝާދާއި އެއްގޮތްވާ ގޮތުގެ މަތީން އެ މިނިސްޓްރީއެއް ހިންގާ ބެލެހެއްޓުމާއި އެ މިނިސްޓްރީއެއްގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މިނިސްޓަރަށް، މިނިސްޓަރު ބޭނުންވެއްޖެ ހިނދެއްގައި ލަފާދީ އެހީތެރިވެދިނުން ކަމަށެވެ.
އެ ގާނޫނުގައި މިހާރު ބުނެފައި ވަނީ ޕާމަނަންޓު ސެކްރެޓަރީގެ ޒިންމާއަކީ، އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރުގެ ދަށުން އެ މިނިސްޓްރީއެއް ހިންގާ ބެލެހެއްޓުމާއި، އެ މިނިސްޓްރީއެއްގެ މަސައްކަތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދީ އެހީތެރިވެ ދިނުން ކަމަށެވެ.
ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ލަތީފު ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނީ ސަރުކާރާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކުގެ ހިންގުން ހަރުދަނާ ކުރެވިގެން ކަމަށެވެ.