އިސްތިއުނާފު މަރުހަލާގައި ދައުލަތުގެ މީޑިޔާ، އެމްބީސީގެ މައްސަލަ ކޮންމެ ގޮތަކަށް ކޯޓުން ނިންމި ނަމަވެސް އެގޮތަކަށް އިހުތިރާމް ކުރާނެ ކަމަށާއި އެހެން ނަމަވެސް އެމްއެންބީސީ އުވާ ނުލައި ހިންގާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

އެމްބީސީ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެމްއެންބީސީގެ ޑިރެކްޓަރުންގެ ބޯޑާއި އެކުންފުނީގެ މުވައްޒަފުންނާއެކު ބޭއްވެވި ބައްދަލުވުންތަކާބެހޭ ގޮތުން ޕްރެސް ސެކްރެޓްރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ އެމްއެންބީސީގެ ޑިރެކްޓަރުންގެ ބޯޑާއި މުވައްޒަފުންނާއެކު ބޭއްވި، ދެ ބައްދަލުވުމުގައި ވެސް މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ސިވިލް ކޯޓުގެ ހުކުމާ ގުޅިގެން ތަނުގެ މުވައްޒަފުންނަށް އެއްވެސް ދެރައެއް ލިބުނަ ނުދިނުމުގެ މައްޗަށް ކަމަށެވެ. އަދި ކޯޓުން ކޮށްފައިވާ ހުކުމުން އެމްއެންބީސީ ހިންގުމަކަށް ހުރަސްނާޅާ ކަމަށާއި އެހެންކަމުން އެ ކުންފުނި އުވާލަން ނުޖެހޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ކަމަށްވެސް ޒުހެއިރު ވިދާޅުވި އެވެ.

ޒުހައިރު އަދި ވިދާޅުވީ އެމްއެންބީސީގެ ދަށުން ހިންގާ ކުރީގެ ޓީވީއެމް އާއި ރޭޑިއޯގެ މައްސަލާގައި ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން މުވައްޒަފުން އެމްބީސީއަށް ދިއުމަކީ އެމީހުންގެ އަމިއްލަ އިހްތިޔާރުގައި އޮތް ކަމެއް ކަމަށާއި އެމްއެންބީސީ ދެމި އޮންނާނެ ކަމަށެވެ. އަދި އެމްއެންބީސީ އަކީ ބޯޑަކުން ހިންގާ ކުންފުންޏެއް ކަމަށްވާއިރު ބޯޑަކުން ހިންގާ ކުންފުންޏެއް އެހެން ބަޔެއްގެ މައްޗަށް ބަދަލުކުރާއިރު އަދުލުވެރި ބަދަލެއް ދޭންޖެހޭނެ ކަމަށް ސަރުކާރުން ދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ މީޑިއާ އެމްބީސީއާ ހަވާލުކުރުމަށް ޝަރުއީ އެންމެފަހު މަރުހަލާއިން ނިންމައި، ދައުލަތުގެ ރޭޑިއޯ އާއި ޓީވީ ހިންގާ އިމާރާތް ވެސް އެމްބީސީއަށް ދޭން ޖެހިއްޖެނަމަ އެހެން އިމާރާތެއް އެމްއެންބީސީ އަށް ދީގެން ނަމަވެސް އެތަން ހިންގާނެ ކަމަށް ޒުހެއިރު ވިދާޅުވި އެވެ.

" ކޯޓްގެ ހުކުމަކުން ސަރުކާރުން ހިންގާ ކުންފުންޏަކަށް ހުރަސް އެޅިގެން ނުދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި. އަދި އެމްއެންބީސީގެ މުވައްޒަފުނަށް ހިމާޔަތާއި ރައްކާތެރިކަން ސަރުކާރުން އަބަދުވެސް ދޭނެ ކަމަށް ވެސް ވިދާޅުވި،" ޒުހެއިރު ވިދާޅުވި އެވެ.

ދިވެހި ރާއްޖޭގެ އަޑުގައިވާ މުދަލާއި ދައުލަތުގެ ބަޖެޓުން އެދެތަނަށް ދީފައިވާ ފައިސާ އަދި މުވައްޒަފުން 20 ދުވަހުގެ ތެރޭގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އާ ހަވާލުކުރުމަށް މިދިޔަ ބުރާސްފަތު ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.