07 Jun 2016, 12:08
އެމެރިކާގައި ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ކޮސްޓަ ރިކާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުން ކޮންމެހެން މަޖުބޫރު ކަމަށް އެމެރިކާ ޓީމުގެ ކޯޗު ޔާގަން ކްލިންސްމަން ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު ކުޅުނު މެޗުގައި ކޮލަމްބިއާ އަތުން އަމިއްލަ ގައުމުގައި ކުޅެމުން ދިޔަ އެމެރިކާ ވަނީ 2-0 ލަނޑުން ބަލިވެފަ އެވެ. "ގްރޫޕް އޭ"ގައި އެމެރިކާ ކުޅުނު ފުރަތަމަ މެޗުގައި ޕެރަގުއޭއާ އަތުން އެއްވަރުވީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ކޮސްޓަ ރިކާއާ ދެކޮޅަށް މިރޭ އެމެރިކާ ނުކުންނާނެ އެވެ.
"ކުރިއަށް އޮތް މެޗުން އަހަރެމެން ތިން ޕޮއިންޓް ހޯދަން ޖެހޭ. އެންމެ ފަހުން ކުޅުނު މެޗުގެ ނަތީޖާގެ ސަބަބުން ކުރިއަށް އޮތް މެޗަކީ ކޮންމެހެން މޮޅުވާން މަޖުބޫރު މެޗަކަށް ވަނީ ވެފައި. ކުރިއަށް އޮތީ ވެސް ދެ މެޗު، އެހެންކަމުން އަހަރެމެން ތިން ޕޮއިންޓް ހޯދަން ޖެހޭ. ކުޅުންތެރިން ވެސް ތިބީ އެ ހިތްވަރުގައި،" ކްލިންސްމަން ބުންޏެވެ.
އޭނާ ބުނީ، ކޮސްޓަ ރިކާ އަކީ ވަރުގަދަ އަދި ޑިފެންސިވް ގޭމެއް ކުޅޭ ޓީމެއްކަން އެނގޭ ކަމަށާއި އެ ޓީމަކީ ކައުންޓާ އެޓޭކުތަކުގައި ވަރަށް ހަލުވި ޓީމެއް ކަމަށެވެ.
"ކޮސްޓަ ރިކާ އަކީ 5-4-1 ފޯމޭޝަނެއްގައި ވަރަށް ރޭވުންތެރިކަމާ އެކު ނުވަ ކުޅުންތެރިންނާ އެކު ޑިފެންސިވް ގޭމެއް ކުޅޭ ޓީމެއް. ވޯލްޑް ކަޕުގައި ލަނޑު ޖަހާނެ މާގިނަ ފުރުސަތުތަކެއް ލިބުނު ކަމުގައި ނުވިޔަސް، އެތަނަށް ދިޔައީ ވަރުގަދަ އަށް ވާދަކުރަން ކަން އެމީހުން ދައްކުވައިދިން،" ކްލިސްމަން ބުންޏެވެ.
ކޮޕާ އެމެރިކާ ސެންޓެނާރިއޯގައި އެމެރިކާ އާއި ކޮސްޓަ ރިކާ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން މިރޭ 8:00 ގައެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އެމެރިކާގެ ސޯލްޖާ ފީލްޑް ގައެވެ.