07 Jun 2016, 13:32
ރާއްޖޭގެ ފަރާތުން ހަތަރު ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ގައުމީ ސަލާމަތުގެ ކޮމިޓީ އަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީ އަށް ފޮނުވާފައި ވަނީ ރާއްޖެ އިން ހަތަރު ގައުމަކަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް ދެ ބޭފުޅަކު އައްޔަން ކުރުމުގެ މައްސަލަ އެވެ.
އެގޮތުން ކޮމިޓީ އަށް ފޮނުވާފައި ވަނީ ބޭރު ގައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށް ޓަކައި އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ އަށް ދިވެހިރާއްޖެ އިން ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ކަމަށާއި އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރުކަމަށާއި ކެނެޑާއަށް ދިވެހިރާއްޖެ އިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ގދ. ގައްދޫ ބެންހާގެ، ޑރ.އަލީ ނަސީރު މުހައްމަދު އައްޔަން ކުރުމަށް ފޮނުއްވާފައިވާ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމުގެ މައްސަލަ އެވެ.
އަދި ނެދަލެންޑްސް އާއި ލަގްޒަމްބާގްއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، ގ. ސަމަންތާ، އަހުމަދު ޝިއާން އައްޔަން ކުރުމަށް ފޮނުއްވާފައިވާ ނަންފުޅު ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް ވެސް ވަނީ ކޮމިޓީ އަށް ފޮނުވައިފަ އެވެ.
އޭގެ އިތުރުން، މިއަދުގެ ޖަލްސާގައި ވަނީ ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ހުށަހަޅުއްވާފައިވާ ބިލުގެ ފުރަތަމަ ކިޔުން ވެސް އިއްވައިފަ އެވެ.
އޭގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު، ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގެ ބިލުގެ ފުރަތަމަ ކިޔުމާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ ގަރާރުގެ ފުރަތަމަ ކިޔުން ވެސް މިއަދު ވަނީ އިއްވަައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 13 ޖޫން ވާ ހޯމަ ދުވަހު ހެނދުނު 10:30 ގަ އެވެ.