އަހަރެން ނިސްބަތްވަނީ ދީން ގަބޫލު ނުކުރާ އާއިލާއަކަށެވެ. އެހެންކަމުން ދީންތަކުގެ މައުލޫމާތު ހޯދައި ދީންތަކުގެ ކަންކަން ބެލުމަށް އަހަރެންގެ ކުޑަވެސް ޝައުގުވެރިކަމެއް ނުހުރެ އެވެ.

ނަމަވެސް އަހަރެން އުޅެބޮޑުވީ ވަރަށް ގިނަ މުސްލިމުން ހިމެނޭ މުޖުތަމައުއެއްގައި ކަމުން، އަހަރެންގެ ވަރަށް ގިނަ މުސްލިމު އެކުވެރިން ތިބެ އެވެ. ނަމުން މުސްލިމުންނެވެ. ނަމަވެސް މުސްލިމުންގެ އެއްވެސް ސިފައެއް އެމީހުންގެ ނުހުރެ އެވެ. ނަމާދުކޮށް ރޯދަ ހިފުން އެއީ އެމީހުން ކުރާ ކަމެއް ނޫނެވެ. މުޅިން ވެސް އުޅެނީ ދުނިޔަވީ އުފާ ހޯދާށެވެ.

އަހަރެންނަކީ އެއްގޮތަކަށް ވެސް މާ ރަނގަޅު ދިރިއުޅުމެއް އުޅުނު މީހެއް ނޫނެވެ. ފާސިދު އަމަލުތައް ހިންގުމާއި ރާ ބުއިން އެއީ އަހަރެންގެ ދިރިއުޅުމުގެ އެއް ބައެވެ. ނަމަވެސް އަހަރެންގެ ދިރިއުޅުން ބަދަލުކޮށްލީ ރައްޓެހިވެވުނު ވިޔާނުދާ މުސްލިމެއްގެ ސަބަބުންނެވެ.

އަހަންނާއި އޭނާއާ ރައްޓެހިވި އިރު އަހަރެންގެ އުމުރުން އަށާރަ އަހަރެވެ. އޭނަ އަހަންނަށް ވަރަށް ގޯހެވެ. އަނިޔާކުރި އެވެ. އަހަރެން ގޭގައި ބާއްވާފައި އެހެން އަންހެނުން ކައިރިއަށް ދެ އެވެ. އަހަރެން ހޯދާ ފައިސާ ބޭނުން ކުރަނީ އޭނަ އެވެ. އަހަރެންނަކީ ހަމައެކަނި ރޭގަނޑު އޭނާ މުނިފޫހިފިލުވަން ގޭގައި ބައިންދާފައި އިންނަ މީހަކަށްވި އެވެ. ލޯބިވެރިޔާގެ ފަރާތުން ލިބެމުން ދިޔަ އަނިޔާ އާއި ދިރިއުޅުމުގައި މާ ރަނގަޅު ކަމެއް ދަސްވެފައި ނެތުމުން ދިރުހުރުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ވިސްނުނެވެ.

އަހަރެންގެ ދިރިއުޅުމަކީ އެއްވެސް މަންޒިލެއް ނެތި ދަތުރު ކުރަމުން ދިޔަ އޮޑިއެއް ކަހަލަ އެއްޗެކެވެ. އަބަދުވެސް ހިތުގައި ނުތަނަވަސްކަމެއް އުފެދިފައި ހުންނަ އިރު، ދިރިއުޅުމުގައި ކޮންމެސް އެއްޗެއް މަދުވާ ކަމުގެ އިހުސާސް ކުރެވެ އެވެ. އެހެން އުޅުމުގެ ތެރޭގައި ދިރިއުޅުމުގެ މަގުސަދެއް އޮންނާނެކަން އަހަންނަށް ވިސްނުނީ އެއްދުވަހަކު ލޯބިވެރިޔާ އަހަރެންގެ ގާތުގައި ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. އިސްލާމްދީނުގެ ވާހަކަތަކެކެވެ. ﷲ އާއި އިސްލާމްދީނުގެ މާތް ރިވެތި އުސޫލުތަކުގެ ވާހަކަ އެވެ.

ލޯބިވެރިޔާ އަހަންނާ ހިއްސާކުރި ވާހަކަތަކުގެ ސަބަބުން އިސްލާމްދީނާއި، އެއްކައުވަންތަ ﷲ އާމެދު އަހަރެންގެ ހިތުގައި ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދުނެވެ. އަދި އިސްލާމްދީނަކީ އަހަންނަށް މިސްރާބެއް ދައްކާނެ އެއްޗެއް ކަމުގައި އަހަންނަށް ގަބޫލު ކުރެވުނެވެ.

އިސްލާމްދީނަށް ޝައުގު އުފެދި، ދީނުގެ ކަންކަން ދަސްކުރަން ފެށީ ފުރަތަމަ ލޯބިވެރިޔާ ކައިރިންނެވެ. ނަމަވެސް އޭނާ ގާތު ސުވާލެއް ކުރުމުން އޭނާ ގާތަށް ރުޅި އާދެ އެވެ. ބޮލަށް އުނދަގޫ ވެގެން އެއްޗެހި ކިޔައި އަނިޔާ ކުރި އެވެ. އެ ހުރިހާ އަނިޔާއަކަށް ކެތްކުރުމަށް ފަހު އޭނާގެ ގާތުގައި މަޑުކުރީމެވެ.

އަހަރެންނަށް ހަމަ ހޭވެރިކަންވީ އަހަރެންގެ މަންމަގެ ކުއްލި މަރާ ގުޅިގެންނެވެ. ދިރިއުޅުމަކީ ވަގުތީ އެއްޗެއް ކަމާއި ކޮންމެ ވަގުތެއްގައި ވެސް މަރު އައިސް ބައްދަލުކޮށްފާނެކަން އަހަންނަށް ވިސްނުނީ ދެނެވެ. އަހަރެންގެ މަރު އައިސް ބައްދަލު ނުކުރަނީސް ހެޔޮ މަގަށް އެނބުރެން އަޒުމު ކަނޑައެޅީ އެހިސާބުންނެވެ.

ލޯބިވެރިޔާ އަހަންނަށް ހިތުހުރި ގޮތެއް ހަދަމުން ދިޔަ އިރު، އަހަރެން ވެސް ދިޔައީ އަހަރެންގެ ހަޔާތުގެ މުހިންމުކަން އަހަންނަށް ވިސްނައިދިން އިސްލާމްދީނާ އިތުރަށް ގާތްވަމުންނެވެ. ރަނގަޅު މުސްލިމުންނާ ގުޅުން ބަދަހިކޮށް ހަގީގީ އިސްލާމްދީން އަހަރެން އުނގެނުނީމެވެ. އަދި ހަށިގަނޑު ނިވާކޮށް ބުރުގާ ވެސް އެޅީމެވެ. އޭރު އަދި އަހަރެން އިސްލާމްދީން ގަބޫލެއް ނުކުރަމެވެ. ނަމަވެސް އަހަރެން ހެޔޮ މަގަށް އެނބުރެމުން އަންނަކަން މީހުން ގަބޫލު ކުރާނެ އެންމެ ފަސޭހަ ގޮތަކީ އެއީކަން އަހަންނަށް އޭރު ވިސްނުނެވެ.

ނަމަވެސް އެހިސާބުން ލޯބިވެރިޔާގެ ފަރާތުން ލިބެމުން ދިޔަ އަނިޔާތައް އިންތިހާއަށް އިތުރުވި އެވެ. އެކުގައި ބޭރަށް ދާން އިންކާރު ކުރި އެވެ. އަދި އަހަރެންގެ މަރުވެފައިވާ މަންމަގެ ހަނދާނުގައި އެންމެ ކަރުނައެއް ވެސް އަޅައިގެން ނުވާނެ ކަމަށާއި މަންމަގެ މަތިން ހަނދާން ނައްތާލުމަށް އަމުރު ކުރި އެވެ.

އޭނާއަށް ޓަކައި ހިތުގައި އޮތް ލޯބި ނިމުމަކަށް އައީ އެދުވަހު އެވެ. ޝަހާދަތުގެ ދެކަލިމަ ކިޔައި، އަހަރެން އިސްލާމްވީ އެރެއަށް ފަހު އެވެ. މުސްލިމެއްގެ ގޮތުގައި ހުރެ އޭނާ އެކުރަނީ ރަނގަޅު ކަމެއް ނޫންކަން، މުސްލިމެއްގެ ހައިސިއްޔަތުން ވިސްނައިދެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އޭނާ އަދިވެސް އަހަރެންގެ ހަޔާތުން ދާކަށް ނޫޅުނެވެ.

ނަމަވެސް އޭނާގެ މައްޗަށް އަހަރެން ކުރި ހޯދީމެވެ. އޭނާގެ އަމުރާއި ބާރު އަހަރެންގެ މައްޗަށް ނުހިނގާނެ ވަރަށް އަހަރެންގެ އީމާންތެރިކަން އަހަރެން ވަރުގަދަ ކުރީމެވެ. ﷲ ފިޔަވައި އެހެން ފަރާތެއް ދެކެ އަހަރެން ބިރެއް ނުގަނެ އެވެ. ގެއިން ނުކުންނަން އޭނާ އަށް އަންގާ ކޮންމެ ފަހަރަކު އޭނާގެ ހަމަލާއެއް އަހަރެންގެ ހަށިގަނޑަށް އަރަ އެވެ. އެކަމަކު އަހަރެން ހުރީ ސާބިތުކަން މަތީގަ އެވެ. އަހަރެންގެ އަޒުމާއި އީމާންތެރިކަން ނުގުޑާނެކަން ޔަގީންވުމާ އެކު އެހެން އަންހެނެއް ހޯދައިގެން އޭނާ ހިނގައްޖެ އެވެ.

އެހިސާބުން އަހަންނަށް މިނިވަނެއްގެ އިހުސާސް ކުރެވުނެވެ. ފަރުޟު ފަސް ނަމާދު ކުރަން ފެށީމެވެ. އަދި އިސްލާމްދީނުގެ ހުރިހާ ރުކުނަކާއި ވާޖިބެއް އަދާކުރަން ފެށީމެވެ. ރަނގަޅު މީހުންނާ ބައްދަލުވެ އުފާވެރިކަން ލިބުނީ އެހިސާބުންނެވެ.

މިހާރު އަހަންނަކީ އޯގާތެރި މުސްލިމް ފިރިއެއް ލިބިފައިވާ އަންހެނެކެވެ. މާޒީ ކޮންމެ ގޮތަކަށް އޮތް ނަމަވެސް ހެޔޮމަގު ވިސްނި އިސްލާމްދީނުގެ ހިދާޔަތު ލިބުނީތީ އަހަރެން މިހާރު ޝުކުރުވެރިވަމެވެ. އިސްލާމެއްގެ ގޮތުގައި ހުރެ ދުނިޔޭގައި ލެއްވިހައި ފާފައެއް ކުރަމުން ދިޔަ މީހެއްގެ ސަބަބުން އިސްލާމް ދީނަށް މީހަކު ޝައުގުވެރިކަން އުފެދި، އެ މާތް ދީނުގެ ހިދާޔަތު ލިބިދާނެ ކަމަށް ގަބޫލު ކުރަން ހެއްޔެވެ؟ އަހަރެން ގަބޫލު ކުރަމެވެ.