ވޮޝިންޓަން (ޖޫން 7) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް، ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރެއްވި، ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް، ހިލަރީ ކްލިންޓަން އެ ޕްރައިމަރީގެ ނޮމިނޭޝަން ކާމިޔާބު ކުރައްވައިފި އެވެ.

އެ ކަމަނާ ވަނީ އެ ޕާޓީގެ ކެންޑިޑޭޓް ހޯއްދަވަން ޖެހޭ 2،383 ޑެލިގޭޓް ވޯޓް ހޯއްދަވައިފަ އެވެ. ނަމަވެސް ރަސްމީކޮށް އެކަން އަދި އިއުލާނުކޮށްފައެއް ނުވެ އެވެ. އެކަން އިއުލާން ކުރާނީ އަންނަ މަހު ބާއްވާ ކޮންވެންޝަނުގަ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ހިލަރީ އަށް ލިބިވަޑައިގެންފި ނަމަ އެކަން ވާނީ އެމެރިކާގެ ތާރީޚުގައި ވެސް ސިޔާސީ ޕާޓީއަކުން ރިޔާސީ ރޭހަށް ނުކުންނަވާ ފުރަތަމަ އަންހެން ކެންޑިޑޭޓަށެވެ.

ނަމަވެސް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ހިލަރީއާ ވާދަކުރެއްވި ބާނީ ސެންޑާސް އަދި އެކަން ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ ހިލަރީ އަށް ޕާޓީގެ ޓިކެޓް އަދި ނުލިބޭ ކަމަށާއި އެކަން ނިންމާނީ ޖުލައި މަހު އޮންނަ ކޮންވެންޝަނުގައި ސުޕަޑެލިގޭޓުން ކަމަށާއި އަދި އެ ވޯޓު ނުލާ ކަމަށެވެ.

އެމެރިކާގެ ފުރަތަމަ އިންތިހާބީ ރައީސަކީ ޖޯޖު ވޮޝިންގްޓަން އެވެ. އެއީ 1789 ވަނަ އަހަރެވެ. އޭގެ ފަހުން އެމެރިކާގައި 44 ބޭފުޅުން ވެރިކަން ކުރެއްވި އިރު، މުޅިން ވެސް ރައީސްކަން ކުރެއްވީ ފިރިހެން ބޭފުޅުންނެވެ. އަދި ބަރަކް އޮބާމާ ފިޔަވައި މުޅިން ވެސް ދޮން ނަސްލުގެ ބޭފުޅުންނެވެ. ހިލަރީ ކްލިންޓަން މި ވަނީ ތާރީހުގެ ތެރެ އަށް ވެންނެވުމުގެ މަގުމަތީގަ އެވެ. އެއީ އެމެރިކާގެ ނޮމިނޭޝަން ކާމިޔާބު ކުރެއްވި ފުރަތަމަ އަންހެން ބޭފުޅަކީ އޭނާ ކަމަށްވާތީ އެވެ.

ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީ ރޭހުގައި ވެސް ހިލަރީ ބައިވެރިވެވަޑައިގަތެވެ. ނަމަވެސް އެ ފަހަރު ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް ބަރަކް އޮބާމާ އެވެ. އެ އަށް ފަހު އޮބާމާގެ ފުރަތަމަ ހަތަރު އަހަރުގެ ސްކްރެޓަރީ އޮފް ސްޓޭޓްގެ މަގާމު ފުރުއްވީ ހިލަރީ އެވެ.

ހިލަރީގެ ފިރިކަލުން ބިލް ކްލިންޓަން ވެސް ވަނީ އެމެރިކާގެ ރައީސްކަން ދެ ދައުރު ކުރައްވައިފަ އެވެ.

މައުލޫމާތު: ބީބީސީ