ދައުލަތުގެ މީޑިއާ ހިންގުމަށް ރައްޔިތުންގެ މަޖިލީހުން އުފައްދައިފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަނާ ކުރީގެ ޓެލެވިޒަން މޯލްޑިވްސް [ޓީވީއެމް] އާއި ދިވެހި ރާއްޖޭގެ އަޑު، ހަވާލުކުރުމަށް ސިވިލް ކޯޓުން ނެރުނު ހުކުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް [އައިއެފްޖޭ] އިން މަރުހަބާ ކިޔައިފި އެވެ.

އައިއެފްޖޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، ސަރުކާރު ކުންފުނި، މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން [އެމްއެންބީސީ] އިން މިހާރު ހިންގަމުންދާ ދައުލަތުގެ މީޑިއާ، ސިވިލް ކޯޓުގެ ހުކުމާ ގުޅިގެން އެމްބީސީގެ ދަށަށް އަވަހަށް ބަދަލުވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"މީޑިޔާ ވަސީލަތްތައް ހަވާލުކުރުމުގެ މައްސަލާގައި ރާއްޖޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތައް ސިވިލް ކޯޓްގެ ހުކުމުގެ ސަބަބުން ނިމުމަކަށް އަންނާނެ ކަމަށް އަހަރެމެން އުއްމީދު ކުރަމެވެ." އައިއެފްޖޭގެ އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ޑިރެކްޓަރު ޖެކޫލިން ޕާކް އެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އަދި ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރަމުން އަންނަ އިރު، މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ގާނޫނެއްގެ ދަށުން އުފައްދާފައިވާ އެމްބީސީ ފަދަ މުސްތަގިއްލު ޕަބްލިކް ބްރޯޑްކާސްޓަރެއްގެ މުހިންމުކަން ވަރަށް ބޮޑު ކަން ވެސް އައިއެފްޖޭން ފާހަގަކުރެ އެވެ.

އައިއެފްޖޭ ބުނަނީ، ދައުލަތުގެ ބާރުގެ ދަށުން މިނިވަން ވެފައިވާ އަދި އިޝްތިހާރުން ހޯދާ ފައިސާ އަށް ބަރޯސާ ވުމުގެ ސަބަބުން އެޑިޓޯރިއަލް ޕޮލިސީ އަށް އަސަރުކޮށްފައި ނުވާ މިނިވަން ޕަބްލިކް މީޑިއާ އޮތުމަށް އެޖަމިއްޔާ އިން އަބަދު ވެސް ވަކާލާތުކުރާ ކަމަށެވެ.
އަދި އެމްބީސީ އާއި ދިވެހިރާއްޖޭގެ ދައުލަތުގެ މީޑިޔާ ވަސީލަތްތައް ހަވާލުކުރުމުގެ މައްސަލައަކީ އެޖަމިއްޔާ އިން ވަރަށް ޝައުގުވެރިކަމާ އެކު ބަލަމުން އައި މައްސަލައެއް ކަމަށް ވެސް ބުނެފައިވެ އެވެ.