މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީ އިން ފަށައިފި އެވެ.

ފިތުރު ޒަކާތް ބަލައިގަންނާނީ އިސްލާމިކް މިނިސްޓްރީ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ވިލިމާލެ، އައްޑޫސިޓީ ކައުންސިލު އަދި ރަށްރަށުގެ ރަށު ކައުންސިލު ތަކުންނެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ ފިތުރު ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށް ދާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން 13:00 އަށް ކަމަށެވެ.

ފިތުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެ އެވެ.

ފިތުޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި އާންމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަށް ބަލައިގެންނެވެ.

ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ 2.4 ކިލޯ ހަނޑުލުގެ އަގަށްވާ ފައިސާ އިން ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.

އެހެންކަމުން މާލޭސިޓީގައި ދިރިއުޅޭ މީހުން ޒަކާތްދައްކާނީ އާދައިގެ ހަނޑުލުން ނަމަ، މީހަކަށް 12 ރުފިޔާ، ތައިލެންޑު ހަނޑުލުން ނަމަ މީހަކަށް 65 ރުފިޔާ އަދި ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް 77 ރުފިޔާ އެވެ.

ކައުންސިލްތަކުގެ އިދާރާތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯ ހަނޑޫ، އެރަށަކުން ގަންނަން ލިބޭ އަގަކުން ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.