ކޮޕާ އެމެރިކާގެ އެންމެ ފަހުގެ ޗެމްޕިއަން ޗިލީގެ މައްޗަށް 2-1ގެ ނަތީޖާ އަކުން ކުރި ހޯދައިގެން އާޖެންޓީނާ އެ މުބާރާތް މޮޅަކާ އެކު ފަށައިފި އެވެ.

އެމެރިކާގެ ކޮލެފޯނިއާގެ ސެންޓާ ކްލާރާގައި މިއަދު ހެނދުނު ކުޅުނު މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުގެން ދިޔަ އިރު އާޖެންޓީނާ އިން ވަނީ ގޯލު ޖަހާނެ ރަނގަޅު ދެ ފުރުސަތު ތަނަވަސް ކޮށްފަ އެވެ. ނަމަވެސް އެންހެލް ޑި މާރިއާ ފޮނުވާލި ބޯޅަ ގޯލާ ކައިރިން ބޭރަށް ދިޔަ އިރު ގޮންޒާލޯ ހިގުއިން ފޮނުވާލި ބޯޅަ ޗިލީގެ ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.

ފުރަތަމަ ހާފް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބް ނުކުރެވި ނިމުނު އިރު ދެވަނަ ހާފް ފެށިގެން 51 ވަނަ މިނެޓްގައި އެވަ ބަނޭގާގެ އެހީތެރިކަމާ އެކު ޑި މާރިއާ ވަނީ އާޖެންޓީނާ އަށް ލީޑް ނަގާދީފައެވެ. އަދި އޭގެ އަށް މިނެޓް ފަހުން އާޖެންޓީނާގެ ދެވަނަ ގޯލު ޑިމާރިއާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކުރީ ބަނޭގާ އެވެ.

އެ މެޗުގައި ޗިލީ އަށް ސުން ކަނޑުވާލަ ދިން ގޯލު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނެ ނިކުތް ހޯސޭ ފުރަންޒަލީޑާ އެވެ.

އާޖެންޓީނާ އިން މިއަދުގެ މެޗު ފަސޭހަ ކަމާ އެކު ކާމިޔާބު ކުރިއިރު އަނިޔާގެ ސަބަބުން އެ ޓީމްގެ ކެޕްޓަން ލައޮނަލް މެސީ ކުޅެފައެއް ނުވެއެވެ. މެސީ އަށް އަނިޔާވީ އެ މުބާރާތަށް އާޖެންޓީނާ އިން ތައްޔާރު ވުމުގެ ގޮތުން ހޮންޑިއުރަސްއާ ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗެއްގަ އެވެ.

މެސީ އަށް ލިބިފައިވާ އަނިޔާ މާ ބޮޑު ނޫން އިރު އެ މުބާރާތުގައި އަންނަ ހިނުހިރު ދުވަހު އާޖެންޓީނާ އިން ޕެނަމާއާ ދެކޮޅަށް ކުޅެ މެޗުގައި އޭނާ ފެންނާނެ ކަމަށް ބެލެވެ އެވެ. ރޭ ޕެނަމާ ކުޅުނު މެޗު އެ ޓީމްން ވަނީ 2-1ގެ ނަތީޖާ އަކުން ބޮލީވިއާގެ މައްޗަށް ކުރި ހޯދާފަ އެވެ.