ގާނޫނު އަސާސީއާ ތައާރުޒުވާ މާއްދާތަކެއް އެމްބީސީގެ ގާނޫނުގައިވާ ކަމަށް ބުނެ، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސަރުކާރުން އެ މައްސަލަ ސުޕްރީން ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްއެންބީސީން ބުނެފި އެވެ.

އެމްބީސީގެ ގާނޫނުގައި ގާނޫނު އަސާސީއާ ތައާރަޒުވާ ކަމަށް ފާހަގަ ކުރެވޭ ކަންތަކެއް ހުރި ކަމަށް އިޝާރާތް ކުރައްވާ އެމްއެންބީސީގެ ޑިރެކްޓަރު، އަދި ގާނޫނީ ވަކީލު އަބްދުﷲ ހަސީން މިއަދު ވިދާޅުވީ އެ ގާނޫނަކީ ކުންފުންޏާ ބެހޭ ގާނޫނާ ފުށުއަރާ ގާނޫނެއް ކަމަށެވެ. އެ ގޮތުން މުދާ މިލްކު ކުރުމާއި މުދާ ލިބިގަތުމާއި މުދަލުގެ މުއާމަލާތް ކުރުމަކީ ކޮންމެ ކުންފުންޏަކަށް ގާނޫނުން ލިބިދީފައިވާ ބާރަކަށްވާއިރު، އެމްއެންބީސީގެ މުދާ، ރައްޔިތުންގެ މަޖިލީހުން އުފައްދާފައިވާ އެމްބީސީއަށް ބަދަލުކުރެވޭނީ، އަދަލުވެރި ބަދަލެއް ދިނުމަށް ފަހުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

Listen!

ހަސީން ވިދާޅުވީ ކުންފުނީގައި ތިބި މުވައްޒަފުން އެހެން ކުންފުންޏަކަށް ބަދަލު ކުރުމުގައި، މުވައްޒަފުންގެ ރުހުން ބޭނުންވާނެ ކަމަށާއި އެ ރުހުމާއި ނުލައި އެމްއެންބީސީގެ މުވައްޒަފުން، އެމްބީސީއަށް ބަދަލު ނުކުރެވޭނެ ކަމަށެވެ. އެކަން އެގޮތަށް ކުރާނަމަ އެއީ އަސާސީ ހައްގަކުން މުވައްޒަފުން މަހުރޫމް ކުރުން ކަމަށް ވެސް ހަސީން ވިދާޅުވި އެވެ.

"އެމްއެންބީސީން މިލްކުކޮށްފައިވާ މުދަލެއް، ނިގުޅައިގަންނަންޖެހޭނީ ގާނޫނު އަސާސީ ބުނާ ގޮތުން އަދުލުވެރި ބަދަލެއް ދިނުމަށްފަހުގައި. ނަމަވެސް އެމްބީސީގެ ގާނޫނަކީ މިކަމާ ފުށުއަރާ ގާނޫނެއް. ދެން އަދި އެއް ކުންފުންޏެއްގައި ތިބި މުވައްޒަފުން އަނެއް ކުންފުންޏަކަށް ބަދަލެއް ނުކުރެވޭނެ ކުންފުނީގައި ތިބި މުވައްޒަފުންގެ އިހްތިޔާރާ ނުލައި އަޅުގަނޑުމެން މިކިޔާ ފްރީޑަމް އޮފް ޗޮއިސް. އެއީ ގާނޫނު އަސާސީގައިވާ އަސާސީ ހައްގެއް،" ހަސީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްބީސީގެ ގާނޫނަކީ ގާނޫންތަކާ ތައާރަޒުވާ ގާނޫނެއްކަން ޝަރީއަތަށް ސާބިތު ކުރުމަށް ބާރުލިބޭ ނިންމުންތަކެއް ސުޕްރީން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަންތަތައްކެއް އޭނާ ވިދާޅެއް ނުވި އެވެ.

އެމްބީސީގެ ގާނޫނަކީ ގާނޫނު އަސާސީއާ ތައާރަޒުވާ ގާނުނެއް ކަމަށް ބުނެ، ސްޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ފެށީ ޓެލެވިޒަން މޯލްޑިވްސް ]ޓީވީއެމް[ އާއި ދިވެހިރާއްޖޭގެ އަޑާއި އެ ދެ ތަނުގެ މުދަލާއި ދައުލަތުގެ ބަޖެޓުން އެ ދެ ތަނަށް ދީފައިވާ ފައިސާ 20 ދުވަހުގެ ތެރޭގައި އެމްބީސީ އާ ހަވާލު ކުރަން ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފައިވަނިކޮށެވެ. އަދި އެތަނުގެ މުދަލާއި ބިމާ މުވައްޒަފުން އެމްބީސީއާ ހަވާލު ކުރުމަށް އިއްޔެ އެމްއެންބީސީއަށް، އެމްބީސީން ހުށަހަޅައިފައިވަނިކޮށެވެ.