07 Jun 2016, 10:22
އަންނަ މަހުން ފެށިގެން ޕެންޝަން ސުކީމަށް ފައިސާ ދައްކާ ބިދޭސީންނަށް އަނބުރާ ފައިސާ ލިބޭނީ އެމީހަކަށް 65 އަހަރު ވުމުން ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.
ޕެންޝަން ގާނޫނަށް އަލަށް ގެނައި ބަދަލާ އެކު އެ ސުކީމުގައި ބިދޭސީން ބައިވެރިވުން މަޖުބޫރެއްނޫނެވެ.
ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއިލް ސުޖާއު މިއަދު "ސަން"އަށް ވިދާޅުވީ 2015ގެ ކުރިން އެ ސުކީމުގައި ބައިވެރި ފަރާތްތަކުގެ ތެރެއިން މިހާރު ފައިސާ ދެއްކުން ހުއްޓާލާފައިވާ ބިދޭސީންނަށް އެމީހުން ގައުމަށް ދަމުން ޕެންޝަނަށް ދެއްކި ފައިސާ އަނބުރާ ލިބޭނެ ކަމަށެވެ.
ނަމަވެސް 2015 ފަހުން އެސްކީމުގައި ބައިވެރިވެފައިވާ ފަރާތްތަކަށާއި އޭގެ ކުރިން ވެސް ބައިވެރިވި ފަރާތްތަކުގެ ތެރެއިން އަންނަ މަހު ފައިސާ ދައްކާ ފަރާތްތަކަށް ދެން އެސްކީމުން ފައިސާ ނެގޭނީ އެބިދޭސީ އަކަށް 65 އަހަރު ވުމުން ކަމަށް ވިދާޅުވި އެވެ.
އަލަށް ގެނައި ބަދަލާ އެކު ގިނަ އަދަދެއްގެ ބިދޭސީން މިހާރު ވަނީ އެ ސުކީމަށް ފައިސާ ދެއްކުން ހުއްޓާލައިފަ އެވެ.
"ގިނަ މީހުން [ބިދޭސީން] ފައިސާ ދެއްކުން ވަނީ މަޑުޖައްސާލާފައި، އޭގެ މާނައަކީ އެމީހުން ބޭނުމެއްނުވޭ ދެނެއް، އެއީ އެމީހުން ބައިވެރިވުން މަޖުބޫރީ ހާލަތަކަށް އައިސްސަނެތީމަ." ސުޖާއު ވިދާޅުވި އެވެ.