07 Jun 2016, 11:08
ނަވާރަސަތޭކަ ހަތްދިހަ ހަތްވަނަ އަހަރުގެ ކުރިން، އަހަރެން ހުރީ ގެއްލުމެއްގެ ތެރޭގައެވެ. އަނދިރިކަމެއްގެ ތެރޭގައެވެ. އަހަރެންގެ ނަމަކީ އަލީ ރަމަޟާން ނާޖީލީ އެވެ. އަހަރެންނަކީ، ޗާޑުގެ މާހީމް ތޫކީ ޤިންދީ ދަރިކޮޅުގެ ސުލްތާނެވެ. އޭގެ ކުރިން ސުލްތާނަކީ އަހަރެންގެ ބައްޕައެވެ.
އަހަރެމެންގެ އާއިލާ މީގެ ކުރިން ދިރިއުޅުނީ ނައިޖީރިއާގައެވެ. އޭރު އަހަންނަކީ ކުޑަ ކުއްޖަކީމެވެ. އޭރު އަހަރެމެންނަކީ ހަރުބީ ނަސާރައިންނެވެ. އަހަރެމެން އޭރު ބޭނުންވީ، މުސްލިމަކު ފެނުނަސް އޭނާ އަންދާލައި، މަރާލުމަށެވެ. އެދުވަސްވަރު އަހަރެމެން ދިރިއުޅޭ ސަރަހައްދަށް، މުސްލިމު ގިނަ ދާޢީން، އިސްލާމް ދީނަށް ދައުވަތު ދިނުމަށް އައިސް އުޅެ އެވެ. ގިނައީ ސޫފީންނެވެ. އެމީހުން އައިސް، އިސްލާމް ދީނަށް ދައުވަތު ދިނުމަށްފަހު، ރައްޔިތުންގެ އަތުން ހަދިޔާ އަތުލަން ގަދަކަމުން މަސައްކަތް ކުރި އެވެ. މުސްލިމުން ދެކެ އަހަރެމެން އައި ރުޅިއެއް އުފެދުނީ އެހެންވެގެން ކަމަށް ވެސް ވެދާނެ އެވެ.
ނަމަވެސް، ފަހުން ނައިޖީރިއާގެ ސަލަފީ ޝައިޚަކު އައެވެ. އަހަރެމެންނަށް ހަގީގީ އިސްލާމް ދީނުގެ ގޮތްތައް ދައްކައިދީ، އެ ދީނަށް އަހަރެމެންނަށް ދައުވަތު ދިނެވެ. ކީރިތި ރަސޫލާއަށް އާރާއި ބާރާއި މުދާ، މައްކާގެ މުޝްރިކުން ހުށަހެޅި އިރު، އެކަލޭގެފާނު އެތަކެތި ގަބޫލު ނުކުރެއްވި ވާހަކަތައް އަހަރެމެންނަށް ކިޔައިދީ، އެތަނަށް އައި ސޫފީން މަސައްކަތް ކުރީ ރަސޫލާގެ އަމަލުތަކާ ސީދާ އިދިކޮޅަށް ކަން އެ ޝައިޚް އަހަރެމެންނަށް ހާމަ ކޮށްދިނެވެ.
އިސްލާމީ ރިސާލަތައިގެން ކީރިތި ރަސޫލާ އެތައް އަހަރު ދުވަހަކު ކުރެއްވި މަސައްކަތާ، ބައެއްގެ ބަދު ބަހާއި އަނިޔާއަށް އެކަލޭގެފާނު ފަސްޖެހިވަޑައިނުގެން، އިސްލާމް ދީނުގެ މަތިވެރި ރިސާލާތް މުޅި ދުނިޔެއަށް ފަތުރުއްވައިލެއްވި ގޮތް އޭނާ އަހަރެމެންނަށް ކިޔައިދިނެވެ. އެތައް މަސްތަކެއް ފާއިތު ވަންދެން، މި މާތް ދީނުގެ މާތް ސިފަތަކާ، މުސްލިމުންގެ ރިވެތިކަން ދައްކައިދިނެވެ. މި ދީން ދެކެ ލޯބިނުވާނީ ވަކި ކާކު ހެއްޔެވެ؟
އަހަރެން ގަބީލާގެ ގިނަ ބަޔަކު އިސްލާމްވާން ފެށި އެވެ. އަހަރެންގެ ބައްޕައާއި އަހަރެން ވެސް އިސްލާމްދީން ގަބޫލު ކުރީމައެވެ. ގަދަކަމުންނެއް ނޫނެވެ. އަމިއްލަ އިޚްތިޔާރުގައެވެ. އަދި އަހަރެމެންނަށް އިސްލާމް ދީނުގެ ދައުވަތު ދެއްވި ޝައިޚާ އެކު އަހައިސްލާމީ ދަޢުވަތުގެ މަސައްކަތް ކުރުމަށް ބައްޕަ އަހަރެން ފޮނުވި އެވެ. އޭނާއާ އެކު ހަތް ވަރަކަށް އަހަރު އަހަރެން މަސައްކަތް ކުރުމަށްފަހު، އެނބުރި އާއިލާ ކައިރިއަށް އައީމެވެ.
އަހަރެމެންގެ ގަބީލާ، ނައިޖީރިއާއާ ޗާޑާ ދެމެދު ހިޖުރަ ކުރެ އެވެ. ގަބީލާގެ ސުލްތާން، އަހަރެންގެ ބައްޕަ ނިޔާވުމަށް ފަހު، ގަބީލާގެ ސުލްތާނުގެ މަގާމަށް އައީ އަހަރެންނެވެ. އޭރު އަހަރެމެން ތިބީ ޗާޑުގައެވެ. އަހަރެން ސުލްތާނަށް ވުމާ އެކު، އިސްލާމީ ދައުވަތުގެ މަސައްކަތް ދެ އަހަރު ވަންދެން ކުރީމެވެ. ނަތީޖާ ވަރަށް ފޮންޏެވެ. އަހަރެމެންނާ އެކުގައި އުޅޭ ސަރަޤޫލައި ނަމަކަށް ކިޔާ ގަބީލާގެ4،000އަށް ވުރެ ގިނަ މީހުން އިސްލާމްދީން ގަބޫލު ކުރި އެވެ. އޭގެ ތެރޭގައި ނަސާރާ14ފާދިރީއަކު ވެސް ހިމެނެ އެވެ.
މިކަމާ ޗާޑުގެ ނަސާރާއިންގެ ހިތް ވަރަށް ނުރުހުނެވެ. ނަސާރާ މިޝަރަނީތަކުން އަހަރެމެންނަށް އުނދަގޫތަކާ ދުއްތުރާތައް ކުރަން ފެށި އެވެ. އިސްލާމް ދީނާއި އިސްލާމީ ދައުވަތު ފޮހެލުމަށް ވެސް މަސައްކަތް ކުރި އެވެ. އަހަރެމެންނަށް ފައިސާއާއި އަންހެނުން ހުށަހަޅައިގެން ހެއްލުމަށް މަސައްކަތް ކުރި އެވެ. އަދި އަހަރެންނަށް ގެއަކާއި، ދަނޑުވެރިކަން ކުރާނެ ބޮޑު ބިމެއް ވެސް ހުށަހެޅި އެވެ.
ނަމަވެސް އަހަރެން އެކަންކަމަށް ނުހެއްލެމެވެ. އަހަރެންގެ މަސައްކަތާއި، އިސްލާމީ ދައުވަތައިގެން ކުރިޔަށް ދިޔައިމެވެ. އެންމެ ފަހުން ޗާޑުގެ ސަރުކާރުން، އެގައުމުގެ އިސްލާމީ ކަންތައްތަކާ ބެހޭ މަތީ މަޖިލީހުގެ މެމްބަރުކަމަށް ވެސް އައްޔަނު ކުރި އެވެ.
އިސްލާމް ދީނުގެ ފޮނި މީރުކަން އަހަރެންނަށް އިހްސާސް ވެއްޖެ އެވެ. މިއީ އެންމެން ހަމަހަމަ ދީނެކެވެ. ދެ މީހަކު ތަފާތު ނުކުރާ، އީކުއަލް ދީނެކެވެ. މުއްސަންޖަސް، ފަގީރަކަސް ތަފާތެއް ނެތެވެ. ތަފާތު ވަނީ މީހާގެ ތަގުވާވެރިކަމުން އެކަންޏެވެ. އެންމެން ވެސް މަދަދަށް އެދެނީ މާތްﷲ އަށެވެ. އެންމެން ހަމަހަމައެވެ.