07 Jun 2016, 17:34
ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ދެމުންދާ ފުލެޓުތަކުގެ އަގު އަތްނުފޯރާ ފަށަށް އުފުލެމުންދާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ތާއީދާއި އެކު މަޖިލީހަށް ހުށަހެޅުއްވި އެ ގަރާރުގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ ސަރުކާރުގައި ރައްޔިތުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން "ވެށިފަހި ޕްރޮގުރާމު"ގެ ނަމުގައި ހާއްސަ ޕްރޮގުރާމެއް ފެށިގެން ދިޔަ ކަމަށެވެ.
ރުކުމާ ވިދާޅުވީ ގާކޮށި ހުރި ބިމުގައާ ކުރީގެ އަރަބިއްޔާ ހުރި ބިމުގެ އިތުރުން އޯޑިއޯ އަދި ނާދީ ހުރި ބިމުގައި އެޅުމަށް ނިންމާފައިވާ ފުލެޓުތަކުގެ އަގުގެ ތެރެއިން 30 ޕަސެންޓު ފުލެޓު ޑިވެލޮޕަރު އަމިއްލަ އަށް ވިއްކާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބާކީ 70 ޕަސެންޓު ހަމަޖައްސާފައި ވަނީ ސަރުކާރާއި ހަވާލުކުރުން ކަމަށްވުން ކަމަށެވެ.
"އަދި މިދެންނެވި 70 ޕަސެންޓު ދިނުމަށް ހަމަޖައްސާފައި ވަނީ ފުލެޓެއް ހަދަން ހަރަދުވާ އަދަދު ސަރުކާރުން ޑިވެލޮޕަރަށް ދައްކާ ގޮތަށް ކަމަށްވުމާއި އަދި މިކަމުގެ އަގެއްގެ ގޮތުގައި ކޮންމެ ފުލެޓަކަށް ކަނޑައަޅާފައި ވަނީ 75،000 ޑޮލަރު ކަމަށްވީހިނދު، ރައްޔިތުންނަށް މާލީ ގޮތުން ލުއިފަސޭހަވާނެ ފަދަ ގޮތަކަށް މި ފައިސާ ދެއްކޭނެ ގޮތް ހެދުމަށްޓަކައި އެމްޑީޕީ ސަރުކާރުގައި ސަރުކާރުގެ ރިއަލްސްޓޭޓު ކުންފުނި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނުން އެއްބަސްވެފައި ވަނީ 25 އަހަރު ދުވަހަށް ބަހާލައިގެން މަހަކު 400 ޑޮލަރަށް ވުރެ ބޮޑު ނުވާނެ އަދަދަކުން ދެއްކުން ކަމަށްވުމާއި،" ރުކުމާއި ވިދާޅުވި އެވެ.
ރުކުމާއި ވިދާޅުވީ އެ ފައިސާގެ ތެރެއިން ފުލެޓު އިމާރާތްކުރާ ޑިވެލޮޕަރަށް ދައްކަންޖެހޭ ފައިސާގެ 10 ޕަސެންޓު ސަރުކާރުން ޑިވެލޮޕަރަށް ދައްކާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ވެއްޓުމަށްފަހު ހައުސިން މިނިސްޓަރަކަށް އައްޔަން ކުރެވި ޑރ. މުހައްމަދު މުއިއްޒަށް ފުލެޓު އެޅުމުގެ މަޝްރޫއު ހިންގަން އެނގިވަޑައި ނުގެންނެވުމުގެ ސަބަބުން ސަރުކާރުން ފުލެޓުގެ މަސައްކަތް ކުރާ ފަރާތަށް ދައްކަންޖެހޭ ފައިސާ ބޮޑުވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބެން އައި ބޯހިޔާވަހިކަން ލިބުން ލަސްވެ، ރައްޔިތުން ފުލެޓު އަމިއްލަ ކުރުމަށް ދައްކަންޖެހޭ ފައިސާގެ އަދަދު އިންތިހާއަށް ބޮޑުވެގެން ގޮސްފައިވާ ކަމަށެވެ.
ރުކުމާ ވިދާޅުވީ މި ސަރުކާރުގައި ފުލެޓުގެ އަގު އަތްނުފޯރާ ފަށަށް ގޮސްފައިވާ ސަބަބު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބަލަންޖެހޭ ކަމަށާއި ބޯހިޔާވަހިކަމުން ރައްޔިތުން މަހުރޫމުވާތީ އެކަން ވެސް މަޖިލީހުން ބަލަންޖެހޭ ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ 142ވަނަ މާއްދާގައި ބުނެފައި ގަރާރު ފާސްކުރަނީ މަޖިލީހުގެ މަސައްކަތް ހިންގާނެ އުސޫލުތައް ބަޔާންކޮށްދިނުމަށާއި، މަޖިލީހުގެ ހިންގުމުގެ އުސޫލަށް ގެނެވޭ ބަދަލުތައް ފާސްކުރުމަށާއި، މަޖިލީހުގެ ގަވާއިދަށް ގެނެވޭ ބަދަލުތަކާއި އަދި މަޖިލީހުން ކަމަކާ ދޭތެރޭގައި ދެކޭގޮތް ހަމައެކަނި ހާމަކުރުމަށްޓަކައި ކަމަށެވެ.