07 Jun 2016, 12:04
މިދިޔަ ހުކުރު ދުވަހު ހަވީރު ޝަހީދު އަލީ ހިނގުމާއި މަޖީދީމަގާ ގުޅުނު ހިސާބުގައި ހިނގި މާރާމާރީގައި ވަޅި ޖަހައި މަރާލި ކ. ކާށިދޫ، ރަންފަރު، އަހުމަދު އިރުޝާން ހިލްމީގެ މަރުގެ މައްސަލައިގައި އިތުރު ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން އިތުރު ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުން ދަށުގެ ހަތަރު ކުދިންނާއި 18 އަހަރުގެ އެކަކު ކަމަށެވެ.
އެގޮތުން އެ މައްސަލައިގެ ތުހުމަތުގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ 16 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ މީހަކު ހައްޔަރުކޮށް 16 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް އަދި 18 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އަދި އިއްޔެ ރޭ ވެސް އެ މައްސަލައިގެ ތުހުމަތުގައި 16 އަހަރުގެ ދެ ކުދިންނާއި 17 އަހަރުގެ ކުއްޖަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ކުދިންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދުގެ ވަގުތެއްގައި ކޯޓަށް ގެންދާނެ އެވެ.
އެ މައްސަލައިގައި މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާ އިރު، އޭގެ ތެރޭގައި ހަ ކުޑަކުދިން ހިމެނެ އެވެ.
އާދީއްތަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީހް ވިދާޅުވީ، އެ މާރާމާރީ ހިންގާފައި ވަނީ މާފަންނުކޮޅު "ވައިކަންމަތި" އަދި "އީގަލްސް" ނަމަކަށް ކިޔާ ދެ ގްރޫޕެއްގެ ދެމެދުގައި ކަމަށެވެ. އެ މާރާމާރީ ހިނގީ އެދުވަހުގެ ހެނދުނު ހިނގި ދެބަސްވުމަކާ ގުޅިގެންނެވެ. އެއީ ކޮން މައްސަލައެއްކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މިދިޔަ ހުކުރު ދުވަހު ހަވީރު 5:45ގައި ޝަހީދު އަލީ ހިނގުމާއި މަޖީދީމަގާ ގުޅުނު ހިސާބުގައި ހިނގި އެ މާރާމާރީގައި ހަރަކާތްތެރިވެފައި ވަނީ ގިނައިން ކުޑަކުދިން ކަމަށް ޝަތީހް ވިދާޅުވި އެވެ.
ވައިކަންމަތީ ގުރޫޕުގެ ކުދިން ޕިކަޕެއްގެ ތެރޭގައި ތިއްބައި އެތަނަށް އައި ހައެއްކަ މީހުންގެ ގްރޫޕަކާއި އެމީހުންނާ ދެމެދު ހިނގި މާރާމާރީއެއްގައި އިރުޝާންގެ ގަޔަށް ވަޅި ހަރާފައިވާ އިރު އޭނާ ވެސް ވަނީ މާރާމާރީ ހިންގުމުގައި ބައިވެރިވެފައިކަމަށް ފުލުހުން ބުނެ އެވެ.
އެ ހަމަލާގައި އިރުޝާންގެ ކަނދުރާމަތިން ދޮޅު އިންޗި ފުނަށް ވަނީ ޒަހަމްކޮށްލާފައި ކަމަށް ވެސް ޝަތީހް ވިދާޅުވި އެވެ.
އެދުވަހުގެ ރޭ ހިނގި ދެވަނަ މާރާމާރީއެއްގައި މަރާލާފައި ވަނީ މ. ސަރުމާގޭ ފާތިރު މުހައްމަދު އަލީ އެވެ.

ދެވަނަ ހަމަލާގައި މަރާލާފައިވާ ފާތިރު--
ފުލުހުން މައުލޫމާތު ދޭގޮތުގައި ފާތިރަކީ، ފުރަތަމަ މާރާމާރީގެ ޝިކާރައަކަށް ވި އިރުޝާން މަރާލި މާރާމާރީގައި ހަރަކާތްތެރިވި ކުއްޖެކެވެ. ފާތިރަށް ހަމަލާދޭ ވީޑިއޯގައި ފެންނަނީ ފާތިރު އައިސް އެގޭ ދޮރޯށި ހުޅުވައިލާއިރަށް ދެ މީހަކު ވަދެގަންނަތަނެވެ. އެތަނުން އެކަކަކީ ކުޑަކުއްޖެކެވެ. އަނެ ކަކަށް 18 އަހަރު ފުރިފައިވާނެ ކަމަށްބެލެވެ އެވެ.
އެގެއަށް ވަން ދެކުދިންގެ ތެރެއިން ކުޑަކުއްޖާގެ ސޯޓް ދަށުން ވަޅިއެއް ނަގައި ފާތިރަށް ހަމަލާދޭ މަންޒަރު ވީޑިއޯއިން ފެނެ އެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހަމަލާދިނުމުން ފާތިރު އެ ގޭތެރެއަށް ސިޑިން އަރަން މަސައްކަތްކުރުމުން ސިޑިމަތިން ވެސް އެކުދިން އޭނާއަށް ހަމަލާދިނެވެ.
އެ މައްސަލައިގައި މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.