07 Jun 2016, 14:05
ވޮޝިންޓަން (ޖޫން 7) : ބަރަކާތްތެރި ރަމަޟާން މަހަކީ މުސްލިމުންނަށް ވަރަށް ޚާއްސަ އަޅުކަމުގެ މައްސަރެއް ކަމަށާ އެމަހުގައި ހިމެނޭ އަޅުކަމާއި އަޚްލާގީ ސިފަތަކާ އަދި ރޫޙީ ކަންކަމަށް ތަރްޙީބު ދެއްވައި އިޙްތިރާމް ކުރައްވާކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
އޮބާމާ މިހެން ވިދާޅުވީ ރަމަޟާން މަސް ފެށުމުގެ މުނާސަތާ ގުޅިގެން ދުނިޔޭގެ މުސްލިމުންނަށް މަރްޙަބާ ކިޔުމުގެ ގޮތުން އޭނާ ސޮއިކުރައްވައި ވައިޓް ހައުސްއިން ހޯމަދުވަހު ނެރުނު ބަޔާނެއްގަ އެވެ. މިބަޔާނުގައި ވައިޓް ހައުސްގައި މުސްލިމުންނަށް ޚާއްސަކޮށްގެން ރޯދަވީއްލުމެއް ބޭއްވުމަށް ހަމަޖައްސަވާފައިވާކަމާ އަދި ފިތުރު އީދުގައި މުސްލިމުންނާ ސަލާމް ކުރެއްވުމުގެ ހަފްލާއެއް ވައިޓް ހައުސްގައި ބޭއްވުމަށް ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. މުސްލިމުންނަށް ޚާއްސަކޮށްގެން ވައިޓް ހައުސްގައި ރޯދަވީއްލުން ބޭއްވުމަކީ މިފަހަކަށް އައިސް އެމެރިކާގެ ރައީސުން ކުރައްވާ ކަމެކެވެ. އޮބާމާގެ ވެރިކަމުގައި ފާއިތުވި އަށް އަހަރުގައި ވެސް މިކަން މިގޮތަށް ކުރައްވާފައިވެ އެވެ.

އޮބާމާ މުސްލިމުންތަކަކާ ބައްދަލުކުރައްވަނީ
އޮބާމާގެ ބަޔާނުގައި އިސްލާމީ އެތައް ގައުމެއްގެ އެތައް މިލިޔަން ބަޔަކު ހަނގުރާމައިގެ ތެރޭގައި ވަރަށް ނިކަމެތި ގޮތެއްގައި ބިރުވެރިކަމާ އެކު އުޅެމުންދާކަން ހާމަކުރައްވައި އެކަމާމެދު ކަންބޮޑުވެ ވަޑައިގަންނަވާކަމަށް ވިދާޅުވެފައިވެ އެވެ. އަދި ހަނގުރާމައިގެ ބިރުވެރިކަމުން ސަލާމަތް ވުމަށް ގައުމުން ބޭރަށްދާ މުސްލިމް ރެފިއުޖީންނަށް އިންސާނީ އެހީފޯރުކޮށްދިނުމުގައި އެމެރިކާ އަދާކުރާ ދައުރު މިހާރަށްވުރެ ބޮޑުކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
އަނެއްކޮޅުން ކެނެޑާގެ ބޮޑުވަޒީރު ޖެސްޓަން ޓްރޫޑޯ ވެސްވަނީ ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ މުނާސަތާ ގުޅިގެން ދުނިޔޭގެ މުސްލިމުންނަށް މަރްޙަބާ ވިދާޅުވެފަ އެވެ. މިކަމާބެހޭ ގޮތުން ޓްރޫޑޯގެ އޮފީހުން ނެރެފައިވާ ބަޔާނުގައި މުސްލިމުން ރަމަޟާން މަހުގައި ރޯދަހިފާ ހިފުމުގެ ހިކްމަތާއި އަދި ރޯދައާއި އަޅުކަމުގެ ސަބަބުން މާތް ﷲ ގެ ހަޒްރަތާ މުސްލިމުން ގާތްވެގެންދާނެކަން ބަޔާންކުރައްވާފައިވެ އެވެ. އަދި ރޯދަމަހުގެ ރޭގަނޑުގެ ވަގުތުތަކުގައި މުސްލިމުން ކުރާ ރޭއަޅުކަންތަކާއި އަދި ކީރިތި ގުރްއާނުގެ އަލީގައި ފިކުރުކޮށް ކަންކަން ހޯދައި ދުނިޔެ ތަޢްމީރު ކުރުމުގައި މުސްލިމުންގެ ދައުރު އިތުރުކުރުމަށް ގޮވާލެއްވި އެވެ.
އަދި ރޯދައަކީ މުސްލިމުން ކެތްތެރިކަމާއި ރިވެތި އަޚްލާގާއި ނުބައި އަމަލުތަކުން އެއްކިބާވާކަމެއް ކަމަށް ވިދާޅުވެ މުސްލިމުންގެ އެއްބަޔަކު އަނެއް ބަޔަކާ ދިމާކޮށް ތަޅާފޮޅުމުގެ ބަދަލުގައި މައާފްކޮށް އަލުން އައު ސަފްހާއެއް ފެށުމަށް ވެސް ހަނގުރާމަކުރާ އިސްލާމީ ޖަމާއަތްތަކާއި ސަރުކާރުތަކަށް ކެނެޑާގެ ބޮޑުވަޒީރު ޖެސްޓަން ޓްރޫޑޯ ގޮވާލައްވާފައިވެއެވެ. (ނޫސްއެޖެންސީތައް)