ކަނޑުމަގުން ރާއްޖެ އަށް 29 ކިލޯގެ ވަގުތީ ބަރުދަނުގެ މަސްތުވާ ތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި 4 މީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

ކްރިމިނަލް ކޯޓުން އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖެހީ އެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިއުމުން ނެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 2 ދިވެހިންނާއި 2 ބިދޭސީންނެވެ. އޭގެ ތެރޭގައި ހިމެނޭ ދެ ދިވެހިންނަކީ މ. ރަތްކޮކާގޭ އަހުމަދު ސަދޫހު ހުސައިނާއި 29، އަދި ލ. މާމެންދޫ އާސްތާނާ މުހައްމަދު ނިއުޝާދު 29 އެވެ.

އެ ދެމީހުންގެ ތެރެއިން ސަދޫހަކީ ބަނގުރާ ބޭނުންކޮށް އެތަކެތި ގެންގުޅުމުގެ މައްސަލަ އާއި، މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ގުރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި، ބަރޮސް މޯލްޑިވްސް ރިޒޯޓަށް މާސްކު އަޅައިގެން އަރައި އެރިސޯޓުން ވައްކަން ކުރަން އުޅުނު ކަމުގެ ރެކޯޑް އޮތް މީހެއް ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ލ. މާމެންދޫ އާސްތާނާ މުޙައްމަދު ނިއުޝާދަކީ މާރާމާރީ ހިންގުމާއި ގަދަކަމުން އޮރިޔާން ފޮޓޯނެގުން ފަދަ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ރާއްޖެ އައި ބޯޓަކުން ރާއްޖެ އެތެރެކުރަން އުޅުނު 29 ކިލޯގެ ހެރޮއިން އަތުލައިގެންފައި ވަނީ ރޭ ފަތިހު ކަމަށެވެ. އަދި ވިދާޅުވީ އެއީ މިހާތަނަށް ރާއްޖެ އަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށެވެ.

އީރާނުގައި ރަޖިސްޓްރީކޮށްފައިވާ "ހޮރުމޯޒު" ނަމަކަށް ކިޔާ ބޯޓަކުން 2014 ވަނަ އަހަރު ރާއްޖެ އެތެރެކުރަން އުޅުނު 24 ކިލޯގެ މަސްތުވާތަކެތި ވެސް ވަނީ އަތުލައިގެންފަ އެވެ. އެ މައްސަލައިގެ ޝަރީއަތް ކޯޓުގައި އެބަ ކުރިއަށް ދެ އެވެ.

ނަވާޒު ވިދާޅުވީ ޕާކިސްތާނުން އެތެރެކުރަން އުޅުނު ކަމަށް ބެލެވޭ 29 ކިލޯގެ ހެރޮއިންގެ މަގުމަތީ އަގު 145 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ.