ރޯދަ މަހުގެ ފުރަތަމަ ދުވަހު ވެސް މާލެ އިން އުކާލި ކުނި ދެ ގުނައަށް އިތުރުވި އިރު އޭގެ ތެރެއިން އެންމެ ގިނައީ ކާބޯތަކެއްޗެވެ.

މާލޭގެ ކުނި އުކާލާ ސަރަހައްދުގެ އިސް ސުފަވައިޒަރަކު ސަން އަށް މައުލޫމާތު ދިން ގޮތުގައި މީގެ ކުރިން ތިލަފުއްޓަށް ކުނި ގެންދަނީ ދުވާލެއްގެ މައްޗަށް ހަތަރު ދޯނި ކަމަށާއި ނަމަވެސް އިއްޔެ އެކަނި ވެސް އަށް ދޯނި ކުނި ތިލަފުއްޓަށް ގެންދިޔަ ކަމަށެވެ.

"މިއީ ދެން ކޮންމެ ރޯދައެއްގެވެސް ހާލު. އެންމެ ގިނައީ ކާ އެއްޗިސް." އޭނާ ބުންޏެވެ.

ރޭ 7:00 ޖަހާކަންހާއިރުން ފެށިގެން ދަންވަންދެން ވެސް ގިނަ އަދަދެއްގެ ކުނިތައް ވަނީ ކުނި އުފުލާ ބޯޓް ކައިރިއަށް އެއްކޮށްފަ އެވެ.

ކޮންމެ ރޯދަމަހެއް ވެސް ފާހަގަވަނީ ގެތަކުން އުކާލާ ކުނި އިންތިހާއަށް އިތުރު މަހެއްގެ ގޮތުގަ އެވެ. ނަމަވެސް ރޯދަ މަހަކީ އިސްރާފް ނުކުރަންވީ މަސް ކަމަށް ދީނީ އިލްމުވެރިން ދަނީ އިރުޝާދު ދެއްވަމުންނެވެ.