ރޯދަ މަހާ އެކު ދިވެހި ދަނޑުވެރިކަމުގެ ތަކެތީގެ ޑިމާންޑު ބޮޑުވެފައިވާ އިރު އެތަކެތީގެ އަގުތައް މައްޗަށް ޖެހިލައިފި އެވެ.

ދަތުރުވެރިންގެ މާކެޓުގައި ދިވެހި އުފެއްދުންތައް އެހެން އަހަރުތަކާއި އަޅާބަލާ އިރު މަދުކަން ފާހަގަކުރެވޭ އިރު ގިނަތަކެތީގެ އަގުތައް ވެސް މިދިޔަ އަހަރަށް ވުރެ މައްޗެވެ.

ކުރިން ފަސް ރުފިޔާ އަށް ވިއްކަމުން ދިޔަ ކުއްޅަފިލާފަތް ބޮނޑިއެއް މިހާރު ވިއްކަނީ 10 ރުފިޔާއަށެވެ. ކޮޕީފަތެއްގެ އަގު އުޅެނީ 10 ރުފިޔާ އަށެވެ. އަދި 100 ގުރާމް މިރުސް ވިއްކަމުން ދަނީ 35 ރުފިޔާ އަށެވެ. ލުނބޯ ކިލޯއެއް 50 ރުފިޔާ އާއި 60 ރުފިޔާ އާއި ދޭތެރޭ އަގުތަކެއްގައި މިދިޔަ ރޯދަ މަހު ވިއްކި އިރު މި ރޯދަ މަހު ވިއްކަމުން ދަނީ 80 ރުފިޔާ އަށެވެ. ބަރަބޯ ކިލޯއެއް ވިއްކަމުން ދަނީ 25 ރުފިޔާ އަށެވެ.

ކުރިން 15 ރުފިޔާ އަށް ލިބޭ ކުރުނބައެއްގެ އަގު މިހާރު އުޅެނީ 20 ރުފިޔާއަށް ވުރެ މަތީގަ އެވެ. އަދި ފޭރު ކިލޯއެއްގެ އަގު 60 ރުފިޔާ އަށް އުޅޭއިރު އަނބު ކިލޯއެއް އުޅެނީ 100 ރުފިޔާ އަށެވެ. ގިނައީ ބޭރު އަނބެވެ.

ކުރިން ފަސް ރުފިޔާ އަށް ވިއްކި ދޮންކެޔޮ ވަކެއް މިހާރު އުޅެނީ ހަ ރުފިޔާ އަށެވެ.