ލ. އަތޮޅުގައި ފަހަކަށް އައިސް ހިންގާ މާރާމާރީ ތަކުގައި ހައްޔަރު ކުރާ މީހުންގެ ބަންދުގެ މުއްދަތު ޖަހައި ދިނުމުގައި މެޖިސްޓްރޭޓުންގެ ފަރާތުން ދިމާވަމުންދާ ދަތިތަކާ ގުޅޭ ގޮތުން އެއަތޮޅުގައި ތިއްބަވާ ފުލުހުންގެ އިސް ބޭފުޅުންނާ އުއްތަމަ ފަނޑިޔާރު މަޝްވަރާ ކުރައްވައިފި އެވެ.

މި މަޝްވަރާތަކުގައި ފަހަކަށް އައިސް ރާއްޖޭގައި ޚާއްސަކޮށް ލ. އަތޮޅުގައި ހިންގި މާރާމާރީތަކާ ބެހޭ ގޮތުންނާއި ތުހުމަތަށް ހައްޔަރުކުރާ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށް ދިނުމުގައި މެޖިސްޓްރޭޓުންގެ ފަރާތުން ދިމާވަމުންދާ ދަތިތަކާ ބެހޭ ގޮތުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވަނީ މައުލޫމާތު ހޯއްދަވައި އެކަމުގައި ޖުޑިޝަރީން ކޮށްދެއްވިދާނެ ކަންތައްތަކާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ. އަދި މީގެ ފަހުން ލ. އަތޮޅުގެ މެޖިސްޓްރޭޓުންގެ ފަރާތުން މިހާރަށްވުރެ ފުރިހަމަ އެއްބާރުލުމެއް ލިބިގެން ދާނޭ ކަމަށް ވެސް އެ މަޝްވަރާތަކުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ގަން ޕޮލިސް ސްޓޭޝަނުގައި މިދިއަ ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އިބްރާހިމް އަހުމަދު މަނިކާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސް ބޭފުޅުންގެ އިތުރުން ލ. އަތޮޅުގައި ގާއިމުވެ ތިއްބަވާ ފުލުހުންގެ އިސް ވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިދިޔަ މަހު ލ. އަތޮޅު މާމެންދޫގައި ހިންގި މާރާމާރީއެއްގެ ތުހުމަތަށް ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމުގައި އެ އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ އެއްބާރުލުން ނުލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ލ. އަތޮޅުވެފައި ވަނީ މާލެ ފިޔަވައި ނުރައްކާތެރި މާރާމާރީ ތައް އެންމެ ގިނައިން މިހާރު ހިންގާ އަތޮޅަށެވެ.