07 Jun 2016, 10:57
ބާން (ޖޫން 7): އެއްވެސް ޝަރުތަކާ ނުލައި ސްވިޒަލޭންޑުގެ ކޮންމެ މީހަކަށް، ކޮންމެ މަހަކު މުސާރަ ދިނުމާ ބެހޭ ގޮތުން އާއްމުކޮށް ހުޅުވާލައިގެން ބޭއްވި ވޯޓެއްގައި، އެގައުމުގެ ރައްޔިތުން އެކަމާ ދެކޮޅަށް ވޯޓު ދީފި އެވެ.
އިއްޔެ ސްވިޒަލޭންޑުގައި ބޭއްވި ރިފަރެންޑަމްގެ ނަތީޖާ އިން ދެއްކި ގޮތުގައި އެގައުމުގެ 22 ޕަސެންޓް ރައްޔިތުން ބޭސިކް އިންކަމް ޕްލޭނަށް ތާއިދު ކުރާ އިރު 77 ޕަސެންޓު ރައްޔިތުން އެކަމާ ދެކޮޅެވެ.
ގައުމުގައި ކުރާ ގިނަ މަސައްކަތްތަށް އޮޓޮމޭޓް ކުރަމުންދާ ކަމަށް ބުނެ ބޭސިކް އިންކަމް ޕްލޭނަށް ތާއިދު ކުރާ ފަރާތްތަކުން ހުށަހެޅި ޕްރޮޕޯޒަލްގައި އެދިފައި ވަނީ މަސައްކަތް ކުރިޔަސް ނުކުރިޔަސް ސްވިޒަލޭންޑުގެ ކޮންމެ މީހަކަށް 2،500 ފްރޭންކްސް (2،555 ޑޮލަރު) އަދި ކުޑަ ކުދިންނަށް 625 ފްރޭންކްސް ދިނުމަށެވެ.
ސްވިޒަލޭންޑުގެ ގާނޫނު ހަދާ މަޖިލީހުގެ އެއްވެސް ޕާޓީއަކުން އެޕްރޮޕޯޒަލަށް ތާއިދުކޮށްފައި ނުވި ނަމަވެސް، އެކަމާ ބެހޭ ގޮތުން ވޯޓަކަށް ދިޔައީ އެއަށް 100،000ށް ވުރެ ގިނަ އާއްމުންގެ ސޮއި ލިބުމުންނެވެ.
އެޕްރޮޕޯޒަލްއާ ދެކޮޅު ފަރާތްތަކުން ވަނީ މަސައްކަތާ ނުލާ މުސާރަ ދިނުމަކީ މުޖުތަމައަށް ރަނގަޅު ގޮތެއް ނޫން ކަމަށާއި ގައުމުގެ ބޯޑަރުތައް ހުޅުވާފައި ވުމުން އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.
"[އެގައުމުގެ] ކޮންމެ މީހަކަށް ސްވިސް ފައިސާ ދޭން ނިންމައިފި ނަމަ، ސްވިޒަލޭންޑަށް ހިޖުރަ ކުރަން މަސައްކަތް ކުރާނެ މީހުންގެ އަދަދު އެތައް ބިލިއަނަށް އަރާނެ،" ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.
ސްވިޒަލޭންޑަކީ އެފަދަ ރެފަންރެންޑަމްއެއް ބޭއްވި ފުރަތަމަ ގައުމެވެ. (ބީބީސީ)