07 Jun 2016, 10:00
ކުށްކުރާ 18 އަހަރުން ދަށުގެ ކުދިންނާ ގުޅޭ ގޮތުން ގެންގުޅޭ އުސޫލު ބަދަލު ކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ސަން އަށް ވިދާޅުވީ މޮނިކޮން އަމުރު ނެރެ ޓެގް އަޅުވަމުން މިހާތަނަށް އައީ ކުށްކުރާ 18 އަހަރުން މަތީގެ މީހުންގެ ފައިގައި ކަމަށާއި ކުޑަކުދިންގެ ފައިގައި ޓެގް އަޅުވަން ޖެހިއްޖެއްޔާ އެކަން ވެސް ކުރާނެ ކަމަށެވެ.
ދާދިފަހުން މާލޭގައި ހިންގި މާރީތަކެއްގައި ވަޅިހަރައި 14 އަހަރުގެ ދެ ކުއްޖަކު މަރާލި ހާދިސާއަށް އިޝާރާތް ކުރައްވައި އުމަރު ވިދާޅުވީ އެކަމާ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ.
އެކުދިން މަރާލާފައި ވަނީވެސް 18 އަހަރުން ދަށުގެ ކުދިންތަކެއް ކަމަށާއި އެފަދަ ކަންކަމަކީ ގޭންގުތަކުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ކުރުވާ ކަމެއް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
"ކުޑަކުދިން ލައްވައި މިކަންކަން ކުރުވަނީ ގޭންގުތަކުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ފަހަތުގައި ތިބެގެން. އެއީ ކުޑަކުދިންނާ މެދު އަޅާނެ ފިޔަވަޅުތައް މަދުވާނެ ކަމަށް ބަލާފައި. އެހެންވީމަ ކުޑަކުދިންނާ މެދު އަޅުގަނޑުމެން ގެންގުޅޭ ސްޓްރެޓެޖީ ބަދަލުކުރަން ޖެހޭ ކަމަށް އަޅުގަނޑަށް ފެންނަނީ،" އުމަރު ވިދާޅުވި އެވެ.