ގްރީން ޓީގައި ހިމެނޭ ކެމިކަލެއްގެ ސަބަބުން ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކުގެ ހަނދާން ހުންނަ މިންވަރާއި އުޅުން [ބިހޭވިއާ] ރަނގަޅުވާ ކަމަށް އެއް އަހަރު ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ކްލިނިކަލް ޓްރައަލްއަކުން ދައްކާފައިވާ ކަމަށް ސައިންސުވެރިންނާއި ޑޮކްޓަރުން ވިދާޅުވެއްޖެ އެވެ.

ދި ލާންސެޓްގައި އާއްމުކޮށްފައިވާ ލިޔުމެއްގައިވާ ގޮތުން ޑައުން ސިންޑްރޯމް ހުންނަ ދިރާސާގެ 84 ބައިވެރިންނަށް ގްރީން ޓީގައި އެކުލެވޭ އެޕިގަލޮކެޓަކިން ގަލޭޓު ދިނުމުން މެމޮރީ އަދި ބިހޭވިއާ ޓެސްޓުތަކުގެ ނަތީޖާ ރަނގަޅުވި އެވެ. އަދި ޓްރައަލް ކުރިއަށް ގެންދިޔަތާ ހަ މަސް ފަހުން އެޓެސްޓުތައް ދިނުމުން ވެސް ޓެސްޓުގެ ބައިވެރިން ރަނގަޅު ނަތީޖާއެއް ދައްކާފައިވާ ކަމަށް ދިރާސާގެ ބައިވެރިން ވިދާޅުވި އެވެ.

އަދި އެޕިގަލޮކެޓަކިން ގަލޭޓު ބޭނުން ކުރުމުން ސިކުނޑީގައި ހުންނަ ނިއުރޯންސް އެކަތި އަނެއްކައްޗާ ގުޅޭ [ކަނެކްޓު ވާ ގޮތް] ތަފާތުވާ ކަމަށް ސިކުނޑީގެ ސްކޭންތަކުން ދެއްކި ކަމަށް ސެންޓާ ފޯ ޖީނޯމިކް ރެގިއުލޭޝަން އިން ބާސެލޯނާގެ ސައިންސުވެރިއެއް އަދި އެދިރާސާގެ އެންމެ އިސްދައުރެއް އަދާކުރެއްވި މާރާ ޑިއާސެން ވިދާޅުވި އެވެ.

އެއީ މުހިއްމު ހޯދުމެއް ނަމަވެސް އެއީ ޑައުން ސިންޑްރޯމްއަށް އޮތް ހައްލެއް ކަމަށް އަދި ދެކިގެން ނުވާނެ ކަމަށާއި މިހާރު ދެކެންވީ އެއީ ޑައުން ސިންޑްރޯމް ހުންނަ ފަރާތްކުގެ ދިރިއުޅުން ފަސޭހަ ކުރެވިދާނެ މާއްދާއެއްގެ ގޮތުގައި ކަމަށް ޑިއާސެން ވިދާޅުވި އެވެ.

ދުނިޔޭގެ ކޮންމެ އެއްހާސް މީހުންގެ ތެރެއިން އެކަކަކީ ޑައުން ސިންޑްރޯމް ހުންނަ މީހެއް ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަންގެ ތަފާސް ހިސާބުން ދައްކަ އެވެ.