ރަމަޟާން މަހުގެ ދުވާލުގެ ވަގުތަކީ ކެއުން ބުއިމާއި، ރޯދަ ގެއްލޭ އެންމެހާ ކަންކަމާ ދުރުހެލިވެ ތިބެންޖެހޭ ވަގުތެކެވެ. އެ ވަގުތުގައި ކާނާއާ ދުރުވެ ތިބި ނަމަވެސް، އިރު އޮއްސުމަށް ފަހު ކާނާއާ އެއްގޮތަކަށް ވެސް ދުރަށް ދެވޭ ގޮތެއް ބައެއް މީހުންނަށް ނުވެދާނެ އެވެ.

ގިނަ ވަގުތުތަކެއް ވަންދެން ނުކައި ނުބޮއި ބަނޑުހައިކަން މަތީ ހުންނަ ހާލު، އިރު އޮއްސޭ ވަގުތު ރޯދަ ވީއްލާ އިރު ލައްކައެއް ކާލާނަމޭ ބައެއް ފަހަރު ހިތަށް ވެސް އަރާފާނެ އެވެ. ގޭގޭގައި އެކި ބާވަތްތަކުގެ މީރު ކާނާ ހަދާ އިރު، ގިނަ ބަޔަކު އެންމެ ގަޔާވާނީ ފޮނި އެއްޗެއްސާ އެވެ. ތަފާތު ރެސިޕީތަކުން މިތަކެތި ނެރެ، ބަދިގެތަކުގައި ތައްޔާރުކޮށް، ސުފުރާ މަތީގައި އަތުރާލުމާ އެކު، އިސާހިތަކު މަޣްރިބު ނަމާދަށް ބަންގި ގޮވާފާނެ އެވެ. ރޯދަ ވީއްލާ ވަގުތު ޖެހުނީ އެވެ.

ގިނަ މީހުން އެންމެ ފުރަތަމަ ވެސް ފުންމައިގެން ދާނީ ގޭގައި ހެދި ފޮނި ޑެޒާޓްތަކާ ދިމާލަށްކަން ޔަގީނެވެ. ގިނަ އަދަދަކަށް އެއްފަހަރާ ކައިލަފާނެ އެވެ. މިއީ ދުވަހު ތިބާ ކާ އެންމެ ފުރަތަމަ ކެއުންކަން ވެސް ހަނދާނުގައި ނެތް ފަދަ އެވެ.

ރޯދަ ވީއްލާ ވަގުތު މާ ގިނައިން ފޮނި އެއްޗެހި ކެއުމަކީ އެހާ އެދެވޭ ގޮތެއް ނޫނެވެ. އެގޮތަށް ކަންތައް ކޮށްފި ނަމަ، ބަނޑުގައި ގޭސް އުފެދި ބަނޑު ފުއްޕުމާއި، ކާނާ ހަޖަމުކުރުމުގައި މާ ގިނަ ވަގުތު ނަގާނެ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

މީގެ އިތުރުން، އެކަމުގެ ސަބަބުން ލޭގައި ހުންނަ ގްލޫކޯޒްގެ މިންވަރަށް ބަދަލުތަކެއް އައިސް، އިތުރަށް ފޮނި އެއްޗެހި ކެއުމަށް ބޭނުންވާ ކަމުގެ އިހްސާސް ކުރެވޭނެ އެވެ.

މިއީ ތައްޔާރުކުރެވޭ ފޮނި ކާނާގެ ބާވަތްތަކުގެ ވާހަކަ އެވެ. ގުދުރަތީ "ޑެޒާޓްސް" ކަމުގައިވާ، ފޮނިކަން ގަދަ މޭވާގެ ބާވަތްތައް ކިތަންމެ ވަރަކަށް ކެޔަސް މައްސަލައެއް ނެތެވެ. ރަނގަޅީ ވެސް ގިނައިން ކޭ ވަރެކެވެ.

ފޮނި ކާއެއްޗެއްސަކީ ގިނަ ބަޔަކަށް ކަމުދާ އެއްޗެއްސެވެ. ނަމަވެސް، ރަމަޟާން މަހު އިރު އޮއްސޭ ވަގުތު ދުވަހުގެ ފުރަތަމަ ނާސްތާ ނަގައި ރޯދަ ވީއްލާ ވަގުތު އެތަކެތި މާ ގިނައިން ކެއުމަކީ މާ ރަނގަޅު ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި، ރޯދަ ވީއްލުމުގެ ދެ ގަޑިއިރު ނުވަތަ ތިން ގަޑިއިރު ފަހުން އެތަކެއްޗަށް އިންސާފު ކޮށްލުން ރަނގަޅު ވާނެ އެވެ. އިޝާ ނަމާދުން ފައިބައިގެން، ނުވަތަ ތަރާވީހު ނަމާދު ކޮށް ނިމުމުން ލިބޭ ވަގުތުކޮޅު މިކަމަށް ޚާއްސަ ކޮށްލުން މާ ރަނގަޅު ވާނެ އެވެ.

އެހެން ނަމަވެސް ސަމާލުވާށެވެ. ފޮނި އެއްޗެހީގައި ގިނަ އަދަދަކަށް ކެލޮރީސް ހިމެނޭނެ އެވެ. ކެވޭ މިންވަރު ކޮންޓްރޯލުން ނައްޓާލައިގެން ނުވާނެ އެވެ. އެ މަސްއޫލިއްޔަތު ވެސް އޮންނާނީ ތިމާގެ އަމިއްލަ އަތް މަތީގަ އެވެ.